ޝަކީލް ހައި ކޯޓަށް ހަމަޖެއްސުމާއި މުޒާހަރާތަކުގައި ބާރު ބޭނުން ކުރާ މައްސަލަ އެޗްއާރުސީއެމަށް
ޝަކީލް ހައި ކޯޓަށް ހަމަޖެއްސުމާއި މުޒާހަރާތަކުގައި ބާރު ބޭނުން ކުރާ މައްސަލަ އެޗްއާރުސީއެމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް، ހައި ކޯޓަށް ބަދަލުކުރުމާއި މުޒާހަރާތަކުގައި ފުލުހުން ބާރު ބޭނުންކުރާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ހިއުމަން ރައިޓްސް ކޮމިޝާނާ މިއަދު ބައްދަލުކޮށްފި އެވެ.

އެޗްއާރުސީއެމް އަށް ޕީޕީއެމް ޕީއެންސީގެ އިސް ބޭފުޅުން ވަޑައިގެންނެވި ނަމަވެސް، އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލެއް ނުވި އެވެ.

އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ކުރީގެ މަޖިލިސް މެންބަރު އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އޭ ބޭފުޅުންނާ ބައްދަލުވީ ކޮމިޝަނުގެ ސެކެރެޓަރީ ޖެނަރަލްއާ ކަަމަށެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ޝަކީލްގެ މައްސަލަ ޕީޕީއެމުން ހުށަހެޅީ ސަރުކާރުގެ ނުފޫޒުން ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ފަހު، އެ މައްސަލައިގެ އިސްތިއުނާފް ކުރިއަށް ގެންދަން އޮތް ކޯޓަށް ޝަކީލް ބަދަލު ކުރާތީ އެވެ.

ޕީއެންސީގެ ރައީސްގެ މަގާމު ވެސް އަދާކުރައްވާ އަދުރޭ ވިދާޅުވީ ހައިކޯޓަށް ޝަކީލް ބަދަލު ކުރާ މައްސަލަ ޖުޑިޝަރީ ކޮމިޓީ އަށް ހުށަހެޅިފައި އޮތް އިރު ވެސް އެކަމަށް ބައްލަވާ ނުލައްވައި އެކަން ކުރިއަށް ގެންދަވާތީ އެ ކަންބޮޑުވުން ބައްދަލުވުމުގައި ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން މިނިވަންކުރުމަށް ގޮވާލައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރެ އެވެ. މި މައްސަލަ ވެސް އެޗްއާރުސީއެމަށް ހުށަހަޅާފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން އެޗްއާރުސީއެމަށް ވަޑައިގަތުމުން އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލު ނުވި މައްސަލާގައި ވެސް ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފަ އެވެ.

"ހިއުމަން ރައިޓްސް ކަހަލަ މިނިވަން މުއައްސަސާއެއްގެ ބޭފުޅުން ވާން ވާނެ ރައްޔިތުންގެ އަޑު އަހާލަން ކެރޭ ބޭފުޅުންނަށް. ރައްޔިތުން ކަންބޮޑުވުންތައް ހިފައިގެން އައީމަ އެ އަޑުއަހާލުމުގެ ގާބިލުކަން މި މުއައްސަސާގެ ބޭފުޅުންގެ ކިބައިގައި ހުންނަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.