ދަރިފުޅު ރޯތީ އުނދަގޫވާ ނަމަ މި ވާހަކަ ކިޔާލާ
ދަރިފުޅު ރޯތީ އުނދަގޫވާ ނަމަ މި ވާހަކަ ކިޔާލާ

އަލަށް ދަރިއަކު ލިބިގެން އުޅޭ ދެމަފިރިންނަށް، ތުއްތު ކުދިން ގެންގުޅުމަކީ ކިހާ އުނދަގޫ ކަމެއްކަން ވަރަށް ރަނގަޅަށް އިހްސާސް ކުރެވޭނެ އެވެ. ރޭގަނޑު ހަމަ ނިދި ނިދާ ނުލެވޭނެ އެވެ. އަމިއްލަ ނަފްސަށް ކަމެއް ކޮށްލާނެ ވަގުތުކޮޅެއް ނުލިބެ އެވެ. އަދި ކެތްތެރިކަމަކީ ކިހާ މުހިއްމު އަދި ބޭނުންތެރި އެއްޗެއްކަން ވެސް އެންމެ ރަނގަޅަށް އިހްސާސް ކުރެވޭނީ މިފަދަ މީހުންނަށެވެ. ޚާއްސަކޮށް އަލަށް ދަރިއަކު ލިބިގެން އުޅޭ މަންމައިންނަށެވެ.

ދަރިފުޅު ރޯތީ އުނދަގޫވާ ނަމަ މި ވާހަކަ ކިޔާލާ
ދަރިފުޅު ރޯތީ އުނދަގޫވާ ނަމަ މި ވާހަކަ ކިޔާލާ

ތުއްތު ތުއްތު ފުރާނަ އެކެވެ. ނަމަވެސް އެ ކުއްޖާފުޅަށް ކޮށްދޭންޖެހޭ ކަންތައް ބައިވަރެވެ. އިރުކޮޅަކާ ޑައިޕާ ބަދަލުކޮށްދޭން ޖެހެ އެވެ. ބުއް ދޭން ޖެހެ އެވެ. ނުވިތާކަށް ރޭގަނޑު އެންމެން އަރާމު ނިދީގައި ތިބޭ ގަޑީގައި ދަރިފުޅު އުރާލައިގެން ނާނާ ކިޔާލަ ކިޔާލާ ކޮޅަށް ހުންނަން ޖެހޭ ރޭތައް ގިނަ އެވެ. އެވަރުން ވެސް ދަރިފުޅު ހުއްޓާނުލައިފި ނަމަ ތެދުވެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފަތިސްވާ ރޭރޭ ވެސް ވަކިން މަދެއް ނުވާނެ އެވެ. ނިދި ގެއްލި ވަރުބަލިވުމުން ބައެއް ފަހަރަށް މިކަންތައްތަކާ ފޫހިވެސް ވެވޭނެ އެވެ. ނަމަވެސް ދަރިފުޅުގެ ކަންތައްތައް ބަރާބަރަށް ކޮށްދެވުމުން އެ ލިބޭ ހިތްހަމަޖެހުން މަންމައަކަށް ނޫނީ އިހްސާސެއް ނުވާނެ އެވެ. ދަރިއަކު ބެލުމުގައި ހުރި ހިތްގައިމުކަމާއި ބިރުވެރިކަން އެއީ ވަރަށް އާދަޔާޚިލާފު ތަޖުރިބާ އެކެވެ.

ފޭސްބުކްގައި މަންމައަކު ހިއްސާކުރި ވަރަށް އާދަޔާޚިލާފު އަސަރުގަދަ ވާހަކައެއް ގިނަ ބައެއްގެ ހިތާ ކުޅެލައިފި އެވެ. ދަރިއަކު ގެންގުޅެ ބޮޑުކުރުމުގެ ޒިންމާއާ ބެހޭ ގޮތުން އެ ވާހަކައިން ލިބުނު ވަރުގަދަ މެސެޖުގެ ސަބަބުންނެވެ.

ޑޭނާ މޭގާ ކިޔާ މި އަންހެންމީހާ އޭނާގެ ފަސް މަހުގެ ތުއްތު ދަރިފުޅުގެ ކައިރީގައި ވަރުބަލިވެގެން ނިދިފައި އޮއްވައި އޭނާގެ ފިރިމީހާ މެޓް ނަގާފައިވާ ފޮޓޯއާ އެކު ޑޭނާ ލިޔެފައިވާ ވާހަކައަކީ އިބުރަތުން ފުރިގެންވާ ވާހަކަ އެކެވެ.

