15 މާޗް 2023 - 13:00

ފޭކް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ އެކި ވިޔަފާރިވެރިން އަތުން މުދާ ގަތް ހުސައިން ޝިފާއުގެ މައްސަލަ ތަހުގީގުކުރަން އިންޓަޕޮލްއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް މިދިޔަ މަހު 28 ގައި ހައްޔަރުކުރި ހުސައިން ޝިފާއު 37، އަކީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ތަހުގީގަށް ހާޒިރުކޮށްފައިވާ މީހެކެވެ.
ފުލުހުން ބުނީ ބޭރުގެ ވަރަށް ގިނަ ކުންފުނިތަކުން ޝިފާއު ވަނީ ވަގު ޓީޓީގައި މުދާ އެތެރެކޮށްފައިވާ ކަމަށެވެ.
"ތަހުގީގު ކުރިއަށްދާ ވަރަކަށް، އޭނާ ވިޔަފާރި ކޮށްފައިވާ ބޭރުގެ ކުންފުނިތަކުގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭ. މިހާރު މަސައްކަތްކުރަމުން އަންނަނީ އިންޓަޕޮލްއާ ގުޅިގެން އެ ކުންފުނިތައް ހޯދުމުގެ މަަސައްކަތް،" ފުލުހުން ބުންޏެވެ.
އޭނާ އެގޮތަށް އެންމެ ގިނަ އަދަދަކަށް ވިޔަފާރިކޮށްފައި ވަނީ ކޮވިޑްގެ ދުވަސްވަރު 2019 އާއި 2022 އާ ދެމެދު ފެށި އޮންލައިން ވިޔަފާރިތަކުންނެވެ.
ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު ޝިފާއު 80،000 ޑޮލަރުގެ ވިޔަފާރިކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ޝިފާއު އަކީ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ހޯދަން ވެސް އިއުލާނުކުރި މީހެކެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ޝިފާއުއާ ގުޅޭ މިފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގު އެބަ ކުރެ އެވެ. އަދި ޝިފާއުގެ މައްޗަށް މިފަހަރު ތުހުމަތުވާ މައްސަލާގައި އޭނާގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.