އެޗްޑީސީން ވައްކަންކުރި މުވައްޒަފަކު ވަކިކޮށްފި
އެޗްޑީސީން ވައްކަންކުރި މުވައްޒަފަކު ވަކިކޮށްފި

އެޗްޑީސީން ވައްކަން ކުރި މައްސަލައެއްގައި އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި އެވެ.

އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހް ވިދާޅުވީ ވައްކަމުގެ މައްސަލަ ފެންމަތިވުމާ އެކު އެ މުވައްޒަފު އެންމެ ފުރަތަމަ ސަސްޕެންޑުކުރީ ކަމަށެވެ. ނަމަވެސް، އިންޓާނަލް ތަހުގީގު ނިންމުމަށް ފަހު މިިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަކިކޮށްފައިވާ ކަމަށް މިމްރާހު ވިދާޅުވި އެވެ.

އެ މައްސަލަ ފުލުހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ވައްކަމާ ގުޅޭ ގޮތުން އެޗްޑީސީން ތަފްސީލެއް ނުދެ އެވެ. އެކަމަކު ފްލެޓްތަކަށް ކުލީގެ ގޮތުގައި ދެއްކި ފައިސާތަކެއް ގެއްލިގެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

އެޗްޑީސީގެ މުވައްޒަފަކު މިލިއަނެއްހާ ރުފިޔާގެ ރިޝްވަތު ނަގައިގެން ތިލަފުށިން ބިމެއް ވިއްކަން އުޅުނު މައްސަލައެއް ވެސް ވަނީ ފަޅާއަރައިފަ އެވެ. އެކަމާ ގުޅިގެން އެ މުވައްޒަފު ވަނީ ސަސްޕެންޑުކޮށްފަ އެވެ.