16 މާޗް 2023 - 13:34

އެމްއެމްޕީއާރްސީގެ ހިޔާނަތުގެ ފައިސާ ބޭނުން ކުރިކަމަށް ތުހުމަތު ކުރެވޭތީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ސިފައިންގެ ކުރީގެ ޗީފް މޫސާ އަލީ ޖަލީލަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް ފޮނުވައިފި އެވެ.
ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް މޫސާ އަލީ ޖަލީލަށް ލިބިފައިވާ ފައިސާ އަކީ އުސޫލާ ހިލާފަށް ހޯދާފައިވާ ފައިސާކަން ތަހްގީގަށް ސާބިތުވެފައިވާކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ މޫސާ އަލީ ޖަލީލްގެ އަމިއްލަ ބޭންކް އެކައުންޓަށް އެ ފައިސާ ޖަމާކޮށް ބޭނުންކޮށްފައިވާ ކަމަށެވެ.
އެހެންވެ އޭސީސީން ވަނީ މި މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ރުފިޔާ މޫސާ އަލީ ޖަލީލް އަތުން އަނބުރާ ހޯދަން އެމްއެމްޕީއާރްސީ އަށް އަންގައިފަ އެވެ.
ދައުވާކޮށްދިނުމަށް އޭސީސީން އެދިފައިވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ގިނަ ބަޔަކު ހިމެނޭއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަނީ އެއް މައްސަލައެއްގައި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އަދި ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ވެސް ވަނީ ޚިޔާނާތުގެ ކުށް ސާބިތުވެފަ އެވެ. އެކަމަކު އެ ދެ ބޭފުޅުންގެ މައްޗަށް ކުރި ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު ހެދި އެއްބަސްވުުމުގެ ދަށުން ދީފައި ވަނީ ކުށުގެ ނިސްބަތުން ވަރަށް ކުޑަ އަދަބެކެވެ. އަދި އެ ބޭފުޅުން ހުކުމް ތަންފީޒުކުރާ މުއްދަތުގައި ތިބޭ ގޭގަ އެވެ.