21 ޖެނުއަރީ 2017 - 13:49

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިސްވެ އެހެން މުއައްސަސާތަކާ ގުޅިގެން މިއަދު މާލެ ސާފުކޮށްފި އެވެ.

މީރާގެ ސްޕޯކްސްޕާސަން މުހައްމަދު ޝާހިދު ވިދާޅުވީ މިއަދު ހެނދުނު ފެށި ސާފުކުރުމުގެ ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ސާފުކުރިއިރު މެންދުރާ ހަމައަށް، އެންމެ ބޮޑެތި ބާޒާރު ކޮތަޅުގެ 2،500 އަށް ވުރެ ގިނަ ކޮތަޅުގެ ކުނި އެއްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހީކުރިވަރަށް ވުރެ ވެސް ގޮނޑުކޮށް އޮތީ. އެނާޖީ ޑްރިންކްސް ހުސްކުރި ދަޅާއި ފުޅި އާއި ސުޕާރީ ހުސްކުރި ޕެކެޓްތައް ގިނަ އަދަދަކަށް ނެގުނު. ވަރަށް ގިނަ ތަންތަނަށް ގިނަ އަދަދަކަށް ކުނި ޖަމާކޮށްފައި ހުރި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޖުތިމާއީ ހަރަކާތެއްގެ ގޮތުގައި މުއައްސަސާތަކާ ގުޅިގެން މީރާ އިން މިއަދު މާލެ ސާފުކުރިއަސް އެންމެ މުހިއްމީ ސާފުތާހިރުކޮށް މާލެ ބޭއްވުމެވެ. މާލެ ސާފުކުރަން މިއަދު ނިކުތް އެތައް ބަޔަކަށް އެ މެސެޖް ލިބިފައިވާއިރު ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފަރުދީ ޒިންމާ އެބައޮތް މަގުމައްޗާއި އެތަން މިތަނަށް ކުނި ނޭޅުމުގައި. ކޮންމެ މީހަކު ވެސް އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އަޅުގަނޑުމެން ދޭން ބޭނުންވާ މެސެޖަކީ. އޭގެ އިތުރުން މަގުތަކުގައި ޑަސްބިންތައް އިތުރުކުރެވިއްޖިއްޔާ ވެސް ކޮންމެވެސް ހައްލެއް ލިބިދާނެ ކަމަށް މި ހަރަކާތުން އަޅުގަނޑުމެންނަށް ފާހަގަވި،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތައް ހިމެނޭ ޖަމިއްޔާގެ ޗެއާކަން މި އަހަރު މީރާ އިން ކުރާއިރު، މިއީ އެ ޖަމިއްޔާ އިން މި އަހަރު އިންތިޒާމްކުރި އިޖުތިމާއީ ފުރަތަމަ ހަރަކާތެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ހަރަކާތްތައް ރާވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.