18 މާޗް 2023 - 10:38

އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި އެއްވުމެއްގެ ތެރެއިން ނޫސްވެރިޔަކު ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި، ފުލުހެއްގެ ގައިގައި ޖެހި މައްސަލައަކާ ގުޅިގެން ކަމަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާ ކަވަރުކުރަން އުޅުނު "އަވަސް" ނޫހުގެ އެ ނޫސްވެރިޔާ ހައްޔަރުކުރީ މުޒާހަރާ ކަވަރުކުރަން، ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ވެސް އަޅައިގެން ހުއްޓާ ކަމަށް ވާތީ ފުލުހުންނަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ނަމަވެސް ފުލުހުން ކުރި ޓްވީޓެއްގައި ބުނީ އެ ނޫސްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އެއްވުމުގެ ތެރެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތްކުރި ވަގުތު އެ ނޫސްވެރިޔާ އެކަމަށް ހުރަސްއަޅައި ފުލުހެއްގެ ގައިގައި ޖަހާފައިވާތީ ކަމަށެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އިދިކޮޅުން މާލޭގައި ބޭއްވި އެ އެއްވުން ރޫޅާލާފައި ވަނީ އެސްއޯ ފުލުހުން ނިކުމެ އެވެ.
ނޫސްވެރިޔާ ހައްޔަރުކުރި މައްސަލަ ކުށްވެރި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންނާއި ސަރުކާރަށް އެ ޖަމިއްޔާ އިން ވަނީ ގޮވާލައިފަ އެވެ.