އިންތިހާބު ކަވަރު ކުރުމަށް މީޑިއާތަކަށް އޮތް ފުރުސަތުތައް ހަނިކުރާތީ ކަންބޮޑުވުން
އިންތިހާބު ކަވަރު ކުރުމަށް މީޑިއާތަކަށް އޮތް ފުރުސަތުތައް ހަނިކުރާތީ ކަންބޮޑުވުން

އަންނަ ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ކަވަރު ކުރަން އޮތް ފުރުސަތު ހަނިކޮށްފައިވާ ކަމަށް ބުނެ، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރިޔާސީ އިންތިހާބު ކަވަރު ކުރުމުގައި ބައިވެރިވެވޭނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ކަމަށް ބުނެ، އާންމު އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު އެވެ.

އެ ދެ ޖަމިއްޔާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ ދަނޑިވަޅެއްގައި އެފަދަ އިސްލާހެއް ގެނައުމަށް ހުށަހެޅުމަކީ ހާމަކަން ބޮޑުކޮށް އިންތިހާބު ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިކުރަން ކުރާ މަސައްކަތެއް ކަމަށެވެ.

"އަދި އިންތިހާބުގެ ކަންކަން ކުރިއަށްދަނީ އިންސާފުވެރިކަމާ އެކުކަން ކަށަވަރުކޮށް އެކަމަށް ފާރަވެރިވާ މުހިންމު އެއް ފަރާތަކީ މީޑިއާ ކަމަށްވާއިރު އިންތިހާބު މޮނިޓާ ކުރުމަށް އޮންނަ ފުރުސަތު ހަނިކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކީ އިންތިހާބުގެ ނަޒާހަތްތެރިކަމާއި ސައްހަ ކަމާމެދު ސުވާލު އުފައްދަން ފުރުސަތު އިތުރުވެ، އިންތިހާބަށް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއް،" އެ ބަޔާނުގައިވެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެ ނަމަ އިންތިހާބުތައް ކަވަރު ކުރުމަށް ބޭރުގެ މީޑިއާތަކާއި، ފްރީލާންސް ނޫސްވެރިނަށް އޮތް ފުރުސަތުތައް ގެއްލޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ޖަމްއިއްޔާތަކުން ވަނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވޭ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭ އިސްލާހުތައް ކަށަވަރު ކުރުމަށާއި ބޭރު މީޑިއާތަކަށާއި ފްރީލާންސް ނޫސްވެރިންނަށް އިންތިހާބު ކަވަރު ކުރުމަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމަށް ގޮވާލައިފަ އެވެ.

އަދި އިލެކްޝަން ކޮމިޝަނާއި މަޖިލީސް އަދި ސަރުކާރުގެ ގާނޫނަށް އިސްލާހު ގެންނައިރު، އިންތިހާބުގެ ސައްހަކަން ކަށަވަރުކުރަން މަސައްކަތްކުރާ ޖަމްއިއްޔާތަކާއި، މީޑިއާތައް އަދި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.