ދިރާގުން މައިކްރޮސޮފްޓް ސޮލިއުޝަންސް ތައާރަފް ކުރަނީ
ދިރާގުން މައިކްރޮސޮފްޓް ސޮލިއުޝަންސް ތައާރަފް ކުރަނީ

ދިރާގާއި "އެޗް ވަން" ސްރީ ލަންކާއާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެންނަން ނިންމައިފި އެވެ.

އެޗް ވަން އަކީ ސްރީ ލަންކާގެ ލީޑިން ޓިއާ 1 މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.

ދިރާގުން ބުނި ގޮތުގައި އެ ޕާޓްނާޝިޕް މެދުވެރިކޮށް ދިރާގާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ހިދުމަތްތައް މި ސަރަހައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ އެވެ. އޭގެ ތެރޭގައި މޮޑަން ވާކް ކްލައުޑް، މޮޑަން ވާކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއާ)، މޮޑާން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓްގެ ޓެކްނޮލަޖީތައް ހިމެނެ އެވެ.

ދިރާގާއި އެޗް ވަން ސްރީ ލަންކާގެ ޕާޓްނާޝިޕާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ މި ދެކުންފުނީގެ ތަޖުރިބާއާ އެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ "ވަން ސްޓޮޕް" ސޮލިއުޝަނެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ޕާޓްނާޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޕާޓްނާޝިޕާ ގުޅޭ ގޮތުން ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު، ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވި ގޮތުގައި ރާއްޖޭގެ މާކެޓުގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާކުރުމަކީ އެޗް ވަންއަށް ލިބުނު ކުރިއެރުމެކެވެ. އަދި މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާއާ ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާ އެކު އޮންނަ ގުޅުމާ އެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

އެޗް ވަންގެ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވީ ދިރާގުގެ މާކެޓް ރީޗް ވަރުގަދަ ކަސްޓަމާ އެންގޭޖްމަންޓާއި ކޮމްޕްލިމެންޓްރީ އައިސީޓީ ގެ ހިދުމަތްތަކާ އެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ދިރާގުން ބުނި ގޮތުގައި މި ޕާޓްނާޝިޕުގެ ސަބަބުން ދިވެހިންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ވާނެ އެވެ.