20 ޖެނުއަރީ 2017 - 19:49

ހުސް އަނގަތެޅުން މި ވަގުތުން ފެށިގެން މާޒީ ވެއްޖެ. ވާހަކައަށް ވުރެ ބޮޑަށް ބޭނުންވަނީ އަމަލީ މަސައްކަތް. މިވެނި ކަމެއް ނުވާނޭ ބުނާ މީހުންގެ އަޑު ރައްޔިތުން އަހައިގެން ނުވާނެ.

އެމެރިކާގެ ހުރިހާ ރައްޔިތުން އެކުވެރިވެ، އެކަތިގަނޑަކަށް ވެއްޖެ ނަމަ އެމެރިކާ ދާނީ ކުރިއަށް. އެމެރިކާ ދާނީ ފޮޅެމުން، އެމެރިކާ އޮންނާނީ ހިމާޔަތްވެފައި.

އެމެރިކާގެ އެތައް މިލިއަން ބައެއްގެ ވަޒީފާތައް ދަނީ ގެއްލެމުން. އޭގެ ބަދަލުގައި ދުނިޔޭގެ އެހެން ގައުމުތަކަށް އެމެރިކާގެ މުއްސަނދިކަން [އެމެރިކާގެ ކުންފުނިތަކުން] ދަނީ ފަތުރަމުން. އެކަމަކު އެއީ މާޒީ. މި ވަގުތުން ފެށިގެން އިސްވާނީ "ފުރަތަމަ އެމެރިކާ"، "ފުރަތަމަ އެމެރިކާ" ސިޔާސަތު.

އެމެރިކާގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެމެރިކާ މީހުންނަށް ވަޒީފާ ދީގެން، އެމެރިކާ މީހުން ކުރާ ކަންތައްތަކެއްގެ ގޮތުގައި.
ޓްރަމްޕް ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ރައީސްގެ ހައިސިއްޔަތުން ގައުމާ މުޚާތަބުކުރައްވައިފި. ކެމްޕޭނުގައި އެމެރިކާގެ އިގްތިސާދާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް ވަނީ ތަކުރާރުކުރައްވާފައި. އެމެރިކާ އަށް ކުރިއެރުމާއި ފާގަތިކަން އިޔާދަކޮށް ޓެރަރިޒަމް ނައްތާލައްވާނެ ކަމަށް ވިދާޅުވި. އެމެރިކާގެ އެއްވެސް ރައްޔިތަކު ބާކީ ނުކުރައްވާނެ ކަމަށާއި އެންމެން ގުޅިގެން ކުރާ މަސައްކަތުން ގައުމުގެ މިސްރާބު ބަދަލު ކުރެވޭނެ ކަމަށް ވިދާޅުވި. ރައީސް ވިދާޅުވީ އެމެރިކާ އެކަތިގަނޑަކަށް ވެއްޖެ ނަމަ އެމެރިކާ އަކީ ހުއްޓުވޭނެ ގައުމެއް ނޫން ކަމަށް.
އެހެން ގައުމުތަކަށް އެމެރިކާ އިން އެތައް ޓްރިލިއަން ޑޮލަރެއް ހޭދަކުރާ އިރު އެމެރިކާގެ އުމްރާނީ ތަރައްގީ އަށް ހޭދައެއް ނުކުރެވޭ. އެކަމަކު މިއަދުން ފެށިގެން އެމެރިކާގައި މަގުތައް ހަދާން، އާ ބްރިޖްތައް، އާ އެއާޕޯޓްތައް އަޅާނެ.
އެމެރިކާގެ ވަޒީފާތައް އެމެރިކާ ރައްޔިތުންނަށް އަނބުރާ ހޯދައިދޭނަން. އެމެރިކާގެ އެއްވެސް ރައްޔިތެއްގެ މަތިން ހަނދާން ނައްތައެއް ނުލާނަން
"އިސްލާމިކް ޓެރަރިޒަމް" ދުނިޔޭގެ ބިމުން ފޮހެލާނަން.
