ރޮނާލްޑޯގެ ނަސްރުން ސައޫދީ ކިންގް ކަޕުގެ ސެމީއަށް
ރޮނާލްޑޯގެ ނަސްރުން ސައޫދީ ކިންގް ކަޕުގެ ސެމީއަށް

ރިޔާދު (މާޗު 15) - އަބްހާ ކްލަބް 3-1 އިން ބަލިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރު އިން ސައޫދީ ކިންގް ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރޮނާލްޑޯގެ ނަސްރުން ސައޫދީ ކިންގް ކަޕުގެ ސެމީއަށް
ރޮނާލްޑޯގެ ނަސްރުން ސައޫދީ ކިންގް ކަޕުގެ ސެމީއަށް

މި މެޗުގައި ރޮނާލްޑޯގެ ގޯލެއް ނުފެނެ އެވެ. މެޗުގެ 10 ވަނަ ސިކުންތުގައި ނަސްރަށް ގޯލު ޖަހައި މެޗުގައި ލީޑު ނަގައިދިނީ މިޑްފީލްޑަރު ސާމީ އައް ނަޖޭއީ އެވެ. އަދި 21 ވަނަ މިނިޓުގައި ލީޑު ފުޅާ ކޮށްދިން ލަނޑު ޖަހައިދިނީ އަބްދުﷲ އަލް ޚައިބަރީ އެވެ. ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނިތެގައި ނަސްރުގެ ތިން ވަނަ ގޯލު ޖަހައިދިނީ އެ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު މަރާން އެވެ.

ސައުދީ ޕްރޯ ލީގުގެ ދެ ވަނައިގައި މިވަގުތު އޮތް ނަސްރު، ކިންގް ކަޕް ސެމީ ފައިނަލް ގައި ވާދަ ކުރަން ޖެހޭނީ ލީގުގެ 13 ވަނައިގައި އޮތް އަލް ވަހްދާ އާ ދެކޮޅަށެވެ. ވަހްދާ ވަނީ އަލް ބަތީން އާ ވާދަކޮށް 2-1 އިން ކުއާޓާގެ މެޗް ކާމިޔާބު ކޮށްފަ އެވެ. ރޮނާލްޑޯ ވަނީ ލީގުގައި ވަހްދާއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ.

ސެމީ ފައިނަލް ގައި ދެން ކުޅޭނީ ލީގުގެ އެއް ވަނަ މަގާމުގައި މިވަގުތު އޮތް އަލް އިއްތިހާދާއި ހަތަރު ވަނައިގައި އޮތް އަލް ހިލާލް އެވެ. އިއްތިހާދުން ވަނީ ކުއާޓާ ގައި އަލް ފައިހާ އާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކޮށްފަ އެވެ. އަލް ހިލާލް ވަނީ ކުއާޓާ ގައި އަލް ފާތިހް ބަލިކޮށްފަ އެވެ.

ނަސްރުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފް ނިމެނިކޮށް، އޭރު ދަނޑުގެ މެދަކާ ހަމައިން ރޮނާލްޑޯ ބޯޅަ ހިފައިގެން ހުސްކޮށް ކުރިއަށް އަރަން މަސައްކަތް ކުރި ވަގުތު ރެފްރީ ހާފް ނިންމާލަން ކަށިގަނޑު ގޮއްވުމާ އެކު އެކަމާ އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. ހިތްހަމަ ނުޖެހިގެން ރޮނާލްޑޯ ވަނީ ބޯޅަ ނަގައި ސައްޕެއް ޖަހައި ދުރަށް ފޮނުވާލައިފަ އެވެ. މިއާ ގުޅިގެން އޭނާ އަށް ރީނދޫ ކާޑެއް ވެސް ދެއްކި އެވެ.

މިއާ އެކު އެންމެ ފަހުން ނަސްރު ކުޅުނު ތިން މެޗުގައި ވެސް ރޮނާލްޑޯ އަށް ވަނީ ގޯލެއް ކާމިޔާބު ނުކުރެވިފަ އެވެ. އެންމެ ފަހުން ލަނޑެއް ޖަހާފައި ވަނީ ފެބްރުއަރީ މަހު ލީގުގައި ޑަމަކް އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި އޭނާ ވަނީ ހެޓްރިކް ހަދައިފަ އެވެ.

ރޮނާލްޑޯ މިހާތަނަށް ނަސްރަށް ކުޅެދިން ނުވަ މެޗުގައި ވަނީ އަށް ގޯލު ޖަހައިފަ އެވެ. އޭނާ އަށް ގޯލު ވެސް ޖަހައިފައި ވަނީ ލީގު މެޗުތަކުގަ އެވެ. އޭގެ ތެރޭގައި ދެ ހެޓްރިކް ހިމެނެ އެވެ.

ނަސްރަށް ދެން ވެސް އޮތީ އަބްހާ ކުލަބާ ދެކޮޅަށް ކުޅޭ މެޗެކެވެ. ސައުދީ ޕްރޯ ލީގުގައި މި ދެ ޓީމު ބައްދަލުކުރާނީ މި މަހުގެ 18 ވާ ހޮނިހިރު ދުވަހުގެރެ އެވެ.