15 މާޗް 2023 - 15:17

ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން އަންނަ އަންގާރަ ދުވަހު ހަވީރު ކުޅޭ ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ލ. ގަމުގައި ބާއްވަން އެފްއޭއެމުން ނިންމައިފި އެވެ.
މިއީ މާލެ އާއި އައްޑޫ ފިޔަވައި، ރާއްޖޭގެ އެހެން ހިސާބެއްގައި ގައުމީ ފުޓްބޯޅަ ޓީމުން ބައިނަލްއަގްވާމީ މެޗެއް ކުޅޭ ފުރަތަމަ ފަހަރެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ގަމުގައި މި މެޗު ކުޅެން ނިންމީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފުގެ ހާއްސަ އެދުމެއްގެ މަތިން ކަމަށެވެ.
އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ކޯޗުކޮށްދޭ ރާއްޖޭގެ ގައުމީ ޓީމު މި މެޗު ކުޅެނީ، ޖުލައި މަހު އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށެވެ. ރާއްޖޭގެ ކްލަބް ފުޓްބޯޅަ ސީޒަން ނިމިފައިވާތީ ކުޅުންތެރިންނަށް މެޗެއް ނުލިބޭތާ ވަނީ ގިނަ ދުވަސްތަކެއް ވެފަ އެވެ.
ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުން ޑިސެމްބަރު މަހު، ސިންގަޕޫރު އަތުން 3-1 އިން އަދި މެލޭޝިއާ އަތުން 3-0 އިން ބަލިވި އެވެ. އޭގެ ކުރިން ސެޕްޓެމްބަރު މަހު ބުރުނާއީ އަތުން 3-0 އިން އަދި ލާއޯސް އަތުން 3-1 އިން މޮޅުވި އެވެ.
އަންގާރަ ދުވަހު ކުޅޭ މެޗަކީ ފެބްރުއަރީ، 2013 ގައި ޕާކިސްތާން އަތުން ރާއްޖެ 3-0 އިން މޮޅުވި ފަހުން، މި ދެ ގައުމުން ބައްދަލުކުރާ ފުރަތަމަ މެޗެވެ. ފީފާގެ ސަސްޕެންޝަނަކުން ސަލާމަތްވެ ފުޓްބޯޅަ އަލުން ދިރުވަން މަސައްކަތްކުރާ ޕާކިސްތާނުން މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެ އަށް މެޗެއް ކުޅެން ދައުވަތު ދިނެވެ. އެކަމަކު ރާއްޖޭން އެ ދައުވަތު ގަބޫލެއް ނުކުރި އެވެ.
ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ކުރީގެ ގަދަ ބާރެއް ކަމަށްވާ ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް 1985 އާއި 1991 ދެމެދު ހަތަރު ފަހަރު ކުރި ހޯދި އެވެ. އޭގެ ތެރޭގައި 1991 ގެ ސާފް ގޭމްސްގެ ފައިނަލުން 2-0 އިން ރާއްޖެ އަތުން މޮޅުވި މެޗު ހިމެނެ އެވެ.
އެކަމަކު އޭގެ ފަހުން ކުޅުނު ހަ މެޗުން ވެސް ޕާކިސްތާނަށް މޮޅެއް ނުހޯދެ އެވެ. ރާއްޖެ ތިން މެޗުން މޮޅުވެ ތިން މެޗު އެއްވަރުވި އެވެ. އޭގެ ތެރެގައި 2008 ފެ ސާފް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި މާލޭގައި 3-0 އިން ޕާކިސްތާން އަތުން ރާއްޖެ މޮޅުވި މެޗު ހިމެނެ އެވެ.