ރިޔާސީ އިންތިހާބަށް 5،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ
ރިޔާސީ އިންތިހާބަށް 5،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު ނުވައެއްގަ އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު 30 ގައި ބާއްވަން އީސީން އޮތީ ޝެޑިއުލްކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާރު" އަށް ވިދާޅުވީ އިންތިހާބަށް 5،600 އޮފިޝަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500ރ.

- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ.

- ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ.

- ރިސާވް އޮފިޝަލަކަށް 500ރ.

އެ ފައިސާ ލިބޭނީ ހަމައެކަނި ވޯޓުލާ ދުވަހު އެވެ.

މުސާރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ހަމަޖެއްސާނެ އެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމަ ފޯނު އެލަވަންސްގެ ގޮތުގައި 100ރ. ލިބޭނެ އެވެ.

މީގެ އިތުުރުން އީސީން ވަނީ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ކުރުމަށް އަތޮޅުތަކާއި ސިޓީތަކުގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ 80 ޓްރޭނަރުން ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ.

އީސީން ވަނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފަ އެވެ.