12 މާޗް 2023 - 11:52

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ތިންވަނަ ދައުރުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ދެ ދައުރަކަށް، ރައީސްކަން ކުރެވޭ ގޮތަށް ޗައިނާގެ ގާނޫނުއަސާސީގައި އޮތް ނަމަވެސް އެ މުއްދަތު ތިން ދައުރަށް ބަދަލުކުރުމަށް ފަހު، ތިންވަނަ ދައުރަކަށް، ޝީ ވަނީ އިއްޔެ ހުވާކުރައްވައިފަ އެވެ.
ޗައިނާގެ އެމްބަސީން ބުނީ، ރައިސް އިބްރާހިމް މުހައްމަދު ސޯލިހް، ޝީއަށް މަރުހަބާ ވިދާޅުވެ ޗައިނާގެ ރައްޔިތުން ދިން އިތުބާރަށް ތައުރީފު ކުރެއްވި ކަމަށެވެ.
"ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕާއި ތަސައްވުރަށް ޗައިނާގެ ރައްޔިތުން ދެއްވި އިތުބާރާ އެއްގޮތަށް އެމަނިކުފާނުގެ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމދު ސޯލިހް ކާމިޔާބީއަށް އެދިވަޑައިގެންނެވި،" ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީންކުރި ޓްވީޓެއްގައި ބުންޏެވެ.
"ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފާހަގަކުރައްވައިފަ. އަދި ރާއްޖެ އާއި ޗައިނާގެ ގުޅުން ހަރުދަނާ ކުރުމަށް އެކުގައި މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވި."
ޝީ އަށް، ރައީސް އަށް މީގެ ކުރިން މަރުހަބާ ވިދާޅުނުވާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ފާޑުކިޔައިފަ އެވެ.
ރާއްޖެ އާއި ޗައިނާގެ ގުޅުމަށް 50 އަހަރަށް ވުރެ ގިނަ ދުވަސް މިހާރު ވަނީ ވެފަ އެވެ. ރާއްޖޭގެ ތަރައްގީގައި މުހިންމު މަޝްރޫތަކެއް ޗައިނާގެ އެހީގައި ކުރިއަށް ގެންގޮސްފައި ވާއިރު ރާއްޖެ އާއި ޗައިނާގެ ގުޅުމުގައި ދިގު ތާރީހެއް އެބަ އޮތެވެ.