22 ޖެނުއަރީ 2017 - 05:58

ދިވެހިން އެންމެ ލޯބިވާ ބޮލީވުޑާ ދޭތެރޭ އަބަދު ވެސް ގިނަ ބަޔަކު ކުރާ ތުހުމަތެއް އޮވެ އެވެ؛ އެކްޓް ކުރަން ނޭނގުނަސް ރީތި ސިފައެއް ލިބިފައި ހުރި ނަމަ، އެ އިންޑަސްޓްރީގައި ކުރިއަށް ދާން މާ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން ފިލްމަކަށް އެކްޓަރުން ހޯދާ ނަމަ، އެންމެ ބޮޑު އިސް ކަމެއް ދޭނެ އެއް ކަމަކީ އެ މީހެއްގެ އިސްކޮޅާއި ސިފަ އާއި ހަށިގަނޑަށެވެ. ހަށިގަނޑު ވަރުގަދަވެފައި، ދިގު އިސްކޮޅަކާ އެކު ރީތި ސިފައެއް ހުރި ނަމަ ފިލްމެއް ކުޅެލަން ހަމަ ފައްކާވާނެ އެވެ.

ހިންދީ ފިލްމުތަކުން ބަލާލަން ރީތި، "ސްކްރީން ޕްރެޒެންސް ޗާމިން" އެކްޓަރުން މި ފެންނަނީ މި ސަބަބާ ހުރެ އެވެ. ހާއްސަކޮށް ފިރިހެނަކު ބޮލީވުޑަށް ނިކުންނަން ބޭނުން ނަމަ، މި ބުނި ކަހަލަ ޝަރުތުތައް ފުރަތަމަ ކަމަކަށް ފުރިހަމަ ވާން ޖެހޭނެ އެވެ.
މިއީ ހަމައެކަނި މިހާރު ބޮލީވުޑުން އެކަނިި ފެންނަ މަންޒަރެއް ނޫނެވެ. އިންޑިއާގެ ޓީވީ ސިލްސިލާތަކުން ވެސް "ރީތި" އެކްޓަރުން ނޫނީ މިހާރަކު ނުފެންނާނެ އެވެ. ސީރީޒެއްގައި ކިތަންމެ ކުޑަ ރޯލެއް ކުޅޭ އަދި މުހިއްމުކަން ކިތަންމެ ކުޑަ ރޯލެއް ކުޅޭ އެކްޓަރަކު ވެސް ފެންނާނީ ވަރަށް ރީތިކޮށެވެ.
ރީތިކޮށް ތިބެން އިންޑިއާގެ އެކްޓަރުން އަބަދު ވެސް ވަރަށް ބޮޑު ސަމާލު ކަމެއް ދެ އެވެ. ހާއްސަކޮށް މިހާރު އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މި ޓްރެންޑް އިންޑިއާގައި ވަކި ހިއްޕުވާލީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނެވެ.
ކަސްރަތުކޮށް، ވަރުގަދަ ރީތި ހަށިގަނޑެއް އޭނާ ސްކްރީނުން ދައްކަން ފެށުމުގެ ނަތީޖާއަކަށްވީ، އެކަން އެހެން މީހުން ވެސް ކުރަން ފެށުމެވެ. ނަތީޖާ މިހާރު ކިތަންމެހާ ވެސް ރަނގަޅެވެ.
ދިވެހި ފިލްމީ ދާއިރާއަކީ ކޮޕީ ކުރުމުގައި ވަރަށް ކުރީގައި އުޅޭ ބައެކެވެ. ބޭރުގެ ތަރިން ހެދުން އަޅާ ގޮތުން ފެށިގެން ގޮސް، ފިލްމްތަކަށް ނަން ދޭ ގޮތާ ހަމައަށް ވެސް ދިވެހިން ކޮޕީކޮށް އުޅެ އެވެ. އެކަމަކު ކޮޕީ ނުކުރި އެއް ކަމަކީ ހަށިގަނޑު ރީތި ކުރުމެވެ.
ދިވެހި ސިނަމާއިން ބަލާލަން ރީތި އެކްޓަރުން ނުފެންނަނީ މި ސަބަބާ ހުރެ އެވެ. ފަހަރުގައި މިއީ ޑެޑިކޭޝަނުގެ މައްސަލައަކަށް ވެދާނެ އެވެ. ނުވަތަ ދިވެހި ފިލްމުތައް ހުންނަ ގޮތުން ކޮންމެހެން އެކްޓަރުން "ރީތިކޮށް ތިބެން" މުހިއްމު ނުވަނީ އެވެ.
