16 މާޗް 2023 - 12:14

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ބޭއްވި އިންޓަ ސްކޫލް ޖޫނިއާ ޗެމްޕިއަންޝިޕުގެ 13 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ހޯދި އިރު، 15 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ސްކޫލް ހޯދައިފި އެވެ.

ބުދަ ދުވަހު ކުޅެވުނު ހަތަރު ފައިނަލް ގައި ވެސް ކުޅުނު އެއް ސްކޫލަކީ އިސްކަންދަރު ސްކޫލެވެ. ގިޔާސުއްދީން ސްކޫލް ދެ ފައިނަލުގައި ކުޅުނު އިރު އަހުމަދިއްޔާ އާއި ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ވެސް ކުޅެފައިވެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހު ފުރަތަމަ ކުޅުނީ 15 އަހަރުން ދަށުގެ އަންހެން ފައިނަލެވެ. އިސްކަންދަރާ ވާދަކޮށް އެ މެޗު 46-29 އިން ކާމިޔާބު ކުރީ މުޅި މެޗު ޑޮމިނޭޓް ކުރި އަހުމަދިއްޔާ އެވެ.

ދެން ކުޅެވުނު 15 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން އިސްކަންދަރު ހޯދީ 46-5 އިން ބިލަބޮންގް ސްކޫލް ބަލިކޮށްފަ އެވެ. މި މެޗްގެ ފުރަތަމަ ކުއާޓާ ގައި ބިލަބޮންގަށް އެންމެ ޕޮއިންޓެއް ވެސް ނުހޯދުނެވެ.

ޖޫނިއާ ޗެމްޕިއަންޝިޕްގެ 13 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ގިޔާސުއްދީން ހޯދީ 30-17 އިން އިސްކަންދަރު ސްކޫލް ބަލިކޮށްފަ އެވެ. އަދި މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަންކަން ގިޔާސުއްދީން ހޯދީ 30-20 ޕޮއިންޓުން އިސްކަންދަރު ބަލިކޮށްގެންނެވެ.

ބުދަ ދުވަހު ކުޅުނު ހަތަރު ފައިނަލަށް ފަހު ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވަނީ ފެބްރުއަރީ މަހު ބޭއްވި 17 އަހަރާއި 19 އަހަރުން ދަށުގެ އުމުރުފުރާގެ މުބާރާތަކުގެ ވަނަތަކަށް އައި ޓީމުތަކާއި ކުޅުންތެރިންނަށް ވެސް އެވޯޑް ދީފަ އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ބިލަބޮންގް ސްކޫލް އަދި އަންހެން ބައިގެ ޗެމްޕިއަން އިމާދުއްދީން ސްކޫލް ހޯދިއިރު، 19 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޗެމްޕިއަންކަން ވެސް ހޯދައިފައި ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލެވެ.