28 އެޕްރީލް 2023 - 11:14

މިދިޔަ މަހު ބޭއްވި، ގައުމީ ދިގު ފެތުމުގެ އިވެންޓުން އެއްވަނަ ހޯދި ހަމްނާ އަހުމަދު ފެތުންތެރިޔަކަށް ވީގޮތާއި ޗެމްޕިއަނަކަށްވީ ގޮތް ފަށަން ޖެހޭނީ، ކ. ކުޑަގިރި ފަޅުގައި 5 ކިލޯމީޓަރަށް ފަތައިގެން އޭނާ އެއްވަނަ ހޯދި ރޭހަށް ވުރެ ވެސް މާ ދުރުންނެވެ. ރާއްޖެ އާ ވެސް އެތައް މޭލެއް ދުރުންނެވެ.

އިންޑިއާގެ މައިސޫރުގައި ސްކޫލް ދައުރުގެ ފުރަތަމަ މަރުހަލާ ފެށި ހަމްނާ ފަތަން ދަސްކުރީ ސްކޫލްގެ މުގައްރަރުގައި ފަތަންދަސްކުރުމާއި ފެތުމުގެ ހުނަރުތައް ތަރަގީކުރުމަށް ހިމަނާފައި އޮތުމުންނެވެ. އެކަމަކު އެއީ ހަމައެކަނި މުގައްރަރުން ފުރިހަމަކުރަން ޖެހޭ ބައެއް ކަމުގައި ހަމްނާ ނުހެދި އެވެ.

ފެތުމުން، ރާއްޖޭގައި ވަނައެއް ހޯދުމުގެ ކުރިން ފަހުރުވެރި ވަނައެއް އޭނާ ހޯދީ މައިސޫރު ނިސްބަތްވާ ކަރްނާޓަކާގެ ސްޓޭޓް ސްކޫލް މުބާރާތެއްގަ އެވެ. ހަމްނާ ވާދަކުރި ކެޓަގަރީން މުޅި ކަރްނާޓަކާ ސްޓޭޓުން ދެވަނަ ހޯދި އެވެ. މައިސޫރުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު ހަމްނާގެ އާއިލާ 2012 ގައި މާލެ އަށް ބަދަލުވި އެވެ.

ރާއްޖޭގެ ސްކޫލް މަރުހަލާގައި ފެތުމުގެ ހުނަރުތައް ތަރައްގީ ކުރަން ސީދާ ލާޒިމުކޮށްފައި ނެތް ނަމަވެސް، އުމުރުން ހަގު އިރު ވެސް އެ ކުޅިވަރަށް ހަމްނާ ދިން ޝައުގަކަށް ބަދަލެއް ނުގެނެ އެވެ.

"މާލެ ބަދަލުވި ފުރަތަމަ ދުވަހު މަންމަ ކައިރީގައި ކިޔައިގެން ދިޔައީ އާޓިފިޝަލް ބީޗަށް ފަތަން. އިއްތިފާގުން ހަމްނާމެން ދިޔަ ގަޑީގައި ވެސް ނައުފަލް ސޯ މެން އުޅޭ ކުދިންނަށް ކޯޗުކޮށް ދޭން އާޓިފިޝަލް ބީޗުގައި. ދެން މަންމަ ގޮސް ނައުފަލް ކޯޗު ކައިރީ ބުނެގެން އެ ޕްރޮގްރާމަށް ހަމްނާ ބައިވެރި ކުރީ،" ހަމްނާ ކިޔައި ދިނެވެ.

ރާއްޖެ ބަދަލުވުމަކީ ހަމްނާގެ ފެތުމުގެ ހުނަރު ތަރައްގީ ކުރުމަށް ލިބުނު މާ ތަނަވަސް ފުރުސަތެއް ކަމަށްވި އެވެ. ނައުފަލް މޫސާއާ އެކު ހަމްނާ ކުރިއަށް ގެންދިޔަ ފުރަތަމަ ސެޝަނުގައި ވެސް އޭނާ އަކީ ރާއްޖޭގެ ކުރިމަގުގެ އުންމީދީ ފެތުންތެރިޔަކަށް ވާނެ ކަމަށް ނައުފަލް އަންދާޒާ ކުރި އެވެ. އާޓިފިޝަލް ބީޗުގެ ތޮށިގަނޑު މަތީގައި ހުރި ހަމްނާގެ މަންމަ ކައިރިން ނައުފަލް އެދުނީ މެދުނުކެނޑޭގޮތަށް ހަމްނާގެ ތަމްރީންތައް ގެންދިއުމަށް އެސޯސިއޭޝަންގެ ޕްރޮގްރާމްގައި ބައިވެރި ކުރުމަށެވެ.

