ހުރިހާ މޮޅު ރޯލުތައް އަމީތާބަށް، އަހަރެމެން ތިބީ އެފަރާތް ވެފަ: ރިޝީ ކަޕޫރު
ހުރިހާ މޮޅު ރޯލުތައް އަމީތާބަށް، އަހަރެމެން ތިބީ އެފަރާތް ވެފަ: ރިޝީ ކަޕޫރު

އާ އަހަރަކާ އެކު ބޮލީވުޑްގެ މަޝްހޫރު ދެ ޝަޚްސިއްޔަތެއްގެ އޮޓޯބައިގްރަފީ ވަނީ ނެރެފަ އެވެ. އެއީ ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރް އާއި އެކްޓަރު ރިޝީ ކަޕޫރުގެ އެވެ. މި ދެ މީހުންނަކީ ވެސް ހިންދީ ސިނަމާގައި ފާހަގަކޮށްލެވޭ ދެ ތަރިންނަށް ވާތީ ކިޔައިދޭނެ ވަރަށް ގިނަ ވާހަކަ ވެސް ހުންނާނެކަމަށް ބެލެވެ އެވެ.

ހުރިހާ މޮޅު ރޯލުތައް އަމީތާބަށް، އަހަރެމެން ތިބީ އެފަރާތް ވެފަ: ރިޝީ ކަޕޫރު
ހުރިހާ މޮޅު ރޯލުތައް އަމީތާބަށް، އަހަރެމެން ތިބީ އެފަރާތް ވެފަ: ރިޝީ ކަޕޫރު

ކަރަންގެ "އެން އަންސޫޓެބަލް ބޯއީ" ގެ ސަފުހާތަކުގައި މީހުން ހައިރާންވެ އަންތަރީސްވާ ވަރުގެ ވާހަކަތައް ހުރިއިރު ރިޝީގެ "ކުއްލަމް ކުއްލާ: އަންސެންސާޑް" ގައި ވެސް ވަރަށް އާދަޔާޚިލާފު ވާހަކަތައް އޭނާ ކިޔައިދީފައިވެ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކު އަޅައިގަތީ ރިޝީއާ އެކު ބައެއް ފިލްމުތައް ކުޅެފައިވާ އަދި ރިޝީގެ ރަން ޒަމާނުގައި ހިންދީ ސިނަމާގައި ރަސްކަންކުރި އަމީތާބު ބައްޗަންއާ ބެހޭ ގޮތުން އޭނާ ދައްކާފައިވާ ވާހަކަ ތަކެވެ. އަދި އަމީތާބަށްޓަކައި އޭނާގެ ހިތުގައި ހުރި ގިނަ ޝަކުވާތަކެއް މި ފޮތުގައި ހާމަކޮށްފައި ވާތީ އެވެ.

ހުރިހާ މޮޅު ރޯލުތައް އަމީތާބަށް، އަހަރެމެން ތިބީ އެފަރާތް ވެފަ: ރިޝީ ކަޕޫރު
ހުރިހާ މޮޅު ރޯލުތައް އަމީތާބަށް، އަހަރެމެން ތިބީ އެފަރާތް ވެފަ: ރިޝީ ކަޕޫރު

ރިޝީ ބުނެފައިވާ ގޮތުގައި މިއަދާ ޖެހެންދެން ވެސް އޭނާގެ ހިތުގައި އަމީތާބާ ދޭތެރޭ ޝަކުވާތައް އެބަހުއްޓެވެ. އެ ދުވަސްވަރު ގިނަ ސްޓާރުން އެކުލެވޭ ފިލްމުތައް ކުޅުމުގައި އޮންނަ އެންމެ ބޮޑު ޑިސްއެޑްވަންޓޭޖަކީ ރިޝީ ބުނެފައިވާ ގޮތުގައި ގިނަ ބަޔަކު އެއީ އެކްޝަން ފިލްމުތަކަށް ވާން ބޭނުންވުމެވެ. އެހެންވެ އެފަދަ ފިލްމުތައް އޮޓޮމެޓިކުން ދަނީ އެންމެންނަށް ގަބޫލުކުރެވޭ ފެންވަރަށް ތަޅާފޮޅާ މަންޒަރުތައް ކުޅެވޭ އެކްޓަރަކަށެވެ.

