ޑުބާއީގައި "ރައީސް" އިސްތިހާރުކުރަން ޝާހްރުކާ އެކު މާހިރާ ބައިވެރިވާނެ
ޑުބާއީގައި "ރައީސް" އިސްތިހާރުކުރަން ޝާހްރުކާ އެކު މާހިރާ ބައިވެރިވާނެ

ޕާކިސްތާނު އެކްޓަރަކަށް ވީތީ އިންޑިއާގައި "ރައީސް" ޕްރޮމޯޓްކުރުމުގެ ފުރުސަތެއް މާހިރާ ޚާން އަކަށް ނެތެވެ. ނަމަވެސް ފިލްމުގެ ބަތަލު ޝާހްރުކް ޚާނާ އެކު ޑުބާއީ އޮންނަ ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކުގައި މާހިރާ ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މިހާރު ޝާހްރުކް އާއި "ރައީސް"ގެ ޑައިރެކްޓަރު ރާހޫލް ޑޯލަކިޔާ އަދި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ ވެސް ތިބީ ޑުބާއީގަ އެވެ. މި ޓީމާ ބައިވެރިވެގެން ޑުބާއީގައި "ރައީސް" ޕްރޮމޯޓްކުރުމުގައި މާހިރާ ބައިވެރިވާނެ އެވެ.

މި ޕްރޮމޯޝަންތަކުގެ ތެރޭގައި ފިލްމުގެ ބައެއް ލަވަތައް ވެސް ޝާހްރުކް އާއި މާހިރާ ޕާފޯމްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި މިހާރު އެންމެ ގަދަޔަށް ހިނގާ "ޒާލިމާ" ހިމެނެ އެވެ. އަދި ޖެނުއަރީ 22 ވަނަ ދުވަހު "ރައީސް"ގެ ޓީމުގެ އެންމެން ބައިވެރިވާ ޕްރެސް ކޮންފަރެންސެއް ވެސް ޑުބާއީގައި ބާއްވާނެ އެވެ. މި ޕްރެސް ކޮންފަރެންސްގައި ވެސް ޝާހްރުކާ އެކު މާހިރާ ބައިވެރިވާނެ އެވެ.

"ރައީސް"ގެ ލަވަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ "ޒާލިމާ" އަކީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޝާހްރުކް އާއި މާހިރާ ޔޫއޭއީ އާއި މޮރޮކޯގައި ޝޫޓްކޮށްފައިވާ ލަވަ އެކެވެ. މި ލަވަ ޝޫޓްކުރާކަން އެނގިގެން އިންޑިއާގައި މައްސަލަ ބޮޑުވެދާނެތީ ލަވަ ނަގާފައިވަނީ ވަރަށް ސިއްރުންނެވެ. ނަމަވެސް ލަވަ ޝޫޓްކުރަން އުޅޭ ވާހަކަ އިންޑިއާގެ ބައެއް ނޫސްތަކުގައި އޭރުވެސް ޖެހި އެވެ.

"ރައީސް"ގެ ބަތަލާއަކީ މާހިރާއަށް ވާތީ އިންޑިއާގެ ބައެއް ސިޔާސީ ޕާޓީތަކުން މިހާރު ވެސް އެ ފިލްމު އެޅުވިޔަ ނުދޭން ވެސް ތަފާތު މަސައްކަތްތައް ދަނީ ކުރަމުންނެވެ. އެގޮތުން ޑިސްޓްރިބިއުޓަރުންނަށް ބިރު ދެއްކުމާއި ސިނަމާ ހޯލްތަކުގެ ވެރިންނަށް އިންޒާރުތައް ދިނުން ފަދަ ކަންތައްތައް ކުރަމުން ދެ އެވެ. ނަމަވެސް ކަނޑައެޅިފައިވާ ތާރީޚު ކަމަށްވާ މި މަހުގެ 25 ގައި ފިލްމު ރިލިޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ބޮކްސް އޮފީހުގައި މި ފިލްމާއި ރިތިކް ރޯޝަންގެ "ގާބިލް"ގެ ބޮޑު ކުރިމަތިލުމެއް އޮންނާނެކަމަކަށް ވަނީ ބެލެވިފަ އެވެ.