15 މާޗް 2023 - 14:00

އަންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތް ވެއްޖެ ނަމަ، ދެން ހަދާނެ ގޮތުގެ ލަފައަކަށް އެދި އެމަނިކުފާނާ ހަވާލުކުރި ނޯޓު ވީދާލެއްވި ކަމަށް ބުނާ ވާހަކަ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ދޮގުކޮށްފި އެވެ.
ޕީޕީއެމް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް "މިހާރު" އަށް ވިދާޅުވީ ލީޑާޝިޕުން އެ ކަހަލަ މަޝްވަރާއެއް ނުކުރާ ކަމަށާއި އެ ބުނާ ކަހަލަ ނޯޓެއް ވެސް އެމަނިކުފާނަށް ފޮނުވާފައި ނުވާނެ ކަމަށެވެ. ބައްދަލުވުމެއްގައި ނޯޓެއް ހަވާލުކުރި ވާހަކައަކީ "ކަނޑައެޅިގެން" ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް މި ބުނާ ވާހަކައަކީ، މި ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީންއޭ. އަދިވެސް މި ދަންނަވަނީ، އެއަކަށް ބަދަލެއް ނާދެއޭ،" އޭނާ ވިދާޅުވި އެވެ.
ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަދިވެސް އޮތީ ބަންދުވެފަ އެވެ. އެކަމަކު ޔާމީންގެ ވަކީލުން ވަނީ މި މަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ.
ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާ ދޭތެރޭ ކުރާ ސުވާލުތަކަށް ޕީޕީއެމްގެ ޖަވާބަކީ "ޕްލޭން ބީއެއް" ނެތް ކަމަށެވެ. ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމަށް ތަކުރާރުކޮށް އެ ޕާޓީން ބުނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޔާމީން ހުކުމުން މިނިވަންވާން ޖެހެ އެވެ.