17 މާޗް 2023 - 13:17

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްނަގައިގެން މާލެ އާއި ރާއްޖޭގެ ބައެއް ރަށްތަކުގައި ސާފުކުރުމުގެ ހަރަކާތްތަކެއް ބާއްވައިފި އެވެ.

މާލޭގައި ބޭއްވި ސާފުކުރުމުގެ ހަރަކާތުގައި މިއަދު 12 ސަރަހައްދެއް ސާފުކުރި އެވެ.

ބޭންކުގެ 200 އެއްހާ މުވައްޒަފުން ބައިވެރިވި އެ ހަރަކާތުގައި މާލޭގެ އާޓިފިޝަލް ބީޗާއި ކާނިވާ ސަރަހައްދާއި އިންޑަސްޓްރިއަލް ޒޯނު އަދި ލޯކަލް މާރުކޭޓް ސަރަހައްދާއި އާންމު ސަރަހައްދުތަކުގެ މޫދު ވެސް ސާފުކޮށްފައިވެ އެވެ.
ބޭންކުން ބުނި ގޮތުގައި އެއީ މާލޭ ސިޓީ ކައުންސިލާއި ޑައިވް ޑެސްކް ވެސް ގުޅިގެން ބޭއްވި ހަރަކާތެކެވެ.
މިއީ މި މަހުގެ 20 ގައި ފާހަގަކުރާ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ބޭއްވި ހަރަކާތެއް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބޭންކުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުން ސާފުކުރި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެ ހަރަކާތް ފުރިހަމަކުރުމުގައި މުވައްޒަފުންނާއި ކައުންސިލުގެ ފަރާތުން ވެސް އެއްބާރުލުން ލިބިފައިވާތީ އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މި ހަރަކާތުގެ ތެރެއިން މާލެއިން ގާތްގަނޑަކަށް 8 ޓަނުގެ ކުނި ނަގާފައިވާއިރު ޖަމްބޯ ބޭގުގެ 6 ބޭގް ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕާލޭއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.
މާލޭގެ އިތުރުން ބީއެމްއެލްގެ ބްރާންޗުތައް ހުންނަ، ބައެއް ރަށްތަކުގައި ވެސް މި ހަރަކާތް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ އާއި ލ. ފޮނަދޫ އަދި ނ. ހޮޅުދޫ އާއި ށ. ފުނަދޫގެ އިތުރުން ކ. މާފުއްޓާއި ދ. ކުޑަހުވަދޫގެ ބީއެމްއެލް ބްރާންޗުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެސް ނިކުމެ ވަނީ އެ ރަށްތައް ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވެފަ އެވެ.