ވިކްޓަރީ ވަރުގަދަ ކުރަން ބޮކުރީ އަލުން ގެނެސްފި
ވިކްޓަރީ ވަރުގަދަ ކުރަން ބޮކުރީ އަލުން ގެނެސްފި

އަލުން އެއް ވަނަ ޑިވިޝަނުން ޖާގައެއް ހޯދުމުގެ އަޒުމުގައި މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ވަރުގަދައަށް ތައްޔާރުވާން ފަށާފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބުން، އެޓީމުން ކެރިއަރު ފެށި ގައުމީ ޓީމުގެ ކުރީގެ ހުނަރުވެރި ވިންގާ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ގެ ސޮއި ހޯދައިފި އެވެ.

މި އަހަރުގެ މުބާރާތަށް ދުރާލާ ތައްޔާރު ވަމުން އަންނަ ވިކްޓަރީ އިން އުމުރުން 35 އަހަރުގެ ބޮކުރީގެ ސޮއި ހޯދާފައި ވާކަން ރޭގެ ވަގުތެއްގައި އެ ކުލަބުން ވަނީ ސޯޝަލް މީޑިއާ ގައި ހާމަކޮށްފަ އެވެ.

ކޯޗު އަލީ ސުޒޭންގެ އިރުޝާދުގެ ދަށުން 2007 ވަނަ އަހަރު ވިކްޓަރީ އިން ވިދާލި ބޮކުރީ އެޓީމު ދޫކޮށްލީ ހަތަރު ސީޒަން އެޓީމަށް ކުޅެފަ އެވެ. މިއީ އޭގެ ފަހުން އޭނާ އެޓީމަށް ބަދަލުވި ފުރަތަމަ ފަހަރެވެ.

ވިކްޓަރީ ދޫކޮށް 2011 އިން 2012 އަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅުމަށް ފަހު އޭނާ ވަނީ 2013 ވަނަ އަހަރު ސައްތައިން ސައްތަ ރެކޯޑަކާ އެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން ވާދަވެރި ނިއު ރޭޑިއަންޓަށް އެހީވެދީފަ އެވެ. އޭގެ ފަހުން ޖެހިގެން އައި ސީޒަން ގައި އުފަން ރަށަށް ނިސްބަތްވާ މަހިބަދޫ ސްޕޯޓްސް ކުލަބް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމާ އެކު އޭނާ ފެނުނީ އެ ޓީމުންނެވެ.

މަހިބަދޫ އަށް ފުރަތަމަ ޑިވިޝަނުގައި އެއް ސީޒަން ކުޅުމަށް ފަހު ބޮކުރީ ވަނީ އެނބުރި މާޒިޔާ އަށް ބަދަލުވެ ކާމިޔާބު ތިން ސީޒަން ހޭދަ ކޮށްފަ އެވެ. އޭގެ ފަހުން ދެ އަހަރު ގަލޮޅު ދަނޑުން ނުފެނި ހުރުމަށް ފަހު ބޮކުރީ ފާހަގަވީ 2020 ވަނަ އަހަރު، އޭރު ދެ ވަނަ ޑިވިޝަނުގައި އޮތް ކްލަބް ވެލެންސިއާ އިންނެވެ. އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކޮށްދޭން އޭނާ ވަނީ ތަޖުރިބާކާރު ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ގާތްގަނޑަކަށް ތިން އަހަރު ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު 2020/2021 ސީޒަން ގައި ވެލެންސިއާ އިން ބޮކުރީ ފެނުނެވެ. އެކަމަކު އެ ސީޒަނަށް ފަހު އެންމެ ފަހުން ބޮކުރީ ގަލޮޅު ދަނޑުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކުލަބުންނެވެ.

ވިކްޓްރީން ވަނީ އެ ޓީމުގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައި، މުހައްމަދު އުމެއިރާއި ގައުމީ ކެޕްޓަން އަކުރަމް އަބްދުލް ގަނީ (އަކޫ) ގެ ސޮއި ވެސް ހޯދައިފަ އެވެ.

ހަމަ އެއާ އެކު ވިކްޓަރީން ވަނީ ޒުވާން ފުލްބެކް ހުސައިން ފައިސަލް (ފައިޓޯ) އާއި ޑިފެންޑަރު ސައްދަމް ހުސެއިން ގެ އިތުރުން އިބްރާހިމް ސިނާހު (ސިނާ) އަދި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު އަހުމަދު ރިލްވާން (ބެން) ގެ ސޮއި ވެސް ހޯދައިފަ އެވެ.