"އަޅުގަނޑު ކައިރި އަށް އައިއިރު ކުޑަކުއްޖެއް. ހަމްނާގެ ހުނަރު ހުރިކަން ފުރަތަމަ ދުވަހު ވެސް އަޅުގަނޑަށް ފާގަގަވި. އޭނަގެ މަންމަ ކައިރީގައި ބުނިން ރާއްޖޭގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާ އަށް ހަމްނާ އަށް ވެވޭނެ. އެ ހުނަރު އެބަހުއްޓޭ،" އޭރުގެ ހަނދާންތައް އާ ކުރަމުން ނައުފަލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ބެކްސްޓްރޯކް އިވެންޓްތަކުގައި މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ފެތުންތެރިޔަކީ ހަމްނާ އެވެ.
ކޯޗުންގެ ބަހަށް ސްވިމިން އެސޯސިއޭޝަނުން ވެސް އުންމީދީ ފެތުންތެރިޔަކަށް ހަމްނާ ވާނެ ކަމަށް ލަފާ ކުރި ނަމަވެސް، ރާއްޖޭގައި ވަނަތައް ހޯދަން އޭނާ ބުރަ މަސައްކަތެއް ކުރަން ޖެހުނެވެ. ފުރަތަމަ ތިން އަހަރު އޭނާ ދިޔައީ ރޭސްތަކުގެ ފުލަށެވެ. އެކަމަކު 2015 ގައި ގައުމީ މުބާރާތުގައި 12 އަހަރުން ދަށުގެ ކެޓަގަރީން އެއްވަނަ ލިބުނު ހިސާބުން ހަމްނާ ދެން ކާމިޔާބާ ހަމައަށް ދީލާލި އެވެ.
"ރާއްޖެ އައިސް އެންމެ ފުރަތަމަ ހަމަ ބޭސިކުން ފެށީ. ހަމްނާ އަށް އޭރު ވެސް އެނގޭ ވަރަށް ބުރަ މަސައްކަތުކަން ކުރިއަށް އެރޭނީ. ހަމްނާ އަށް މި ހިސާބަށް ވެސް އާދެވުނީ ވަރަށް ގިނަ އޮބްސްޓަކަލްސް [ހުރަސްތައް] ގިރަކޮށްގެން. ވަރަށް ހާޑްވޯކް އެއީ. ފާހަގަ ކުރަން ބޭނުން އެޑަމް ކޯޗުގެ ނަން މިހސާބަށް އައުމުގައި،" ހަމްނާ ބުންޏެވެ.
"އެޑަމް ކޯޗު އަޅުގަނޑަށް ވިސްނައި ދިނީ އަޅުގަނޑަށް ކުރެވޭނެކަން. އޭގެ ފަހުން 2019 ގައި ކޯޗާ އެކު ހެދި ޓްރޭނިންތަކާއެކު ރެކޯޑް ބްރޭކް ކުރެވުނީ. އެހެން ކޯޗުނަށް ވެސް ޝުކުރުވެރިވަން. އިއްބެ ކޯޗު، ފަރޭ ކޯޗު ސާމީ ކޯޗު އަދި ނައުފަލް ކޯޗުގެ ނަން ފާހަގަކުރަން ބޭނުން."
ފެތުންތެރިޔެއްގެ ގޮތުގައި ގައުމީ ފެންވަރުގައެއް ހަމްނާގެ ނަމަށް ވިދުން ލިބުނީ އޭނާގެ މަންމަ ހައްވާ ނާސިހާގެ ހިތްވަރުންނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ހިތްވަރު ގަދަ މަންމަގެ މި ވާހަކަ ކިޔައިދިން އިރު ހަމްނާ ހުރީ ފެންކަޅިވެފަ އެވެ.
ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ހަމްނާ، ކޮންމެ ދުވަހަކު ތަމްރީންތަކަށް ގެންދަން މަންމަ ދިން އަހަމިއްޔަތުކަން އިހްސާސްވުމުން ބޮޑު ހިތްވަރަކަށް އެކަން ވާ ކަމަށް ހަމްނާ ބުންޏެވެ.
"އޭރު ނޯންނާނެ ބްރިޖެއް. އެކަމަކު ކޮންމެ ރެޔަކު ފަތިހު 4 ޖަހާއިރު މަންމަ ހޭލައިގެން ހަމްނާ ތައްޔަރުކޮށްގެން ހިނގާފައި ފެރީ އަށް ގޮސް އަނެއްކާ މާލޭގައި ވެސް ހިނގާފައި ގޮސް ސްވިމިން ޓްރެކަށް ހަމްނާ ގެންދާނެ. ހަމަ އެންމެ ދުވަހެއް ވެސް މިސްކޮށްނުލާ. ހަމްނާ ލާފައި އައިސް މަންމަ އަނެއްކާ ހުޅުމާލެ އަށް ގޮސް ތައްޔާރުވެގެން އޮފީހަށް އަންނާނީ. ހަމަ މަންމަގެ ނިދި ގުރުބާންކޮށްފަ އެހާ ފަތިހު ހޭލައިގެން، ޕްރެކްޓިސް އަށް ލައިފަ މަންމަ އޮފީހަށް ދަމުން ދެން އަނެއްކާ ސްކޫލަށް ލައިދެމުން، އަނެއްކާ ހަވީރު ޕްރެކްޓިސްލާފައި އައިސް މަންމަ އަށް ކިރިޔާ ވެސް ވަގުތެއް ވާނީ،" ފެންކަޅިވެފައި ހުރި ހަމްނާ ބުންޏެވެ.
"މަންމަގެ ހުރިހާ ކަމެއް ސެކްރިފައިސް ކޮށްފައި ވިޔަސް މުބާރާތެއް އޮތިއްޔާ އަވީގައި ހުންނަން ޖެހުނަސް މަންމަ ހުންނާނެ ބަލަން އައިސް. ހުރިހާ މުބާރާތެއްގެ ހަމްނާގެ ހުރިހާ އިވެންޓެއް ނިމެންދެން މަންމަ ހުންނާނެ ބަލަން."
ގައުމީ ފެންވަރުގައި ހޯދަމުންދާ ކާމިޔާބުތަކުގައި ހަމްނާގެ އުންމީދުޔައް މިހާރު ގުޅިފައި އޮތީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ އަށް ކާމިޔާބު ހޯދައިދިނުމެވެ.