އެމެރިކާގެ ބޮޑު ބޭންކެއް ބަނގުރޫޓްވުމުގެ ކުރިން އެހެން ބޭންކުތަކުން 30 ބިލިއަން ޑޮލަރު ދީފި
އެމެރިކާގެ ބޮޑު ބޭންކެއް ބަނގުރޫޓްވުމުގެ ކުރިން އެހެން ބޭންކުތަކުން 30 ބިލިއަން ޑޮލަރު ދީފި

އެމެރިކާގެ ފަސްޓް ރިޕަބްލިކް ބޭންކުގެ އާމްދަނީ ދަށްވެ، ފައިސާ ދޫކުރުން ހުއްޓުމަކަށް ދާން ކައިރިވެފައި ވަނިކޮށް، ބޮޑެތި އެހެން ބޭންކުތަކުން 30 ބިލިއަން ޑޮލަރު ދީގެން އެ ހާލަތުން ސަލާމަތްކޮށްފި އެވެ.

ބޮޑެތި އަދަދުތަކުން ވަކިވަކި ކްލައިންޓުންގެ ވެސް ފައިސާ މެނޭޖުކުރާ "ފަސްޓް ރިޕަބްލިކް ބޭންކް" އަކީ އާމްދަނީ ދަށްވެ، މި ފަހުން އާންމުންގެ އިތުބާރު ގެއްލުނު އެމެރިކާގެ ތިންވަނަ ބޭންކެވެ. މީގެ ކުރިން ސިލިކޯން ވެލީ ބޭންކާއި ސިގްނޭޗާގެ އާމްދަނީ ދަށްވެ، އާންމުންގެ އިތުބާރު ވަނީ ގެއްލިފަ އެވެ.

އާންމުންނަށް ދޫކުރަންޖެހޭ ފައިސާތައް ވެސް ދޫނުކޮށް ހިފަހައްޓާފައި ހުރި ފަސްޓް ޕަބްލިކް ބޭންކަށް އެހީވި އެމެރިކާގެ ބޮޑެތި ބޭންކްތަކަކީ ޖޭޕީ މޯގަން ޗޭޒް އާއި ބޭންކް އޮފް އެމެރިކާ އާއި ވެލްސް ފޯގޯ ބޭންކާއި ސިޓީ ގުރޫޕާއި މޯގަން ސްޓޭންލީ އަދި ޓްރަސްޓް ބޭންކެވެ.

ބޭންކުތަކުން ނެރުނު ބަޔާނެއްގައި ބުނީ، އެ ތަންތަނުން ފޯރުކޮށްދިން އެހީގެ ސަބަބުން ފަސްޓް ރިޕަބްލިކާއި އެ ފެންވަރުގެ އެހެން ބޭންކްތަކަށް އިތުބާރު ބޮޑުވާނެ ކަމަށެވެ.

"އަދި ސަރަހައްދީ ބޭންކްތަކާއި ކުދި އަދި މެދުފަންތީގެ ބޭންކުތަކަކީ އެމެރިކާގެ މާލީ ނިޒާމުގެ ރަނގަޅަށް ހިންގުމަށް ވަރަށް މުހިންމު ބޭންކުތަކެއް،" ބަޔާނުގައި ވެ އެވެ.

ފަސްޓް ރިޕަބްލިކް ބޭންކުން ވަނީ މީޑިއާއާ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.