ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ދޮރު ހުޅުވަން ޖެހޭ
ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ދޮރު ހުޅުވަން ޖެހޭ

ކުޅިވަރު ކުރިއެރުވުމަށް ކުރަން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ކުޅިވަރު ކުޅުންތެރިންނަށް ގިނަ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އެކި ގޮތްގޮތުން މިކަމަށް މަސައްކަތް ކުރުމަކީ އެ ޒިންމާ ބޮލުގައި އެޅިފައިވާ ފަރާތްތަކުން ކުރަން ޖެހޭ މުހިއްމު ކަމެކެވެ. ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތް ނިސްބަތުން މަދެވެ. ވަސީލަތްތައް މަދުވުމުން ރާއްޖެ އަށް އެ ފުރުސަތު ނުލިބެނީ އެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ދޮރު ހުޅުވަން ޖެހޭ
ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ދޮރު ހުޅުވަން ޖެހޭ

މި އަހަރު ރާއްޖޭގައި ގިނަ އަދަދަކަށް ބައިނަލްއަގްވާމީ މެޗުތަކާއި މުބާރާތްތައް ބާއްވަން ވަނީ ޝެޑިއުލްކުރެވިފަ އެވެ. ފުޓްބޯޅަ ގިނަ މެޗުތަކެއް އޮތްއިރު އަންހެން ވޮލީބޯޅަ، ފިރިހެން ވޮލީބޯޅަ އަދި ބެޑްމިންޓަން ބައިނަލްއަގްވާމީ މުބާރާތެއް ރާއްޖޭގައި ބާއްވަން ވަނީ ރާވައިފަ އެވެ.

ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ދޮރު ހުޅުވަން ޖެހޭ
ބައިނަލްއަގްވާމީ މުބާރާތްތަކަށް ރާއްޖޭގެ ދޮރު ހުޅުވަން ޖެހޭ

އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ދިވެހި ކުޅުންތެރިން ދައްކާ ކުޅުން ތަފާތުކަން ގިނަ ބަޔަކު ފާހަަގަކުރެ އެވެ. ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ރާއްޖޭން ކާމިޔާބުކުރިއިރު، މުބާރާތް އޮތީ ރާއްޖެ އާއި ސްރީލަންކާގަ އެވެ. މިއީ ދިވެހިންގެ އެއް ވަނަ ކުޅިވަރުން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީން ވެސް ފެންނަން އޮތް ހަގީގަތެވެ. ދިވެހި ކުޅުންތެރިންނަށް އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މުބާރާތްތައް ކުޅެލުމުގެ ފުރުސަތު ހޯދައިދިނުމުގެ މުހިއްމުކަން އިންތިހާ އަށް ބޮޑެވެ.

މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ތިން މުބާރާތަކީ މި މަހު ފަހު ކޮޅު ފަށާ ވިމެންސް ވޯލްޑް ޗެމްޕިއަންޝިޕް ވޮލީބޯލް ކޮލިފައިން މުބާރާތާއި އަންނަ މާޗް މަހު އޮންނަ ފިރިހެން ވޮލީބޯލް އޭވީސީ މުބާރާތުގެ އިތުރުން މެދުކެނޑުމަކަށް ފަހު ބާއްވާ މޯލްޑިވްސް ބެޑްމިންޓަން ޗެލެންޖެވެ.

ވޮލީބޯޅަ ބޮޑު މުބާރާތެއް މީގެ ކުރިން ރާއްޖޭގައި ބާއްވާފައިނުވެ އެވެ. ރާއްޖޭގައި ފަހަކަށް އައިސް ދެ ޖިންސުން އެންމެ ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ކުޅިވަރަކީ ވޮލީ އެވެ. ވޮލީން ރާއްޖޭގެ ފިރިހެން ގައުމީ ޓީމު ރަނގަޅު ކާމިޔާބީތަކެއް ހޯދަމުން އަންނައިރު، އަންހެން ޓީމުގެ ކުރިއެރުން ވެސް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

"ބޭރުގެ މުބާރާތެއް ރާއްޖޭގައި ކުޅެލުމަކީ ހަގީގަތުގައި ކުޅުންތެރިންގެ ކޮންފިޑެންސާއި ކާމިޔާބީ ހޯދަން ކުރިއަށް ފިޔަވަޅެއް އަޅަން ލިބޭ ބޮޑު ފުރުސަތެއް. ބައިނަލްއަގްވާމީ މުބާރާތްތައް އަބަދު ބޭރުގައި މި ކުޅެނީ. މީގެން އެންމެ މުބާރާތެއް ގައުމުގައި ކުޅެލަން ލިބުމީ ހުރިހާ ގޮތަކުން ވެސް ކުޅުންތެރިން ކުރިއަށްދާން އަދި ކާމިޔާބީ ހޯދަން ލިބޭނެ ހިތްވަރެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ތަޖުރިބާކާރު ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުންޏެވެ.