އެކަމަކު ފިލްމީ ތަރިންނަކީ ސްކްރީނުން ފެންނަ ބަޔަކަށްވާތީ އެ މީހުން ބަލާލަން ރީތިކޮށް ތިބުމަކީ، ބަލާ މީހުންގެ ޝައުގުވެރިކަން ވެސް އިތުރު ވާނެ ކަމެކެވެ. ހާއްސަކޮށް ލީޑް ރޯލް ކުޅޭ އެކްޓަރުންނެވެ.
މީގެ މާނައަކީ ކޮންމެހެން ހުރިހާ އެކްޓަރުން ބޮޑީބިލްޑްކޮށްފައި، ހަށިގަނޑު ވަރުގަދަ ކުރަން ޖެހޭ ވާހަކައެއް ނޫނެވެ. އެކްޓަރުން "އެކްޓަރުންގެ ގޮތުގައި" ބަލައި ގަންނާނީ، ބަލައި ގަނެވޭ ކަހަލަ ސިފަތަކެއް އެ މީހުންގެ ކިބައިގައި ހުރެގެންނެވެ.
ފިލްމުތަކުން ދައްކާ ކޮސްޓިއުމްތަކުގެ ރީތިކަން ވެސް ފެންނާނީ މި ބުނި ކަހަލަ ބަދަލެއް ފެނިގެންނެވެ.
ދިވެހި ސިނަމާގެ ފިރިހެން އެކްޓަރުންނަށް ބަލާ އިރު، މިއީ ވިސްނާނުން ރަނގަޅު ކަމަކަށް ވާނެ އެވެ. މިއީ އެއްގޮތަކަށް ވެސް ބަޔަކަށް ފާޑު ކިޔައި، މަލާމާތްކޮށް، ޖެއްސުން ކުރުމުގެ ގޮތުން ދައްކާ ވާހަކައެއް ނޫނެވެ.
އެހެން ނޫންކަން މިހާރު ރާއްޖޭގެ ބައެއް ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ވިސްނުން ހުރި ގޮތަށް ބަލާ އިރު ވެސް ޔަގީންވެ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަބްދުލް ފައްތާހު މިހާރު ވަނީ "ރީތި ފިރިހެން އެކްޓަރުން" ފިލްމީ ދާއިރާ އަށް ބޭނުންވާ ކަމަށް ގަބޫލުކޮށްފަ އެވެ. އަދި އޭނާ ވަނީ އެ އަމާޒަށް މަސައްކަތް ވެސް ފަށައިފި އެވެ.
މަޝްހޫރު ދެ ބަތަލާއަކާ އެކު މުޅިން އާ އެކްޓަރަކު އޭނާގެ އާ ފިލްމުން ދައްކާލަން ބޭނުންވީ ވެސް އެ ވިސްނުމުގެ ތެރެއިންނެވެ.
ފައްތާހުގެ ކުރިއަށް އޮތް ފިލްމް "ހައްދު" ލީޑިން އެޓަރެއްގެ ގޮތުގައި ފެނިގެން ދާނީ ވަރުގަދަ ހަށިގަނޑެއް ލިބިފައި ހުރި "ރީތި" ޒުވާނެކެވެ. މި ފަހަރު ސްކްރީނުން ދައްކާލަން ބޭނުން ވަނީ "އާދައިގެ" އެކްޓަރެއް ނޫނެވެ. "ރީތި" އެކްޓަރެކެވެ. "ފިރިހެން" އެކްޓަރެކެވެ.
"އަޅުގަނޑުމެން ޝިބާން [ހައްދުގެ ލީޑިން އެކްޓަރު] ޗޫޒް ކުރީ، އަސްލު މިހާރު އެބަ ޖެހޭދޯ ފިރިހެން ތަރިން ވެސް ޝޭޕަކާއި ފިގާއަކާއި މި ހުރިހާ އެއްޗެހި ހުންނަން. އެއީ ބޮލީވުޑް ހޮލީވުޑް ތަންތާނގައި ލީޑް އެކްޓަރުންނަކީ ސަޅި މީހުން ހުސް،" ފައްތާހު ބުންޏެވެ. "ހަމައެކަނި ރާއްޖޭގައި މި ބައި މަދުވެގެން މި އުޅެނީ. ރާއްޖޭގައި ވެސް އަންހެން ވަރަށް ސަޅި ތަރިން އެބަ ތިބި. އެކަމަކު ފިރިހެން ތަރިން އަޅުގަނޑު ބުނާނީ ވަރަށް މަދޭ. އެކަމަށް ނީޑް އިމްޕްރޫވްމަންޓް."
