14 މާޗް 2023 - 09:55

ހުޅުމާލޭގައި ސަރުކާރު ކާރަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކަށް އަނިޔާވެއްޖެ އެވެ.
ހެނދުނު 8:00 ހާއިރު މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ބޮޑު މަގު ކަމަށްވާ ނިރޮޅުމަގުގައި، ހަބީބް ބޭންކް ކުރިމަތިންނެވެ. އެކްސިޑެންޓްވި ކާރު އޮތް ގޮތުން ބެލެވެނީ ބޮޑުމަގުން، ހުޅުމާލެ 2 އާ ވީކޮޅަށް ދުއްވަމުން ގޮސް އަނެއް ކޮޅަށް އަނބުރާލި ވަގުތު އެކްސިޑެންޓުވީ ކަމަށެވެ.
އޮފީހަށް ދާން ތައްޔާރުވެގެން އިން ޒުވާން ފިރިހެނަކު ދުއްވި ސައިކަލްގައި ޖެހި ކާރުގެ ކުރީކޮޅުގެ ލައިޓް ކައިރިން އޮތީ ހަލާކުވެފަ އެވެ.
އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެކްސިޑެންޓް ހިނގިތާ އިރުކޮޅެއް ތެރޭ ހުޅުމާލެ ހޮސްޕިޓަލްގެ އެމްބިއުލާންސްގައި އޭނާ ވަނީ ފަރުވާ ދޭން ގެންގޮސްފަ އެވެ. އެމްބިއުލާންސަށް އެރުވި އިރު އޭނާ އޮތީ ކަނާތުން އޭނާގެ ވައަތުގެ އުޅަނބޮއްޓާ ދިމާލުގައި ބާރަށް ހިފަހައްޓައިގެންނެވެ.
އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ނުދެ އެވެ.
މިއަދު ހެނދުނު މާލެ-ހުޅުމާލެ ހައިވޭގައި ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ވެސް މީހަކަށް އަނިޔާވި އެވެ. އޭނާއަށް ވެސް އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.