14 މާޗް 2023 - 16:20

ޔޫކްރޭންގެ މައްސަލައިގައި މިހާރު ވުޖޫދުވެފައިވާ އާ ހަގީގަތްތައް ގަބޫލު ނުކުރާހާ ހިނދަކު، ޔޫކްރޭންގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހަވެރި ހައްލެއް ހޯދުމަކީ މުސްތަހީލު ކަމެއް ކަމަށް ރަޝިޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާގެ ރިއާސީ ތަރުޖަމާނު ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވި ގޮތުގައި ޔޫކްރޭން މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމާ މެދު ރަޝިޔާ އިން ގެންގުޅޭ ސިޔާސަތަކީ ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެކެވެ. އެ ހަގީގަތް ޔޫކްރޭނުން ގަބޫލުކޮށްގެން ނޫނީ މައްސަލަ އަށް ސުލްހަވެރި ހައްލެއް ނުހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަޝިޔާ އިން އެ ބުނާ އާ ހަގީގަތަކީ، ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ އިރުމަތީގެ ހަތަރު ސަރަހައްދަކީ ރަޝިޔާގެ ތަންތަން ކަމަށް ޔޫކްރޭނުން ގަބޫލު ކުރުމެވެ. ނަމަވެސް ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުގެ އެންމެ އިންޗިއެއްހާ ބިންކޮޅެއް ރަޝިޔާގެ ބާރުގެ ދަށުގައި އޮއްވާ ވެސް، ރަޝިޔާއާ އެކުގައި ސުލްހަ ގާއިމުކުރުމެއް ނޯންނާނެ އެވެ.
އަނެއްކޮޅުން ޔޫކްރޭނުން މިއަދު ބުނި ގޮތުގައި އެ ގައުމުގެ ކުރިމަގު ބިނާވެގެން ދާނީ، އެ ގައުމުގެ އިރުދެކުނުގައި އޮންނަ ބަޚްމުތު ސަހަރު ހިފުމަށް ރަޝިޔާ ސިފައިން މިހާރު ކުރަމުންދާ ހަނގުރާމައިން ނުކުންނަ ނަތީޖާއެއްގެ މައްޗަށެވެ.
ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ބަޚްމުތުގައި މިހާރު ކުރަމުން ދަނީ ވަރަށް ވަރުގަދަ ހަނގުރާމައެކެވެ. ރަޝިޔާ ސިފައިން ބަޚްމުތުގެ ހުރިހާ ސަރަހައްދެއްގައި ހަރަކާތްތެރިވަމުން އަންނަ އިރު، ޔޫކްރޭން ސިފައިން ގެންދަނީ އެމީހުންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.
ބަޚްމުތުގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭން ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. ނަމަވެސް އެ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ހިނގައްޖެ ނަމަ، ޔޫކްރޭނަށް ކުރިމަތިވާނެ ހާލަތު ރަނގަޅަށް ވަޒަން ކުރެވޭތީ، އެ ސަރަހައްދު ދިފާއުކުރުމަށްޓަކައި، އެންމެ ފަހު މީހާއާ ޖެހެންދެން ވެސް ޔޫކްރޭން ސިފައިން ހަނގުރާމަ ކުރާނެ ކަމަށް، ރައީސް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިޔާ އިން ބުނާ ގޮތުގައި ބަޚްމުތު ހިފިއްޖެ ނަމަ، ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮނެޓްސްކް ސަރަހައްދު އެކުގައި ހިފުމަށް ރަޝިޔާ ސިފައިންނަށް މަގު ފަހިވެގެން ދާނެ އެވެ. އަމިއްލަ މިނިވަންކަން އިއުލާން ކޮށްފައިވާ ޑޮނެޓްސްކް ސަރަހައްދު އެކުގައި ރަޝިޔާގެ ބާރުގެ ދަށަށް ގެނައުމަކީ، ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އެންމެ ބޮޑު ބޭނުމެވެ.
ބަޚްމުތު ހިފުމަށް ކުރަމުން އަންނަ ހަނގުރާމަ އަށް އަށެއްކަ މަސްދުވަސް ވެގެން ދިޔައިރު، ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕްގެ ހަނގުރާމަވެރިންގެ ބައިވެރިވުމާ އެކު، ރަޝިޔާ ސިފައިން ވަނީ ބަޚްމުތުގެ އިރުމަތީ ސަރަހައްދު ހިފައިފަ އެވެ. ނަމަވެސް މުޅި ބަޚްމުތު ހިސޯރުކުރުމުގައި ރަޝިޔާ ސިފައިންނަށް މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ.