22 ޖެނުއަރީ 2017 - 06:03

އެކްޓަރު ހަރްޝްވަރްދަން ކަޕޫރު މިހާރު ހުރީ އަލަށްތައާރަފްވި ފިރިހެން އެކްޓަރުންގެ ކެޓަގަރީއަށް ނޮމިނޭޓްވެ އެ އެވޯޑު ނުލިބުމުން ފިލްމްފެއާ ދެކެ ވަރަށް ހިތްހަމަނުޖެހިފަ އެވެ. މިފަހަރު ބެސްޓް މޭލް ޑެބިއުގެ ފިލްމްފެއާ އެވޯޑު ލިބިފައިވަނީ "އުޅްތާ ޕަންޖާބު"ގައި ވަރަށް އާދަޔާޚިލާފު މޮޅު ރޯލެއް އަދާކުރި ދިލްޖިތު ދޮސާންޖް އެވެ. ދިލްޖީތު އަށް ވުރެ އޭނާއަށް އެ އެވޯޑު މާ ހައްގުކަމަށް އެންމެން ކައިރީގައި ހަރްޝްވަރްދަން ދަނީ ކިޔަމުންނެވެ.
މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފިރިހެން ދަރިފުޅު ހަރްޝްވަރްދަން ބުނި ގޮތުގައި ބެސްޓް ޑެބިއު ރިޒާވްކޮށްފައި ބާއްވަން ޖެހޭނީ ހަގީގަތުގައި މުޅިން އަލަށް ފިލްމު ކުޅެން ފަށާ އެކްޓަރުންނަށެވެ. އެހެންގެ ދިލްޖީތު އެ އެވޯޑަށް ކޮލިފައި ނުވާކަމަށް ހަރްޝްވަރުދަން ގަބޫލު ކުރެ އެވެ. އޭނާ ބުނަނީ 2008 ގައި ދިލްޖީތުގެ ހިންދީ ފިލްމެއް ނުކުމެފައިވާ ކަމަށާއި ޕަންޖާބުގެ އެހެން އެކްޓަރަކަށް އެވޯޑް ލިބުނު ނަމަވެސް ޝަކުވާ ނުކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އިންޑިއަން އެކްސްޕްރެސްއާ ވާހަކަ ދައްކަމުން ހަރްޝްވަރުދަން ބުނީ މިއަހަރު މިހާތަނަށް ދީފައިވާ ހުރިހާ އެވޯޑެއް ފިލްމްފެއާ ފިޔަވައި އޭނާއަށް ލިބުނު ކަމަށެވެ. ފިލްމްފެއާ އެވޯޑު ހޮވާ ގޮތެއް ނޭނގޭ ކަމަށް ބުންޏެވެ. ބައެއް އެވޯޑުތައް ފަނޑިޔާރުން ކަނޑައަޅާއިރު އަނެއް އެވޯޑުތައް ދެނީ ޕޮޕިއުލާ ވޯޓަށެވެ.
ހަރްޝްވަރްދަން ބުނި ގޮތުގައި އަލަށް ތައާރަފްވާ އެކްޓަރަށް އެވޯޑު ދޭއިރު ދޭން ޖެހޭނީ މުޅިން އަލަށް ފިލްމު ކުޅޭ މީހުންނަށެވެ. އިނގިރޭސި ފިލްމުގެ 100 ވަރަކަށް ފިލްމު ކުޅެފައި ހިންދީ ފިލްމެއް ކުޅެފިނަމަ އޭނާއަކަށް ވެސް އެ އެވޯޑު ހައްގެއް ނުވާނެ ކަމަށް ބުންޏެވެ.
"ލިއޮނާޑޯ ޑިކެޕްރިއާ އޮސްކާ ހޯދާފަ ފަހުން ބޮލީވުޑް ފިލްމެއް ކުޅެފި ނަމަ އޭނާއަށް ވެސް އަލަށް ތައާރަފްވީ ބަތަލަކަށް ދޭ އެވޯޑު ދޭން ޖެހޭނެތާ. އެއީ އަހަރެން ގަބޫލުކުރާ އުސޫލެއް ނޫން،" ހަރްޝްވަރްދަން ބުނެފައިވެ އެވެ.
ފިލްމްފެއާ އެވޯޑު ނުލިބިގެން ހަރްޝްވަރްދަން ޝަކުވާކޮށް ޓުވީޓްކުރުމުން ފިލްމްފެއާގެ އެޑިޓަރު އަނޫރާދާ ތިވާރީ ވެސް އޭނާގެ ނަން ނުބުނެ އެކަމާ ބެހޭ ގޮތުން ޓުވީޓެއް ކުރި އެވެ. އަނޫރާދާގެ ޓުވީޓްގައި، އަލަށް ފިލްމު ކުޅެން ފަށާ އެކްޓަރުން އަމިއްލައަށް މާ މޮޅު ބަޔަކަށް ހެދިގެން އުޅެނީ ޚިޔާލަށް ވެސް ނުގެނެވޭ މިންވަރަށް ކަމަށް ބުނެފައިވެ އެވެ.
އޭގެ ފަހުން ފިލްމުފެއާގެ އެޑިޓަރާ ވިއްދައިގެން ވެސް ހަރްޝްވަރްދަން ގިނަ ޓުވީޓްތަކެއް ކޮށްފައިވެ އެވެ. ފުރަތަމަ ޓުވީޓްގައި އޭނާގެ ނަން ބުނަން ނުކެރުނީ ކީއްވެތޯ ސުވާލު ކޮށްފައިވެ އެވެ. އަދި އޭނާ ދެއްކި ވާހަކައަކީ އޭނާ އަމިއްލައަށް މޮޅުވެގެން ބުނި އެއްޗެއް ނޫން ކަމަށާއި މިހާރު އެމީހެއްގެ އަމިއްލަ ޚިޔާލު ވެސް ފާޅުކުރެވެން ނެތް ކަމަށާއި ފިލްމްފެއާ އިން ވެސް ވިޔަފާރި ހިންގަނީ އެކްޓަރުން ބުނާ އެއްޗެހި ލިޔެގެން ކަމަށާއި ނަމަވެސް އެމީހުންނާ ދެކޮޅަށް އެއްޗެއް ބުނެފި ނަމަ އެހާ ނުބައި ބަޔަކު ނުތިބޭ ކަމަށް ބުނެފައި ވެ އެވެ.
ހަރްޝްވަރްދަންގެ ޓުވީޓުގެ ސަބަބުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވެސް އޭނާއަށް ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ބުނެފައިވަނީ މަޝްހޫރު އެކްޓަރެއްގެ ދަރިއެއް ވުމުން ހުރިހާ އެވޯޑެއް އޭނާއަށް ލިބެން ޖެހޭނެކަމަށް ހަރްޝްވަރްދަން ގަބޫލުކުރާ ކަމަށެވެ.