21 ޖެނުއަރީ 2017 - 06:49

ލަންޑަން (ޖެނުއަރީ 20) - ސްޕެއިން ފޯވާޑް ޑިއޭގޯ ކޮސްޓާ ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށާއި ޕްރިމިއާ ލީގުގައި މާދަމާ ހަލް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި އޭނާ ހިމެނޭނެ ކަމަށް ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.
މިދިޔަ ހަފުތާގައި ލެސްޓާ ސިޓީ އަތުން 3-0 އިން ޗެލްސީ މޮޅުވި މެޗަށް ނެގި ސްކޮޑުން ކޮސްޓާ ބާކީކުރީ ބުރަކަށްޓަށް އަނިޔާވެފައިވާ ކަމަށް ބުނެ އޭނާ ކުޅެން ދެކޮޅު ހެދުމުންނެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި ކޮސްޓާ އަސްލު ކުޅެން ބޭނުންނުވީ ޗައިނާގެ ކްލަބަކުން ބޮޑު އޮފާއެއް އައިސްފައިވާތީ އެވެ.
ޗެލްސީން ފަހުން ބުނީ ކޮސްޓާގެ އަނިޔާގެ މައްސަލައެއް އުޅޭ ކަމަށާއި އެކަމަށް ފަރުވާ ހޯދުމަށް އޭނާ ފަރިތަކުރާނީ ވަކިން ކަމަށެވެ. ދެ ދުވަހު ވަކިން ފަރިތަކުރުމަށް ފަހު އޭނާ މިހާރު ވަނީ ޓީމާ އެކު ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފަ އެވެ.
"ކޮސްޓާ ހުރީ ވަރަށް އުފަލުން ޗެލްސީ އަށް ކުޅެވޭތީ. އަހަންނަށް އޭނާގެ ކިބައިން އެއްވެސް މައްސަލައެއް ނުފެނޭ،" ކޮންޓޭ ބުންޏެވެ. "އަހަރެން ވެސް ވަރަށް ގިނަ ވާހަކަތައް އަޑުއަހައިފިން އޭނާއާ ބެހޭގޮތުން. އެކަމަކު މިވަގުތު މުހިއްމީ އޭނާގެ އަނިޔާ ރަނގަޅުވެ ފިޓްވުން. އެކަން މިހާރުވެއްޖެ."
ކޮންޓޭ ތަކުރާރުކޮށް ބުނީ ކޮސްޓާ އަކީ ޗެލްސީއަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް ކަމަށެވެ. އެކަމަކު މާދަމާގެ މެޗުގައި ފުރަތަމަ 11 ގައި އޭނާ ހިމަނާނެކަން ކަށަވަރު ނުކޮށްދެ އެވެ. މާދަމާގެ މެޗުގައި ކޮސްޓާ ކުޅެފި ނަމަ މި މެޗު ވެގެންދާނީ އޭނާ ޗެލްސީ އަށް ކުޅެދޭ 100 ވަނަ މެޗަށެވެ. ކޮންޓޭ ބުނީ އެއީ ވަރަށް ބޮޑު ކާމިޔާބަކަށް ވާނެ ކަމަށެވެ.
މި ސީޒަނުގައި 14 ލަނޑު ޖަހާފައިވާ ފޯވާޑް ގެންދަން މަސައްކަތް ކުރިކަމަށް ޗައިނާގެ ޓިއަންޖިން ކުއަންޖިން އިން ވަނީ ބުނެފަ އެވެ. އެކަމަކު ކޮންމެ ކްލަބަކަށް ގެނެވޭނީ ބިދޭސީ ތިން ކުޅުންތެރިން ކަމަށް ޗައިނާ ލީގުން ނިންމުމުން ކޮސްޓާ ގެންނަން އެ ކްލަބަށް ހުރަސް އެޅުނީ އެވެ. އޭރު އޭނާ ވިއްކާނުލާން އެ ޓީމުގެ ވެރިޔާ ރޯމަން އަބްރަހަމޮވިޗް ވެސް ވަނީ ނިންމައިފަ އެވެ.
އަނެއްކޮޅުން ޗެލްސީން އަންނަނީ އެ ޓީމުގެ ގޯލްކީޕަރު އަސްމިރް ބެގޮވިޗަށް ލިބިފައިވާ އޮފާއަކާ މެދު ވިސްނަމުންނެވެ. ބޮސްނިއާގެ އުމުރުން 29 އަހަރުގެ ކީޕަރަށް ޝައުގުވެރިވަނީ ޕްރިމިއާ ލީގުގެ ބޯންމައުތުންނެވެެ.