އެހެންކަމުން "ކަބީ ކަބީ" ފިޔަވައި އޭނާ މަސައްކަތްކުރި، ގިނަ ތަރިން އުޅޭ އެއްވެސް ފިލްމަކުން އޭނާއަށް މާ ރަނގަޅު ރޯލުތަކެއް ލިބިފައިނުވާ ކަމަށް ބުނެ ރިޝީ ޝަކުވާ ކޮށްފައިވެ އެވެ.

"ޑައިރެކްޓަރުންނާއި ލިޔުންތެރިން އެމީހުންގެ ފިލްމުގެ އެންމެ މުހިއްމު އަދި ވަރުގަދަ ރޯލު އަބަދުވެސް ބާއްވަނީ އަމީތާބަށް ރިޒާވް ކޮށްފައި. މި މައްސަލަ ދިމާވީ ހަމައެކަނި އަހަންނަކަށް ނޫން. ޝަޝީ ކަޕޫރު، ޝަތުރުގަން ސިންހާ، ދަރުމެންދުރަ، ވިނޯދް ކަންނާ ފަދަ އެ ދުވަސްވަރުގެ ހުރިހާ އެކްޓަރުންނަށް ވެސް މި މައްސަލަ ދިމާވި،" ރިޝީގެ ބައޮގްރަފީގައިވެ އެވެ.

ރިޝީ ބުނި ގޮތުގައި އަމީތާބަކީ މޮޅު އެކްޓަރެއް ކަމާ މެދު އޭނާ ދެބަހެއް ނުވެ އެވެ. އެ ދުވަސްވަރު އަމީތާބަކީ އެއްވަނަ އެކްޓަރެވެ. ބޮކްސް އޮފީހުގައި ރަސްކުރަން ކުރަނީ ވެސް އޭނާ އެވެ. އަމީތާބާ އެއްވަރަށް އެކްޝަން ފިލްމުތައް ކުޅެވޭނެ އެކްޓަރަކު އޭރު ނުހުރެ އެވެ. ރުޅިގަދަ ޒުވާނާގެ ގޮތުގައި އަމީތާބުގެ މަޝްހޫރުކަން ވަނީ އިންތިހާއަށް ގޮސްފަ އެވެ. އެހެންވެ ފިލްމުގެ މޮޅު ހުރިހާ ރޯލެއް ލިޔަނީ އަމީތާބު ހިތުގައި ބާއްވައިގެން އޭނާއަށް ޚާއްސަ ކޮށްގެންނެވެ.

"އަހަރެމެންނަކީ އަމީތާބުހާ އަލިގަދަ ތަރިންނަށް ނުވިޔަސް އަހަރެމެންނަކީ އެކްޓްކުރުމުގެ ރޮނގުން ވަކި ދެރަ ބައެއް ނޫން. ނަމަވެސް އެދުވަސްވަރު އަހަރެމެން އެންމެން އަމީތާބާ އެއް މިންގަނޑަކުން މިނި. އެހެންވެ އަމީތާބާ ފައިތިލަ ހަމަކުރެވޭތޯ އަހަރެމެންނަށް ވަރަށް ބުރަ މަސައްކަތްކުރަން ޖެހުނު. އެ ޒަމާނުގައި މިއުޒިކަލް/ރޮމެންޓިކް ހީރޯ އިންނަކަށް ޖާގައެއް ނެތް"

"އެކްޝަން ފިލްމުތައް ރަނގަޅަށް ހިނގަމުންދިޔަ ޒަމާނެއްގައި އަމީތާބުވީ އެފަދަ މަންޒަރުތައް މޮޅަށް ކުޅެވޭ ހަމައެކަނި އެކްޓަރަށް. އެހެންވެ ހުރިހާ ލިޔުންތެރިންވެސް ފިލްމެއްގެ ވާހަކަ ލިޔާއިރު ސިކުނޑީގައި އޮންނަނީ އަމީތާބު. ފިލްމުގައި ސޮއިކުރުވާއިރު އެހެން އެކްޓަރަކާ މެދު ވިސްނާލުމެއް ވެސް ނޯވޭ. މިއީ އެހެން އެކްޓަރުންނަށް ވުރެ ކާމިޔާބު މަސައްކަތެއްތަކެއް ކުރުމަށް އަމީތާބަށް ލިބިގެންދިޔަ އެޑްވާންޓޭޖެއް،" ރިޝީގެ ފޮތުގައިވެ އެވެ.

