ޒުވާން ފުޓްބޯޅަ ތަރި އިލާން އަށް ޔޫއޭއީ ކްލަބަކުން ފުރުސަތެއް
ޒުވާން ފުޓްބޯޅަ ތަރި އިލާން އަށް ޔޫއޭއީ ކްލަބަކުން ފުރުސަތެއް

ޔޫތު ފުޓްބޯޅަ މުބާރާތްތަކުގައި ގޯލު ޖެހުމުގެ ހުނަރު ދައްކާލަމުން އަންނަ ރާއްޖޭގެ ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާން، 14، އަށް ޔޫއޭއީ ގެ އަލް އައިން އެފްސީ ގެ ޔޫތު ޓީމުން ޓްރަޔަލް އެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި އެކަން ވަނީ ޔަގީން ކޮށްދެއްވައިފަ އެވެ.

އަލް އައިން އިން އިލާން އަށް ހުށަހެޅީ އިންޓަނޭޝަނަލް ޗެލެންޖް ކަޕް ގައި އެ ކްލަބް ގެ ޔޫތު ޓީމަށް ކުޅުމުގެ ފުރުސަތެވެ. އަދި މި ފުރުސަތުގައި އޭނާގެ ކުޅުން އެ ކުލަބުން ވަރަށް ގާތުން މޮނީޓާ ކުރުމަށް ފަހު ކުޅުން ރަނގަޅު ނަމަ އޭނާ އަށް ޔޫތު ޓީމުން ކޮންޓްރެކްޓެއް ވެސް ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) ގައި ކުޅެން ފަށައި، ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމަށް ވެސް ކުޅެ، މިހާރު ވެލެންސިއާގެ އެކަޑަމީ ގައި ކުޅޭ އިލާން އަންނަނީ ލިބޭ ފުރުސަތުތަކުގައި ރާއްޖޭން ބޭރުން ވެސް ތަމްރީނުތައް ހަދައި ހުނަރު ތަރައްގީ ކުރަމުންނެވެ.

ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅެފައިވާ އިލާން ވަނީ މިދިޔަ އަހަރު ބޭއްވި 14 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ލީގާއި މިދިޔަ އާދިއްތަ ދުވަހު ނިމުނު 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އޭނާގެ ގޯލު ޖެހުމުގެ ހުނަރު ވަރަށް ފުރުހަމައަށް ދައްކާލައިފަ އެވެ. ދެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދީ އިލާން އެވެ.

ޔޫތު ލީގުގައި ވެލެންސިއާގެ ޓީމާ އެކު އޭނާ ވަނީ ކުޅުނު އަށް މެޗުން 35 ގޯލު ޖަހައިފަ އެވެ. އަދި އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލް ޓީމަށް އޭނާ ވަނީ ކުޅެދިން ހަ މެޗުން 38 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއާ އެކު ގައުމީ ފުޓްބޯޅަ ދަނޑުގައި އެންމެ ފަހުން އިލާން ކުޅުނު 14 މެޗުން މިވަނީ މުޅި އެކު 73 ގޯލު ޖަހައިފަ އެވެ.

މިދިޔަ އަހަރުގެ ޔޫތު ލީގުގައި އިލާންގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ގޯލު ޖެހުމުގެ ހުނަރުގެ ސަބަބުން ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ، މިދިޔަ ޑިސެމްބަރު މަހު ރާއްޖޭން މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކަށް ރާއްޖޭގައި ކުރިއަށް ގެންދިޔަ ޕްރެކްޓިސްތަކުގައި އިލާން ބައިވެރި ކޮށްފަ އެވެ.