14 މާޗް 2023 - 07:16

މި އަހަރުގެ އޮސްކާ އެވޯޑް އިންޑިއާގެ ތާރީހުގައި ލިޔެވޭނެ އެވެ. އެއީ އެ ގައުމުގެ މަގްބޫލު ފިލްމު "އާރްއާރްއާރް" އަދި ޑޮކިއުމެންޓަރީ "ދަ އެލެފެންޓް ވިސްޕަރާސް" ހޯދި ކާމިޔާބީގެ ސަބަބުންނެވެ.

ކަރްތިކީ ގޮންސަލްވެސް ޑައިރެކްޓުކޮށްފައިވާ ޑޮކިއުމެންޓަރީ "ދަ އެލެފެންޓް ވިސްޕަރާސް" އަށް ލިބުނު ކުރު ފިލްމު ކެޓަގަރީން އެންމެ މޮޅު ޑޮކިއުމެންޓަރީގެ އެވޯޑަކީ، އިންޑިއާގެ ފިލްމަކަށް ލިބުނު ފުރަތަމަ އޮސްކާ އެވޯޑެވެ.

އިއްޔެ ބޭއްވި އެކަޑަމީ އެވޯޑު ހަފްލައިގާ ބައިނަލްއަގްވާމީ ބޮޑު ކާމިޔާބީއެއް ހޯދި "އާރްއާރްއާރް" ގެ "ނާޓޫ ނާޓޫ" ލަވަޔަށް ވަނީ، މި އަހަރުގެ އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު ލިބިފަ އެވެ. "ނާޓޫ ނާޓޫ" އެ އެވޯޑު ހޯދައިފާ ވަނީ ބައިނަލްއަގްވާމީ ގޮތުން މަޝްހޫރު، ރިއާނާ އާއި ލޭޑީ ގާގާ ފަދަ އާޓިސްޓުންނާ ވާދަކޮށެވެ. އަދި އެ ލަވައިގެ ލައިވް ޕާފޯމަންސެއް އެ ހަފްލާގައި ވަނީ ހުށަހަޅައިދީފަ އެވެ.
އެ ދެ ފިލްމުން ހޯދި ކާމިޔާބީ އަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިމެނޭހެން އިންޑިއާގެ އިސް ބޭފުޅުންނާއި، ބޮލީވުޑްގެ މަގްބޫލު އެކްޓަރުންނާއި، ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން ވަނީ ސޯޝަލް މީޑިއާގައި މަރުހަބާ ކިޔާފަ އެވެ.
މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އާރްއާރްއާރް" އަކީ މުޅި ދުނިޔެއަށް މަޝްހޫރު ލަވައެއް ކަމަށެވެ. އަދި އެއީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ހަނދާން ހުންނާނެ ލަވައަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އެ ކާމިޔާބީއާ މެދު މުޅި އިންޑިއާ ފަހުރުވެރިވާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
"އެލަފަންޓް ވިސްޕަރާސް ފިލްމުގެ ޓީމަށް ވަރަށް ހޫނު މަރުހަބާއެއް. އެ މަސައްކަތުން ދެމެހެއްޓެނިވި ތަރައްގީގެ މުހިންމުކަމާއި، އެއްބައިވަންތަކޮށް ދިރިއުޅުމުގެ މުހިންމުކަން ވަރަށް ފުރިހަމައަށް ފާހަގަކޮށްފައިވޭ" މޯދީގެ ޓްވީޓުގައި ވިދާޅުވި އެވެ.
"އާރްއާރްއާރް" އަދި "ދަ އެލެފްންޓް ވިސްޕަރާސް" އިން ހޯދި ކާމިޔާބީ އަކީ އިންޑިއާގެ ރައްޔިތުންގެ ހަނދާނުން ނުފިލާނެ ތާރީހީ ކާމިޔާބީއެއް ކަމަށް ގިނަބަޔަކު ބުނެ އެވެ.
އެ ދެ އެވޯޑުގެ އިތުރުން، ހަފްލާގައި ޕްރެޒެންޓުކުރުމުގެ ޝަރަފް، އިންޑިއާގެ މަޝްހޫރު ތަރި ދީޕިކާ ޕަދުކޯންއަށް ވަނީ ލިބިފަ އެވެ. އޭނާ އަކީ އިންޑިއާގެ ތާރީހުގައި ތިން ވަނަ އަށް އޮސްކާގައި ޕްރެޒެންޓު ކުރި މީހާ އެވެ. މީގެ ކުރިން އޮސްކާ ޕްރެޒެންޓުކޮށްފައި ވަނީ އިންޑިއާގެ ކުރީގެ އެކްޓްރެސް ޕަސިސް ކަމްބާޓާ އަދި ޕްރިޔަންކާ ޗޯޕްރާ އެވެ.