ރިޝީ ބުނެފައިވާ ގޮތުގައި މިއީ އަމީތާބު އެއްގޮތަކަށް ވެސް ގަބޫލުކޮށްފައިވާ ހަގީގަތެއް ނޫނެވެ. މިހާތަނަށް އޭނާ ދީފައިވާ އެއްވެސް އިންޓަވިއުއެއްގައި މި ވާހަކަ ދައްކާފައެއް ނުވެ އެވެ. އަދި އޭނާއާ އެކު މަސައްކަތްކުރި އެއްވެސް އެކްޓަރަކަށް ހައްގު ކްރެޑިޓް އަމީތާބު ދީފައެއް ނުވެ އެވެ. އޭނާ އަބަދުވެސް ކްރެޑިޓް ދެނީ އޭނާގެ ފިލްމުތަކުގެ ލިޔުންތެރިންނަށާއި ޑައިރެކްޓަރުންނަށެވެ. ސަލީމް-ޖާވީދު، މަންމޯހަން ދެސާއީ، ޕްރަކާޝް މެހެރާ، ޔާޝް ޗޯޕްރާ އަދި ރަމޭޝް ސިއްޕީ ފަދަ މީހުންނަށެވެ.

ނަމަވެސް އަމީތާބުގެ ގިނަ ފިލްމުތަކެއް ކާމިޔާބުވުމުގައި އެ ފިލްމެއްގައި އޭނާއާ އެކު ބައިވެރިވި އެހެން އެކްޓަރުންގެ ދައުރު ވަކިން ކުޑަ ނޫން ކަމަށް ބުނެ އެކަމުގެ މިސާލުތައް ވެސް ރިޝީ ދައްކާފައިވެ އެވެ.
އޭނާ ބުނި ގޮތުަގއި 1975 ގައި ނުކުތް "ދީވާރް"ގައި ޝަޝީ ކަޕޫރުގެ ރޯލަކީ އަމީތާބަށް އެންމެ ތަންފުކެއް ވެސް ދޫކުރާ ރޯލެއް ނޫނެވެ. އަދި "އަމަރް އަކްބަރް އެންތަނީ" އާއި "ކޫލީ"ގައި ރިޝީ އަދާކޮށްފައިވާ ބައިތަކާއި އެނޫންވެސް ބައެއް ފިލްމުތަކުގައި ދަރުމެންދުރަ އާއި ވިނޯދް ކަންނާ އަދި ޝަތުރުގަން ސިންހާ ފަދަ އެކްޓަރުން ކުޅެފައިވާ ރޯލުތަކަކީ އެ ފިލްމުތައް ކާމިޔާބުވުމުގައި މުހިއްމު ދައުރެއް ކުޅުނު ރޯލުތައް ކަމަށް ރިޝީ ގަބޫލު ކުރެ އެވެ.

އެހެންކަމުން އެ ހުރިހާ ފިލްމެއްގެ މޮޅުކަމާއި ކާމިޔާބުގެ ކްރެޑިޓް ހަމައެކަނި އަމީތާބަށް ނުނެގޭނެ ކަމަށް ރިޝީ ބުނެފައިވެ އެވެ. އަދި މިއީ އެއްވެސް މީހަކު ދެނަހުރި އަދި ފާހަގަކޮށްފައިވާ ކަންތައްތައް ނޫންކަމަށް އޭނާ ބުނެ އެވެ. ނަމަވެސް ރިޝީ ބުނި ގޮތުގައި އެއީ އެ ދުވަސްވަރު ކަންތައް ހުރިގޮތް ކަމަށްވާތީ އެމީހުން ހިތްތިރިކޮށްލާފައި އެކަންކަން ގަބޫލުކޮށްލައިގެން ތިބީ އެވެ.

ރިޝީ އަކީ އަބަދުވެސް އޭނާގެ ހިތަށް އެރިހާ އެއްޗެއް މީހުންނާ ދިމާލަށް ބުނެލުމުގައި ފަސް ޖެހޭ މީހަކަށް ނުވާއިރު އޭނާގެ ބައޮގްރަފީގައި އެއްވެސް ވަރަކަށް އެހެން މީހުންގެ އިހްސާސްތަކަށް ނުބަލާ އޭނާގެ ހިތުގައި ހުރި ހުރިހާ އުދާހެއް ވަނީ ބަންޑުންކޮށްލާފަ އެވެ.