17 މާޗް 2023 - 15:39

ގަތަރުގެ ހޯމް މިނިސްޓަރު ޝެއިހް ހަލީފާ ބިން ހައްމާދު ބިން ހަލީފާ އަލް ތާނީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައްދަލުކުރައްވައިފި އެވެ.
ހޯމް މިނިސްޓްރީން ބުނީ މިނިސްޓަރު އިމްރާން މިހާރު ދޯހާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަތަރުގެ ހޯމް މިނިސްޓަރުގެ އަރިހައަށް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވާފައިވާ ކަމަށެވެ.
ރޭ ދެ ބޭފުޅުން ބައްދަލުކުރައްވައި ވަނީ ސެކިއުރިޓީއާ ގުޅޭ ކަންކަމުގައި އެހީތެރިވެ، އެ ދާއިރާ ތަރައްގީކުރުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
އެ ދާއިރާގެ އިތުރުން ވެސް ދެ ގައުމުގެ މަސްލަހަތާ ގުޅޭ އެކި މައްސަލަތަކާ ގުޅިގެން އެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.
މިނިސްޓަރު އިމްރާން ގަތަރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިމަހުގެ 13 އިން 15 ގެ ނިޔަލަށް އެ ގައުމުގައި ބޭއްވި "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.