ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި
ވިލާ ކޮލެޖުން މެއި މަހުގެ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުން މި އަހަރުގެ މެއި މަހުގެ އިންޓޭކުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި މެއި މަހަށް 139 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ 16 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ސެޓްފިކެޓް ފެންވަރުގެ ނުވަ ކޯހަކާއި ޑިގްރީ ފެންވަރުގެ 38 ކޯހަކާއި ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ އެއް ކޯހެވެ.

މާލޭގެ ކިއުއައި ކެމްޕަހުގެ އިތުރުން އަތޮޅުތަކުގައި ހުރި ވިލާ ކޮލެޖުގެ ކެމްޕަސްތަކުގައި ވެސް މެއި މަހުގެ އިންޓޭކުގައި ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް އޮންނާނެ ކަމަށާއި ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ ފަހު ކޮޅު ކަމަށް އެ ކޮލެޖުން ބުންޏެވެ.

ފުރުސަތު ހުޅުވާލި ކޯސްތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓާ ސައިންސް، ޓީޗިން، އެޑިއުކޭޝަން، ޝަރީއާ، ލޯ، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީގެ ކޯސްތައް ހިމެނެ އެވެ. އޭގެ އިތުރުން ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، އެކައުންޓިން އެންޑް ފައިނޭންސް، ބޭންކިން އެންޑް ފައިނޭންސް، މާކެޓިން، ހިއުމަން ރިސޯސް އަދި އިންޖިނިއަރިންގެ ކޯސްތައް ވެސް ހިމެނެ އެވެ. މޭ އިންޓޭކުގައި ރިސާޗް، ނާސިން، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި އިންޓީރިއަ އާކިޓެކްޗާ އެންޑް ޑިޒައިން، ހެލްތް ސާވިސަސް މެނޭޖްނަންޓް، ޕްރޮޖެކް މެނޭޖްމަންޓް، ހޮސްޕިޓަލިޓީ މެނޭޖްމަންޓް، މާސް ކޮމިއުނިކޭޝަން އަދި ކަލިނަރީ އާރްޓްސްގެ ކޯސްތައް ވެސް ހިމެނެ އެވެ.

ވިލާ ކޮލެޖުން ބުނި ގޮތުގައި އެ ކޮލެޖުން ހިންގާ އިންޖިނިއަރިން ޕްރޮގްރާމްތަކަކީ އިނގިރޭސިވިލާތުގެ ޕޯޓްސްމޯތު ޔުނިވާސީޓީން ވެލިޑޭޓް ކޮށްފައިވާ ޕްރޮގުތާމުތަކެކެވެ. މި ވެލިޑޭޝަންގެ ދަށުން ވިލާ ކޮލެޖުން ފުރަތަމަ ތިން އަހަރު ނިންމާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ޑިގްރީގެ ފަހު އަހަރަށް ބައިވެރިވެވޭނެ ކަމަށް ވެސް ބުންޏެވެ.

މެއި މަހަށް ފުރުސަތު ހުޅުވާލި ކޯސްތަކުގެ ތެރޭގައި އޮންލައިން އަދި ފޭސް ޓު ފޭސްކޮށް ކިޔެވޭ ކޯސްތައް ހިމެނެ އެވެ. އަދި އެ ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓާސް އަދި ފުރަތަމަ ޑިގްރީގެ ކޯސްތަކާއި މެލޭޝިއާގެ ޔުނިވާސިޓީ، ޓޭލާސް ޔުނިވާސިޓީގެ ކޯސްތައް ހިމެނެ އެވެ.

ވިލާ ކޮލެޖުން ބުނީ އެ ކޮލެޖުގައި ހިންގާ ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކުގެ އިތުރުން، އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރު ކޮށްދެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކޯސްތަކެއް ކަމަށެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމްތަކަށް ކިޔެވޭނެ އެވެ.