17 މާޗް 2023 - 17:24

އިިދިކޮޅު ކޯލިޝަނުން މާލޭގައި ރޭ ބޭއްވި މުޒާހަރާ އިން ހައްޔަރު ކުރި ނޫސްވެރިޔާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މުޒާހަރާ ރޫޅާލަން ނިކުތް އެސްއޯ ފުލުހުން، "އަވަސް" ނޫހުގެ ވީޑިއޯ ޖާނަލިސްޓް ހުސެއިން ޖުމާން ހައްޔަރުކޮށްފައި ވަނީ އޭނާ ނޫސްވެރިއެއް ކަން އަންގައިދޭ ކާޑު ވެސް އަޅައިގެން ހުއްޓަ އެވެ. އޭނާ ހައްޔަރުކުރި ސަބަބު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ޖުމާންގެ ވަކީލެއް ގޮތުގައި ހުންނެވި ވަކީލް އާދަމް އާސިފް ވިދާޅުވީ މިއަދު ހަވީރު 4:30 ހާއިރު އޭނާ ދޫކޮށްލަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރެއިން ބައެއް އަނިޔާ ލިބި ފޯނަށް ގެއްލުންވެފައިވާ ކަމަށެވެ.
"ޖުމާން އާ ދެކޮޅަށް ތިން ފުލުހުން އޮތް ބަޔާން ދީފަ. އެހެން ނަމަވެސް އެއްވެސް ޝާރުތެއް ނެތި ދޫކޮށްލަން ކޯޓުން އަމުރު ކުރީ،" އާސިފް ވިދާޅުވި އެވެ.
އެ މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ނޫސްވެރިންނަށް މުޒާހަރާތަކުން އެކި ވަރުގެ އަނިޔާ ލިބެމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާތަކުގެ ހައްގުތައް ނިގުޅޭ ފަދަ މައްސަލަތައް މިއަހަރުގެ އިތުރުވެފައިވާ ކަމަށާއި މިހާތަނަށް އޭގެ އަށް މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.