14 މާޗް 2023 - 07:52

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް އާސިފް، ޕީޕީއެމްގެ މުޒާހަރާ އިން ރޭ ހައްޔަރުކޮށްފި އެވެ.
ޕީޕީއެމުން ވަނީ އޭނާ ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ. މިއީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ސުލްހަވެރި އިހްތިޖާޖްގެ ކަންކަން ރާވައި ހިންގާ ގާނޫނީ ވަކީލުންނަށް އަމާޒުކޮށްގެން ސަރުކާރުން ފުލުހުން ލައްވައި ކުރުވި ކަމެއް ކަމުގެ ތުހުމަތު ޕީޕީއެމުން ކުރެ އެވެ.
"މިފަދަ ފިނޑި އަދި ނާތަހުޒީބު އަމަލުތަކަކީ ބަލައިގަނެވޭނޭ އަމަލުތަކެއް ނޫނެވެ. އަދި މިއީ ބިރު ދެއްކުމުގެ ޢަމަލެކެވެ،" ޕީޕީއެމުން ބުންޏެވެ.
ބަޔާނުގައި ބުނި ގޮތުގައި އިހްތިޖާޖުގެ ތެރެއިން މީހުން ހައްޔަރު ކުރާއިރު، ބައިވެރިނުވެ ދުރުގައި ތިބޭ މީހުން ވެސް ހައްޔަރު ކުރަމުން ގެންދާތަން މިހާރު ދަނީ ފެންނަމުންވެ. ރޭގެ އެއްވުމުން ވެސް ގިނަ ބަަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.
"އެގޮތުން ޒުވާން ކަނބަލަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުން އެ ޒުވާނާ ހޭނެތިފައިވާއިރު، އެ ޒުވާނާގެ ސިއްހީ ހާލަތު ސީރިއަސްވެ މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. މިފަދަ ލާއިންސާނީ އަމަލުތައް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހިންގަމުން ގެންދާއިރު، މިކަންކަން ބަލާ ފިޔަވަޅު އެޅުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ މުއައްސަސާތައް ނިދާފައި ތިބުމުގެ އިތުރުން ސަރުކާރު ބޭނުންވާ ގޮތަށް ބަޔާންތައް ނެރެމުން ގެންދިޔުމަކީ ވެސް އެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދޭ ކަންކަމެވެ،" ބަޔާނުގައިވެ އެވެ.
މުޒާހަރާ އިން ހައްޔަރުކުރި އެންމެން ދޫކޮށްލަން ޕީޕީއެމުން ވަނީ ގޮވާލައިފަ އެވެ.
ޕީޕީއެމާއި ޕީއެންސީން މުޒާހަރާކުރަމުން ދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޔާމީން މިނިވަންކުރަން ގޮވާލަ އެވެ. އެމަނިކުފާނަށް ހުކުމް އިއްވި ދުވަހުން ފެށިގެން ސިލްސިލާކޮށް އެއްވުންތަކެއް ދަނީ ބާއްވަމުންނެވެ.