12 މާޗް 2023 - 09:24

ޗައިނާގެ ބޮޑުވަޒީރުގެ މަގާމަށް، ރައީސް ޝީ ޖިންޕިންގްގެ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ ލީ ޗިއާން އިއްޔެ އައްޔަން ކުރައްވައި މަގާމުގެ މަސްއޫލިއްޔަތައް ހަވާލު ކޮށްފި އެވެ.

ޗައިނާގެ ގާނޫނު ހަދާ މަޖިލިސް (ނޭޝަނަލް ޕީޕަލްސް ކޮންގްރެސް)ގެ އިއްޔެ ހެނދުނުގެ ދަންފަޅީގައި، ބޮޑުވަޒީރުގެ މަގާމަށް ލީ ޗިއާން އައްޔަންކުރެއްވުމަށް އޭނާގެ ނަން ހުށަހެޅުއްވީ ރައީސް ޝީ އެވެ. ރައީސްގެ ފަރާތްޕުޅުން އެ ނަން އިއުލާން ކުރެއްވުމާ އެކު، އެ މަގާމަށް އިތުރު އެހެން ބޭފުޅެއްގެ ނަން ހުށަނޭޅުމުން، އިތުރު ވާދަވެރިއަކު ނެތި ލީ ޗިއާން، ޗައިނާގެ ބޮޑުވަޒީރުގެ މަގާމަށް އިންތިޚާބުވީ އެވެ.

ޖުމްލަ 2980 މެމްބަރުން ހިމެނޭ އެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތެރެއިން ލީ ޗިއާން އަށް 2900 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެވެ. ލީ ޗިއާން، 63، ޗައިނާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކާއެކު އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، އަސްކަރީ ގޮތުން ވެސް ގިނަ ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ޗައިނާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރު، ލީ ޗިއާން ހުންނެވީ، އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ޝަންހާއީގައި ހުންނަވާ، ކޮމިޔުނިސްޓް ޕާޓީގެ އިސް ވެރިޔާގެ މަގާމުގަ އެވެ. އެ މަގާމުގައި ހުންނަވައިގެން، ކޮވިޑް ކޮންޓްރޯލް ކުރެއްވުމަށް އެޅުއްވި ހަރުކަށި ފިޔަވަޅުތަކާއެކު، ކޮވިޑް ކޮންޓްރޯލްކޮށް އޭނާ ވަނީ ވެރިކަމުގެ ޒިންމާތައް އަދާކުރެއްވުމުގައި ލިބިވޑައިގެންފައިވާ ގާބިލުކަން ސާބިތުކޮށްދެއްވައިފަ އެވެ.
އޭގެ އިތުރުން ކޮވިޑް ކޮންޓްރޯލް ކުރެއްވުމަށް ރައީސް ޝީ ގެންގުޅުއްވި ހަރުކަށި ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި، ސިޔާސީ ވާދަވެރިންނާއި ވިޔަފާރިވެރިން ކިޔަމުން ދިޔަ ފާޑުކިޔުންތަކަށް ބެއްލެވުމެއް ނެތި، އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކާ އެކު އޭނާ ވަނީ ރައީސް ޝީ އަށް ވަފާތެރިވާ މިންވަރު ވެސް ސާބިތުކޮށްދެއްވައިފަ އެވެ.
ރައީސް ޝީގެ މަގުބޫލުކަން، ލީ ޗިއާން އަށް އެންމެ ފުރަތަމަ ލިބިވަޑައިގަތީ، އުފަން ޕްރޮވިންސް ކަމަށްވާ ޒޭޖިއާންގްގައި ހުންނަ ކޮމިޔުނިސްޓް ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ. ޒޭޖިއާންގް އާއި ޝަންހާއީގައި، ޕާޓީގެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު ލީ ޗިއާންވަނީ އެ ގައުމުގެ ޕްރައިވެޓް ސެކްޓަރާ އެކުގައި ވެސް ގާތް ގުޅުމެއް އުފައްދަވައި، އާންމު ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅަކަށް ވެވަޑައިގެންފަ އެވެ.
ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ލީ ޗިއާންގެ އެންމެ އިސް ދައުރަކަށް ވާނީ، ކޮވިޑްގެ ތެރޭގައި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް ރައީސް ޝީ ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރައްވައި ނަތީޖާ ނެރެދެއްވުމެވެ. އޭގެ އިތުރުން ޗައިނާގެ އެކްސްޕޯޓް އިތުރު ކުރުމާއި، ޗައިނާގެ މުދަލުން އެމެރިކާގައި ނަގާ ޑިއުޓީ ބޮޑުކުރަމުން ދާ މައްސަލަ ހައްލު ކުރުމާއި، މަސައްކަތު އާބާދީ ދަށްވުމާއި، މުސްކުޅިންގެ އާބާދީ އިތުރުވުމަކީ ވެސް، ބޮޑުވަޒީރު ލީ އަށް ކުރިމަތިވެވަޑައިގަންނަވާނެ ވަރުގަދަ އިމްތިހާންތަކެކެވެ.
އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދު ކުރިއެރީ އެންމެ ތިން ޕަސެންޓްގަ އެވެ. އެހެންކަމުން، މިއަހަރުގެ ތެރޭގައި އެ ނިސްބަތް ފަސް ޕަސެންޓަށް އިތުރު ކުރުމަށް، ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގެ މިއަހަރުގެ އަހަރީ ބައްދަލުވުން ފެށުމުގެ ޖަލްސާގައި ވަނީ ކަނޑައަޅައިފަ އެވެ.
ޗައިނާގެ ގާނޫނު ހަދާ މަޖިލީހުގައި 2980 މެމްބަރުން ހިމެނޭ އިރު، ހުރިހާ މެމްބަރުން ބައިވެރިވާ މުޅި މަޖިލީހުގެ އަހަރީ ބައްދަލުވުމެއް ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތަށް، އަހަރަކު އެއްފަހަރު ބާއްވާނެ އެވެ. މިއަހަރުގެ އަހަރީ ބައްދަލުވުން މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާރު ކުރިއަށް ދާއިރު، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗައިނާ ސަރުކާރުން ކުރަން ގަސްދުކުރާ މައިގަނޑު ކަންތައް މި ބައްދަލުވުމުގައި ފާސްކުރާނެ އެވެ. އޭގެ އިތުރުން ސަރުކާރުގެ މުހިންމު މަގާމުތަކަށް ގެންނަ ބަދަލުތައް ވެސް މި ބައްދަލުވުމުގައި ފާސްކުރާނެ އެވެ.