ވަކިވަކި ކުޅިވަރުތަކަށް ބަލާއިރު ބެޑްމިންޓަނަކީ ވެސް ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް ކުރިން މާލޭގައި ބޭއްވި ބެޑްމިންޓަން އިންޓަނޭޝަނަލް ޗެލެންްޖް މިދިޔަ ދެ އަހަރު ނުބޭއްވުނީ ކުޅިވަރު އެކުވެނި އެތެރެ ކޯޓުގެ މަރާމާތާ ގުޅިގެންނެވެ. މި އަހަރު އަލުން އެ މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައި އޮތްއިރު، މިއީ ކުޅުންތެރިންނަށް ލިބުނު ހިތްވަރެކެވެ. އެއީ ފާއިތުވި ތިން ވަރަކަށް އަހަރު ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިން ބޭރުގެ އެކި މުބާރާތްތަކުގައި ރަނގަޅު ވާދައެއް ކޮށްފައިވާތީ އެވެ.

މިދިޔަ އަހަރު އިންޑިއާގެ ގުވަހާޓީގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ވެސް ނިސްބަތުން ދިވެހި އެތުލީޓުން ހޯދި ކުރިއެރުން އެންމެން ފާހަގަކުރި އެވެ. ލިބުނު މެޑަލްގެ އަދަދު މަދުވިޔަސް ކުޅުންތެރިން ކުރި ބުރަ މަސައްކަތް އަގުވަޒަންކުރި އެވެ. އެންމެން ވެސް ގަބޫލުކުރާ ހަގީގަތަކީ ރާއްޖޭގެ އެތުލީޓުންނަށް ވެސް އަމިއްލަ ގައުމުގައި މުބާރާތްތައް ކުޅެލުމުގެ ފުރުސަތު ލިބުމަކީ ކުޅިވަރުން އެހެން ހަރުފަތަކަށް އަރަން ހުޅުވިގެންދާނެ ދޮރެއް ކަމަށެވެ.

"އިންޑިއާ އާއި ދެން ސަރަހައްދުގައި އޮތް އެހެން ވާދަވެރި ގައުމުތަކަށް އެބައޮވޭ ގިނަ ފުރުސަތުތަކެއް ކުޅިވަރުން ކުރިއަށްދާން. އެ ގައުމުތަކަށް އެބައޮތް ވަސީލަތްތައް ފަހިވެފައި. އަމިއްލަ ގައުމުގައި ބައިނަލްއަގްވާމީ މެޗެއް ކުޅެލުމަކީ ކޮންމެ ކުޅުންތެރިޔަކު ވެސް އުފާކުރާނެ ކަމެއް. އެ ފުރުސަތަށް އަބަދުވެސް ކުޅުންތެރިން އެދޭނެ. މިގޮތަށް ވިސްނާއިރު ދިވެހި އެތުލީޓުންނަށް ވެސް ކޮންމެވެސް ދުވަހަކުން މި ފުރުސަތު ލިބުން އެއީ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ،" މިދިޔަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަ ސައްޔިދު އަލީ އޭރު ވިދާޅުވި އެވެ.

ކޮންމެ އެތުލީޓެއްގެ ވެސް އެންމެ ބޮޑު އެއް އުއްމީދަކަށްވާނީ އަމިއްލަ ފަސްގަނޑުގައި ވެސް ކާމިޔާބީތަކެއް ހޯދުމެވެ. ސާފް ޗެމްޕިއަންޝިޕާއި އޭއެފްސީ ކަޕް ފަދަ މުބާރާތްތަކުގައި ދިވެހި ފުޓްބޯޅަ ޓީމު އެ އުއްމީދުތައް ހާސިލްކޮށްފި އެވެ. މިއީ އެހެން ކުޅިވަރުތަކުން ވެސް އެތުލީޓުންނަށް އެ ފުރުސަތުތައް ހޯދައިދޭންވީ ވަގުތެވެ. ބައިނަލްއަގްވާމީ މުބާރާތްތަކުގެ ސަބަބުން ހަމައެކަނި ފަހިވެގެންދާނީ އަމިއްލަ ފަސްގަނޑުގައި ކާމިޔާބީ ހޯދުމުގެ ފުރުސަތެއް ނޫނެވެ. ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރަން މަޖުބޫރުވެ އެތުލީޓުންނަށް ކުރިމަގުގައި ރަނގަޅު ވަސީލަތްތަކެއް ލިބޭނެ އެވެ. މީގެ ކުރިން ބޭއްވި އޭއެފްސީ ޗެލެންޖް ކަޕުގެ ސަބަބުން ވެސް ފުޓްބޯޅައިގެ ވަސީލަތްތައް ވަނީ އިތުރުވެފަ އެވެ.

ސަރުކާރުން ކުޅިވަރަށް ބޮޑު ބަޖެޓެއް ކަނޑައަޅައި އަދި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ގާއިމްކުރުމުގެ ޕްލޭންތައް ހަދައި އަންނަނީ އަމަލު ވެސް ކުރަމުންނެވެ. މި ޕްލޭންތަކާ އެކު ގިނަ ކުޅިވަރުތައް ކުރިއަށްގެންދަން ރަނގަޅު ފެންވަރުގެ ސްޓޭޑިއަމްތަކާއި އެރީނާތަކެއް އެޅިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންކަމުން އެ މަސައްކަތާ އެކު، ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެ ގެނެވިއްޖެ ނަމަ ވަސީލަތްތައް ގާއިމްކުރަން އިތުރު ބާރެއް އެޅި އެތުލީޓުންނަށް ވެސް ފުރުސަތުތައް ލިބިގެންދާނެ އެވެ.