16 މާޗް 2023 - 15:53

އަންހެން ފަނޑިޔާރުން ހޯދަން ވަކާލާތު ކުރަން ނުޖެހޭ ހިސާބަށް ދިއުމުން ނޫނީ އެކަށީގެންވާ އަދަދަށް އަންހެން ފަނޑިޔާރުން ލިބުނު ކަމަށް ނުބެލެވޭނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ވިމެން ޖަޖްސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ތަފާސްހިސާބުތަކަށް ބަލައިގެން އަންހެން ފަނޑިޔާރުން އިތުރުކުރަން ވަކާލާތު ކުރަން ނުޖެހޭ ހިސާބަށް ދިއުމުން ނޫނީ އެކަށީގެންވާ އަދަދަށް އަންހެން ފަނޑިޔާރުން ތިބި ކަމަށް ނުވާނެ ކަމަށެވެ. އަދި އަންހެން ފަނޑިޔާރު ތިބެންވީ ކިހާ އަދަދަކަށްތޯ ސުވާލު ކުރުން ހުއްޓާލުމުން ނޫނީ އެކަށީގެންވާ ވަރަށް އަންހެން ފަނޑިޔާރުން ލިބުނު ކަމަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮންފަރެންސްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ ތައުލީމާއި ތަމްރީނު ދިނުމުގައި ވެސް އަންހެން ފަނޑިޔާރުންނާއި އަންހެން މުވައްޒަފުންނަށް އިތުރު ފުރުސަތު ދީ، ދެ ޖިންސުގެ މެދުގައި ހަމަހަމަކަން ގެންނަން އިސްކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ.
އެއީ އަންހެން ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީ އާއި ޔޫއެންޑީޕީ އާއި އިނގިރޭސި ސަރުކާރުގެ އެހީތެރިކަމާ އެކު އިއްޔެ އާއި މިއަދު ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި 22 އަންހެން ފަނޑިޔާރުން ބައިވެރިވެ އެވެ.