ފްލެޓާއި ގޯތި ދިނުން ލަހެއް ނުވޭ، މެއި މަހު ލިސްޓް އިއުލާން ކުރާނަން: އަކްރަމް
ފްލެޓާއި ގޯތި ދިނުން ލަހެއް ނުވޭ، މެއި މަހު ލިސްޓް އިއުލާން ކުރާނަން: އަކްރަމް

މާލެ ސަރަހައްދުން ފްލެޓާއި ގޯތި ދޭން ކުރާ މަސައްކަތަށް ލަސްކަމެއް ނާންނަ ކަމަށާއި މެއި މަހު ފައިނަލް ލިސްޓް އިއުލާން ކުރާނެ ކަމަށް، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

ފްލެޓާއި ގޯތި ދިނުން ލަހެއް ނުވޭ، މެއި މަހު ލިސްޓް އިއުލާން ކުރާނަން: އަކްރަމް
ފްލެޓާއި ގޯތި ދިނުން ލަހެއް ނުވޭ، މެއި މަހު ލިސްޓް އިއުލާން ކުރާނަން: އަކްރަމް

މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވައުދުވެފައިވާ ފްލެޓާއި ގޯތި ދިނުން ލަސްވާކަން ފާހަގަކޮށް އެކަން އަވަސްކޮށް ދިނުމަށް ގޮވާލައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވާފައިވާ، އާޒިމް މަޖިލީހަށް ހުށަހެޅި ގަރާރާ ގުޅޭގޮތުން ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަކުރަމް "މިހާރު"އަށް ވިދާޅުވީ އެ މަސައްކަތް ލަހެއް ނޫން ކަމަށެވެ. ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ އިވެލުއޭޝަން ވަނީ ފަށާފައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެކަން ލަހެއް ނޫން. މަޝްހޫރުކަން ހޯއްދަވަން ވެގެން ކުރާ ކަމެއް [ހުށަހަޅާ ގަރާރެއް] އެއީ،" އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އަކުރަމް ވިދާޅުވި އެވެ.

"ސަރުކާރުން އެކުލަވާލާފައިވާ ޓައިމްލައިނާ އެއްގޮތަށް ހުރިހާ ކަމެއް ވެސް އެބަ ހިނގާ. ގޯތި އަދި ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް މެއި މަހު އިއުލާން ކުރާނަން، ޖޫން މަހު ހަވާލުކުރާނަން."

ފްލެޓާއި ގޯތި ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލުން ކުރިއަށް ގެންދާނީ ހުށަހަޅާފައިވާ ފަރާތާ މެދު ސުވާލު އުފެދޭނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބުނެފައި އޮންނާނީ ކޮންމެހެން ދާން ޖެހިއްޖެއްޔާ ރެންޑޮމްކޮށް ދާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.

މި އަދަދު އިތުރުކޮށްދެއްވަން މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މާލެ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯއްޗާއި ފްލެޓަށް އެދި 35،861 ފޯމު ހުށަހަޅާފައިވެ އެވެ. އަންނަ ޖޫން މަހު ފްލެޓްތަކުގެ ލިޔުން ހަވާލުކޮށް، އޮގަސްޓް މަހު އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

މި މަޝްރޫއުގެ ދަށުން ސަރުކާރުން އަންނަނީ ހުޅުމާލޭގެ 32 ޓަވަރުގައި 4،000 ފްލެޓު އަޅަމުންނެވެ. އަމާޒު ހިފާފައިވަނީ އޮގަސްޓަށް މީހުންނަށް ދިރިއުޅެވޭ ވަރަށް އޭގެ ތެރެއިން 13 ޓަވަރެއް ނިންމާށެވެ.

މި ޕްރޮޖެކްޓުގައި ހިމެނެނީ 17 އަދި 18 ބުރީގެ ޓަވަރުތަކެވެ. ކޮންމެ ފްލޯއެއްގައި އަށް ހައުސިންގް ޔުނިޓް ހުންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓެވެ.