16 މާޗް 2023 - 12:05

ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު އެތެރެކުރުމުގެ ކުރިން ހުއްދަ ހޯދުމަށް އޮތް އޮތުން، 14 އަހަރު ފަހުން ޓްރާންސްޕޯޓު މިނިސްޓްރީން އިއްޔެ އުވާލައިފި އެވެ.
އިންޖީނު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދަށް ގެނައި މި އިސްލާހާ އެކު އާއްމުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބި، މަސައްކަތް އަވަސްވާނެ ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.
އެ އިސްލާހު ގެނައުމާ ހަމައަށް L10 ގެ ގޮތުގައި، ހަތަރު ފުރޮޅު ލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ކުރިން ހުއްދައެއް ޓްރާންސްޕޯޓު މިނިސްޓްރީން ހޯދަންޖެހެ އެވެ. އަދި އެ ހުއްދަ ހޯދުމަށްޓަކައި އުޅަނދުގެ މައުލޫމާތު ހިމެނޭ ޑީ ރަޖިސްޓްރޭޝަން ފޯމު ނުވަތަ ރަޖިސްޓަރީ ނުކުރާ އުޅަނދެއް ނަމަ އެ އުޅަނދު އުފެއްދި ކުންފުނިން ދޫކުރާ އޮރިޖިނަލް ލިޔުމެއް ހުށަހަޅަންޖެހެ އެވެ.
މިނިސްޓްރީން ބުނީ އެ ލިޔުމުގައި ހުރުމަށް ލާޒިމްކުރާ ގިނަ ކަންތައްތަކަކީ ބައެއް ގައުމުތަކުން ހޯދަން އުނދަގޫ މައުލޫމާތު ކަމަށެވެ. އެ ލިޔުން ހޯދަން ގަރާޖާ ބެހޭ މައުލޫމާތު ނުވަތަ ގަރާޖު ހުއްދަ ހުށަހަޅަން ޖެހެ އެވެ.
އެ ބަދަލު ގެނައުމާ އެކު މި ކޮންޓްރޯލް ދެން ބަލާނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ލިޔުންތައް ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމުންނެވެ. އެހެންވެ، ދެ ޕްރޮސެސްއެއްގައި ބަލަލުން ދިޔަ ކަންކަން އެއް ޕްރޮސެސްއަށް ބަދަލުވާނެ އެވެ.
ގަވައިދުގައިވާ ގޮތުން، L10 ހުއްދަ ހޯދުމަކާ ނުލައި އުޅަނދު ފަހަރު ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނެ އެވެ. އެގޮތުން، ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަކޮށްފައިވާ LR1 ގެ ފޯމާ އެކު މުޅިން އާ އުޅަނދެއް ނަމަ މެނުފެކްޗާ ސެޓްފިކެޓް ނުވަތަ އުޅަނދު އުފެއްދި ފަރާތުން ދޫކުރާ ލިޔުން ނުވަތަ އިންވޮއިސް ނުވަތަ ޑީ ރަޖިސްޓްރޭޝަން ނުވަތަ އެކްސްޕޯޓް ސެޓްފިކެޓްގައި އެ އުޅަނދު އުފެއްދި ކުންފުނީގެ ނަން، މޮޑެލް ނަންބަރު، އިންޖީނު ނަންބަރު، ޗެސިސް ނަންބަރު އަދި އުޅަނދު އުފެއްދި އަހަރު ބަޔާންކޮށްފައި އޮންނަން ޖެހެ އެވެ.
އޭގެ އިތުރުން ރޯޑު ވާދިނަސް ރިޕޯޓް އަދި ގަރާޖު ކުރުމަށް ކަމާބެހޭ އިދާރާއިން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންޖެހެ އެވެ.