14 މާޗް 2023 - 12:54

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށާ ގުޅިގެން ލޯންޑާކުރި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައުލަތަށް ދައްކަން އެ މަނިކުފާނުގެ މައްޗަށް ކުރި އަމުރު އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމެއް ވަނީ އިއްވައިފަ އެވެ.
މީގެ އިތުރުން އެ މައްސަލާގައި ލޯންޑާކުރި 3.4 މިލިއަން ޑޮލަރު ހަ މަސް ތެރޭގައި ދައުލަތަށް ދައްކަން މިދިޔަ މަހު ކްރިމިނަލް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެމަނިކުފާނު ޖަލަށްލާން ކުރި ހުކުމް ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެ މައްސަލާގެ ބައެއް ކަންކަން އިސްލާހު ކުރަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ.
ޔާމީންގެ މައްޗަށް އެ މައްސަލާގެ އިތުރުން ރ. ފުއްގިރި މައްސަލާގައި ވެސް ދައުލަތުން ދައުވާކުރެ އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.