ޑޭނާ ލިޔެފައިވާ ގޮތުގައި ދަރިފުޅު އޮތް އެނދަށް އަރާ އޭނާއަށް އޮށޯވެލެވުނީ ރޮއިރޮއި ހަލާކުވަމުންދިޔަ ދަރިފުޅު ހުއްޓާލެއްވުމަށެވެ. ދަތް ފަޅާތީ ލިބޭ އުނދަގޫތަކާއެކު ދަރިފުޅު އޮތީ ރޮއެރޮއެ މޫނު ވެސް ރަތްވެފަ އެވެ. އެންމެ ފަހުން ދަރިފުޅު ނިންދަވަން އުޅެ ވަރުބަލިވެގެން އޭނާއަށް ވެސް ދަރިފުޅާއެކު ލޯ މެރުނީ އެވެ.

ޑޭނާ ބުނި ގޮތުގައި އޭނާގެ ތުއްތު ދަރިފުޅު ދޫކޮށްލާފައި ބޭރަށް ދިޔަ އެއީ ފުރަތަމަ ދުވަހެވެ. އެ ދުވަހު އޭނާއާ ބައްދަލުވި މީހަކު ޔޫގެންޑާގައި ހުރި ޔަތީމު ޚާނާއެއްގެ ތަޖުރިބާ ކިޔައިދިނެވެ.

"އޭނާ އެ ޔަތީމު ޚާނާގައިވާ ނާސަރީއެއްގެ ތެރެއަށް ވަނެވެ. އެ ނާސަރީގައި 100 އަށް ވުރެ ގިނަ ކުދި އެނދު ހުއްޓެވެ. އެ ހުރިހާ އެނދެއްގައި ވެސް ތުއްތު ކުދިން ތިއްބެވެ. އޭނާއަށް އެތަނުން ފެނުނީ ހަމަހިމޭން ކަމެވެ. އެ ހުރިހާ ކުދިން ތިބިއިރުވެސް އެންމެ ކުއްޖަކުވެސް ކުކުރާލާ އަޑުވެސް ނީވެ އެވެ. ސަތޭކަ ކުދިން ތިބި ނާސަރީ އަކުން މިފަދަ އެއްވެސް އަޑެއް ނީވުމަކީ ވަރަށް ނާދިރު ކަމެކެވެ. ހައިރާންވެ އަދި ވާނުވާ ނޭގިފައިހުރެ އޭނާ އެ ޔަތީމުޚާނާގައި ކުދިން ބަލަހައްޓަން ހުރި މީހާއާ ދިމާލަށް އެނބުރުނެވެ. އަދި އެ ނާސަރީ އިން އެއްވެސް އަޑެއް ބަޑެއް ނީވެނީ ކީއްވެތޯ ސުވާލުކުރި އެވެ.

އެތަން ބަލަހައްޓަން ހުރި އަންހެންމީހާ ބުނިކަމަށް ވަނީ މިހެންނެވެ.

"ކުދިން މިތަނަށް ގެންނަތާ ހަފުތާއެއްހާ ދުވަސް ވަންދެން އެތައް ގަޑިއިރެއް ވަންދެން ހުއްޓުމެއް ނެތި ރޯނެ އެވެ. ދެން މަޑުމަޑުން ރުއިން ހުއްޓާލާނެ. ކިތަންމެ ވަރަކަށް ރުޔަސް އެކުދިންނާ އަޅާލާނެ މީހަކު ނުވާނެކަން އެކުދިންނަށް ވިސްނިގެން."

މި ވާހަކައިން ޑޭނާގެ ހިތް ހަލާކުވެ ވަގުތުން ރޯން ފެށުނުކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އޭނާގެ ލޯބިވާ ތުއްތު ދަރިފުޅަށް އެދުވަހު އޭނާ ވައުދުވި އެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ކޮށްދޭނެކަމުގެ އެވެ. އަދި އަބަދުވެސް ދަރިފުޅާއެކު އޭނާ ހުންނާނެ ކަމުގެ އެވެ.

"ދަންވަރު 2:00 ގައި ދަރިފުޅު ރޯން ފެށުމާ އެކު އަހަރެން އަވަހަށް އޭނާ ކައިރިއަށް އަންނާނަމެވެ. ދަރިފުޅަށް ލިބޭ ކޮންމެ އަނިޔާއެއް، ދަރިފުޅުގެ ހިތް ހަލާކުވާ ކޮންމެ ފަހަރަކު ދަރިފުޅުގެ ކައިރިއަށް އަންނާނަމެވެ. ހަޔާތުގައި ދަރިފުޅަށް ދިމާވާ ކޮންމެ ކަމެއްގައި ދަރިފުޅާއެކު ވާނަމެވެ. އެންމެ ފަހުގެ ނޭވާއާ ހަމައަށެވެ." މިއީ ޑޭނާ އޭނާގެ ތުއްތު ދަރިފުޅަށް ވީ ވައުދެވެ.