13 މާޗް 2023 - 13:11

އޮސްކާ އެވޯޑް 2023 ގައި އެންމެ މޮޅު ފިލްމަށް ދޭ "ބެސްޓް ޕިކްޗާ" އެވޯޑު "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" އިން ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވި އޮސްކާ އެވޯޑް ހަފްލާގައި "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" ފިލްމު އެ އެވޯޑު ހޯދާފައި ވަނީ އެ ކެޓަގަރީއަށް ވާދަކުރި ނުވަ ފިލްމާ ވާދަކޮށްގެންނެވެ. އޭގެ ތެރޭގައި، "އެލްވިސް"، "އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރަންޓް", "ޓާ"، އަދި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

އެންމެ މޮޅު ފިލްމުގެ އިތުރުން "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" ވަނީ ނޮމިނޭޓުވި 11 އެވޯޑު ތެރެއިން ހަތް އެވޯޑެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ފިލްމުގެ ލީޑު، މެލޭޝިޔާގެ މިޝޭލް ޔޯ ހޯދައި، އޭޝިއާ އިން އެ އެވޯޑު ހޯދި ފުރަތަމަ މީހާގެ ތާރީހީ ރެކޯޑު ވަނީ ލިބިފަ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އެކްޓަރާއި އެކްޓްރެސްގެ އެވޯޑް ލިބުނީ "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" ގެ ޖެއިމީ ލީ ކާޓިސް އަދި ކޭ ހްވީ ކްވާން އަށެވެ.
އޭގެ އިތުރުން، އެންމެ މޮޅު ޑައިރެކްޓަރަށް ދޭ އެވޯޑު ހޯދާފައިވަނީ މި ފިލްމު ޑައިރެކްޓު ކުރި ޑެނިއެލް ކްވާން އަދި ޑެނިއެލް ޝެއިނާޓް ނުވަތަ "ދަ ޑެނިއެލްސް" އަށެވެ. އަދި އެންމެ މޮޅު އެޑިޓިންގެ އެވޯޑު ވެސް ލިބުނީ މި ފިލްމުގެ، ޕޯލް ރޯޖާސް އަށެވެ. މި ފަހަރުގެ އޮސްކާގައި "ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ" އެވޯޑު ހޯދާފައިވަނީ ވެސް "އެވްރީތިން އެވްރީވެއާ އޯލް އެޓް ވަންސް" އެވެ.
ޗައިނާ އަށް އުފަން މީހަކު (މިޝޭލް ޔިއޯ)، އޭނާގެ އަމިއްލަ ތަފާތު ވާޝަންތަކެއްގެ ގޮތުގައި މަލްޓިވާސްތަކުގެ ތެރެއިން ކުރާ ދަތުރުތަކަށް ބިނާކޮށް ހަދާފައިވާ، އެ ފިލްމަށް ވަނީ މި އަހަރުގެ ގޯލްޑެން ގްލޯބްސްގެ އެންމެ ނޮޅު ފިލްމުގެ އެވޯޑް ވެސް ލިބިފަ އެވެ.
މިއަދު އޮތް އޮސްކާ އެވޯޑުގައި ޖަރުމަނުގެ "އޯލް ކުއައިޓް އޮން ދަ ވެސްޓާން ފްރަންޓް" އަށް ވަނީ އެންމެ މޮޅު ބައިނަލްއަގުވާމީ ފިލްމުގެ އެވޯޑާއެކު އިތުރު ތިން އެވޯޑެއް ލިބިފަ އެވެ. އަދި މިފަހަރުގެ އެންމެ މޮޅު އެކްޓަރަކީ "ދަ ވޭލް" ގެ ބްރެންޑަން ފްރޭސާ އެވެ.