ކެމްޕޭނުގައި ގައުމުގެ އިގްތިސާދާ ބެހޭ ގޮތުން ދެއްކެވި ވާހަކަތައް ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފައި
މިއީ އެމެރިކާގެ ރައްޔިތުންނަށް އަލުން ވެރިކަން ލިބުނު ދުވަހުގެ ގޮތުގައި ފާހަގަކުރެވިގެން ދާނެ
ޓްރަމްޕް: ވެރިކަމުގެ ބާރުތައް މި ހަވާލުކުރެވުނީ ވޮޝިންޓަނުން، އެމެރިކާގެ ރައްޔިތުންނާ
ޓްރަމްޕް، އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކުރައްވަނީ
ޑޮނަލްޑް ޓްރަމްޕަށް އެމެރިކާގެ އުއްތަމަ ފަނޑިޔާރު ހުވާލައިދެއްވަނީ
މިހާރު މައިކަލް ރިޗަޑް ޕެންސް ނައިބު ރައީސްކަމުގެ ހުވާކުރައްވަނީ
ޑޮނަލްޑް ޓްރަމްޕު އެމެރިކާގެ ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ފަށައިފި
އޮބާމާ އާއި ޓްރަމްޕް ކެޕިޓޮލް ހިލް އަށް ވަޑައިގެންފި. ހުވާކުރުމުގެ ރަސްމިއްޔާތު ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެށޭނެ
ރައީސް ބަރަކް އޮބާމާ އާއި އާ ރައީސް ޓްރަމްޕް ވެސް ވައިޓް ހައުސް އިން ނިކުމެވަޑައިގަންނަވައިފި. އެ ބޭފުޅުން ވަޑައިގަންނަވާނީ ކެޕިޓޮލް ހިލްގައި އޮންނަ ހުވާކުރުމުގެ ރަސްމިއްޔާތަށް
އޮބާމާ އާއި ޓްރަމްޕުގެ ނައިބު ރައީސުން ވެސް ވައިޓް ހައުސް އިން ނިކުމެވަޑައިގަތީ އެކުގައި.
އޮބާމާގެ އަނބިކަނބަލުން މިޝޭލް އެކު ޓްރަމްޕުގެ އަނބިކަނބަލުން މެލާނިއާ ވައިޓް ހައުސް އިން ނިކުމެ ވަޑައިގަންނަވައިފި.
ޓްރަމްޕުގެ ކެބިނެޓްގައި އަސްކަރިއްޔާގެ ކުރީގެ އިސް ބޭފުޅުން ގިނަ.
ރިޔާސީ އިންތިހާބުގައި ޓްރަމްޕާ ވާދަކުރައްވައި ނާކާމިޔާބުވެ ވަޑައިގެންނެވި ހިލަރީ ކްލިންޓަނާއި ފިރިކަލުން ކުރީގެ ރައީސް ބިލް ކްލިންޓަން ވެސް ރަސްމިއްޔާތަށް ވަޑައިގަންނަވައިފި. ރައީސް އޮބާމާ އާއި ޓްރަމްޕް ވެސް ވަޑައިގަންނަވައިފި
ރައީސް އޮބާމާ ވެސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ޓްރަމްޕުގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާނެ
ރައީސް ބަރަކް އޮބާމާ މިހާރު ވަނީ ވައިޓް ހައުސް ދޫކުރައްވައި ވަޑައިގެންފައި. ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ އެކި ފެންވަރުގެ ބޭފުޅުންނާއި އަސްކަރިއްޔާގެ ވެރިން ދަނީ ވަޑައިގަންނަވަމުން
އެމެރިކާގެ 45 ވަނަ ރައީސްގެ ހައިސިއްޔަތުން އެމެރިކާގެ ވެރިކަމާ ޑޮނަލްޑް ޓްރަމްޕް ހަވާލުވެވަޑައިގަތުމުގެ ވަގުތު ޖެހިއްޖެ އެވެ. ދުނިޔޭގެ އެންމެ ބާރު ގަދަ، އެންމެ މުއްސަނދި ގައުމުގެ ވެރިރަށް ވޮޝިންޓަންގައި، ޓްރަމްޕް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ރާއްޖޭގެ ގަޑިން މިރޭ 9 ޖަހާ އިރު ފެށޭނެ އެވެ.
ކެމްޕޭން ތެރޭގަ އާއި އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު ވެސް، ވަރަށް ބޮޑެތި މައްސަލަތަކާއި ތުހުމަތުތަކާ ކުރިމަތިވެވަޑައިގެންނެވި ޓްރަމްޕް، 70،ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމެރިކާގެ އެކި ހިސާބުތަކުން އެތައް ހާސް ބަޔަކު ވަނީ ވެރިރަށަށް ޖަމާވެފަ އެވެ. ރަސްމިއްޔާތު އޮންނަ ތަނަށް ވަނުމަށްޓަކައި ބައެއް މީހުން ނުނިދާ ތިބީ ކިއޫ ހަދައިގެންނެވެ.
ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނަނީ އެމެރިކާގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ކޮންގްރެސްގެ އިމާރާތުގެ ބޭރުގަ އެވެ. ޓްރަމްޕަށް، 35 ލަފުޒުގެ، ހުވާ ލައިދެއްވާނީ އެމެރިކާގެ އުއްތަމަފަނޑިޔާރު ޖޯން ޖީ. ރޮބަޓަސް ޖޫނިއާ އެވެ. އޭގެ ފަހުން ގައުމާ މުޚާތަބުކުރައްވާ ރައީސް ޓްރަމްޕް އޭނާގެ ފުރަތަމަ ތަގުރީރު ދެއްވާނެ އެވެ.
އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ތަގުރީރު ތައްޔާރުކުރެއްވީ ޓްރަމްޕް އަމިއްލަފުޅަށެވެ.
މިދިއަ ނޮވެމްބަރު މަހު އޮތް އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިލަރީ ކްލިންޓަނާ ވާދަކުރައްވާ ކާމިޔާބުކުރެއްވުމަކީ އެމެރިކާގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ލިބުނު ހައިރާންކަމެކެވެ. ޓްރަމްޕަށް ވުރެ ދެ މިލިއަން ވޯޓު އިތުރަށް ހިލަރީ އަށް ލިބިވަޑައިގެންނެވި ނަމަވެސް، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބިނާވާ، އިލެކްޓޯރަލް ކޮލެޖް ވޯޓު އެންމެ ގިނައިން ލިބިވަޑައިގަތީ ޓްރަމްޕަށެވެ. އެހެންކަމުން ޓްރަމްޕް އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވަނީ، ފަހުގެ ތާރީޚެއްގައި ރައީސަކަށް ލިބިވަޑައިގެންނެވި އެންމެ މަދު ޕޮޕިއުލާ ވޯޓާ އެކު އެވެ.
ޓްރަޕްގެ މަގުބޫލުކަން، ހުވާކުރެއްވުމުގެ ކުރިން ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. ޚިޔާލު ހޯދުމުގެ ބައެއް ވޯޓުތަކުން ދައްކާ ގޮތުގައި އާންމުންގެ ރުހުން އޮތް މިންވަރު އުޅެނީ 44 ޕަސެންޓްގަ އެވެ. ބަރަކް އޮބާމާ 2009 ގައި ވެރިކަމުގެ ހުވާކުރެއްވި އިރު އާންމުންގެ މެދުގައި މަގުބޫލްކަން ހުރީ 62 ޕަސެންޓްގަ އެވެ.
ޓްރަމްޕަކީ ދިމާލަށް ކޮންމެ އެއްޗެކޭ ވެސް ވިދާޅުވާ ބޭފުޅެކެވެ. އޭނާގެ ޓްވީޓްތައް އަވަހެވެ. އަދި ބަޔަކު ކިޔާފާނެ އެއްޗަކަށް ބެއްލެވުމެއް ނެތެވެ. އެމެރިކާގެ ބައެއް ތަޖުރިބާކާރުން ސިފަކުރާ ގޮތުގައި 45 ވަނަ ރައީސަކީ "140 ލަފުޒު"ގެ ބޭފުޅެކެވެ. އެއީ ޓްވީޓެއްގައި އެންމެ ގިނައިން ބޭނުންކުރެވޭ ލަފުޒުގެ އަދަދެވެ.
އަނެއް ބަޔަކު ބުނަނީ ޓްރަމްޕް ޓްވީޓްކުރައްވާ އެއްޗަކާއި އޭނާ ވެރިކަން ކުރައްވާ ގޮތާ ތަފާތު ވެދާނެ ކަމަށެވެ. އެހެންކަމުން އެމެރިކާގެ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކަންތައް ކުރައްވާ ގޮތް ބަލަން ތިބުން މާ ރަނގަޅުވާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ.
އިއްޔެ ޓްރަމްޕް ވިދާޅުވީ އޭނާ މަސައްކަތްކުރައްވާނީ ބައިބައިވެފައި އޮތް ގައުމު އެއްބައިވަންތަކުރައްވަން ކަމަށެވެ. އަދި ކެމްޕޭން ތެރޭގައި އޭނާ ވައުދުވެވަޑައިގެންނެވި ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އިމާރާތްކުރުމުގެ ވިޔަފާރީގެ ބިލިއަނަރާ މެދު އެތައް ބަޔަކު ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. އެމެރިކާގެ ޑިމޮކްރަސީ އަށް ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ. ޚާއްސަކޮށް ބޮޑު ވިޔަފާރިވެރިޔަކަށް ވުމާއި، އެ ވިޔަފާރިތަކުން މުޅިން ދުރުވެވަޑައިގެންފައި ނުވާތީ ވެސް އެތައް ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.