އޭނާގެ މި ވާހަކަތަކުން ގަބޫލުކުރެވުނީ ދިވެހި ފިލްމް ކުޅޭ މީހުންގެ ވިސްނުމަށް ވެސް ބަދަލެއް ގެންނަން ޖެހޭ ކަމެވެ. އެކްޓް ކުރަން އެނގުމަކުން އަދި ހުރިހާ ކަމެއް ހަމައެއް ނުވެ އެވެ. އެކްޓަރުން "ފުލް ޕެކެޖަކަށް" ވާން އެބަ ޖެހެ އެވެ.
އެހެންވެ ފިލްމަކުން ފުރުސަތެއް ދޭ ނަމަ، ކުރިއަށް އޮތް ތަނުގައި ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން މިކަމަށް ކުރިއަށް އޮތް ތަނުގައި ވިސްނާނެ އެވެ.
ފައްތާހުގެ މި ވިސްނުމަކީ ފެށުމެއް ކަމަށް ބަލަމާ ހިނގާށެވެ. ފިލްމީ ދާއިރާގައި މިހާރު ތިބި އެކްޓަރުންނަށް ހިތްވަރަކަށް ވެސް މިކަން ވާނެ ކަމަށް ބަލަމާ ހިނގާށެވެ.
މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެ އެވެ. އިންޑިއާގެ އެކްޓަރުން އެ ދަނީ އެކަން ސާބިތުކޮށް ދެމުންނެވެ. ބޭނުން ވަނީ ހިތްވަރާ އެކު މަސައްކަތް ކުރުމެވެ.
އިންޑިއާގެ ދުވަސްވީ އެކްޓަރުންނަށް ބަލާ އިރު، ޝާހްރުކް ހާނާއި ސަލްމާން ހާނާއި އާމިރު ހާނާއި އަކްޝޭ ކުމާރުމެން ފަދަ އެކްޓަރުން އެ ދައްކާ ފަދަ ޑެޑިކޭޝަނެއް ދިވެހި އެކްޓަރުންނަށް ވަކި ނުދެއްކެންވީ ސަބަބެއް ނެތެވެ.
އުމުރުން 42 އަހަރުގައި 2007 ގައި "އޯމް ޝާންތީ އޯމް" ކުޅެން ޝާހްރުކް ސިކްސްޕެކް ގެނައި ގެނައުމަށް ވިސްނާލަމާ ހިނގާށެވެ.
ދާދި ފަހުން ރިލީޒްވި "ޑަންގަލް" ގައި ބަނޑުލައިފައި ހުރި މުސްކުޅިއެއްގެ ރޯލުގެ އިތުރުން، އެ ކެރެކްޓާގެ ޒުވާން ރޯލަށް އުމުރުން 51 އަހަރުގައި އާމިރު ހަށިގަނޑަށް ގެނައި ބަދަލަކީ ދިވެހި އެކްޓަރުން ވެސް ނަމޫނާއަކަށް ބެލުން ރަނގަޅު ކަންކަމެވެ.
ވިއްސާއި ތިރީހުގެ އަހަރުތައް ގުނަމުންދާ ބޮލީވުޑްގެ މިހާރުގެ ޒުވާން ތަރިންނަށް އެކަނި ބަލާލިޔަސް، މިއީ ދިވެހި އެކްޓަރުން ކޮޕީ ނުކޮށް ދޫލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ.
ވަރުން ދަވަން، ޓައިގާ ޝްރޮފް، ރަންވީރު ސިންގް، އަރުޖުން ކަޕޫރު އަދި ޝާހިދު ކަޕޫރުމެން ފަދަ އެކްޓަރުން "ރީތިކޮށް" ތިބެން އެ ކުރާ މަސައްކަތް ދިވެހި އެކްޓަރުން ވެސް ނަމޫނާއަކަށް ބަލަން ޖެހޭނެ އެވެ. އެއިން ކޮންމެ އެކްޓަރަކީ "ތަރިއަކަށްވެގެން" ފިލްމީ ދާއިރާ އަށް ނިކުތް އެކްޓަރުންނެވެ.