20 ޖެނުއަރީ 2017 - 20:45

ޕާސްޕޯޓު ނެތި، ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރުކުރި އެމެރިކާ މީހެއް ކަމަށްވާ ޖޯން ސޭފާޓްގެ އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވޭތުވެދިޔަ ދެ ދުވަހުގެ މަތިން އިމިގްރޭޝަނަށް ގޮސް ޖޯންއާ ބައްދަލުކުރި ކަމަށެވެ. އަދި އެމެރިކާގައި ދިރިއުޅޭ ޖޯންގެ އާއިލާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.
"(އެމެރިކާ) އެމްބަސީން މި ދަނީ ޖޯންގެ މައްސަލަ ވަރަށް ގާތުން ބަލަމުން، އަޅުގަނޑުމެން މަސައްކަތް ކުރާނަން ރާއްޖޭގެ ފުލުހުންނާއި އިމިގްރޭޝަން މެދުވެރިކޮށް އިތުރު މައުލޫމާތު ހޯދަން،" ބަޔާނުގައިވެ އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެެމެރިކާގެ ރައްޔިތުން ހިމާޔަތްކުރުމަކީ ސްޓޭޓް ޑިޕާޓްމަންޓްގެ އެންމެ އިސް މަސައްކަތް ކަމަށް ބުނާ ބުނުމުން މި ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް 70 އަހަރުގެ ޖޯން ގެންދިޔައީ، ފުލުހުންނާ ގުޅިގެން އެ ތަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ޖޯން ގަވާއިދާ ހިލާފުވި ކަމުގެ ތުހުމަތު ކުރާ އިރު، އޭނާގެ ގާތް މީހުން ބުނަނީ ދިވެހިންތަކެއް އޭނާ އަށް ލަނޑުދިނުމުން، ޕާސްޕޯޓު ނެތި އުޅެން މަޖުބޫރުވީ ކަމަށެވެ.
ޖޯންގެ ގާތް މީހުން ބުނާ ގޮތުގައި މީގެ ހަތް އަހަރު ކުރިން އޭނާ ރާއްޖެ އަށް ދިރިއުޅުން ބަދަލުކުރީ ދިވެއްސަކާ އެކު ހުޅުމާލޭގައި ގެސްޓު ހައުސް ވިޔަފާރި ހިންގާށެވެ. އޭނާ ވެސް ފައިސާ ހޭދަ ކޮށްގެން ގެސްޓް ހައުސްގެ ވިޔަފާރި ފެށުމަށް ފަހު ވަކި ހިސާބަކުން އޭނާ ބޭރުކޮށްލީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އެ ވިޔަފާރިން އޭނާ ބޭރުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ ޖޯން އަށް ފައިސާދޭން އެ ވިޔަފާރީގެ އަނެއް ހިއްސާދާރަށް ހުކުމް ވެސް ކޮށްފަ އެވެ.
އިމިގްރޭޝަނުން ވަނީ ޖޯން ޑީޕޯޓްކުރަން ނިންމައިފަ އެވެ.