12 މާޗް 2023 - 06:40

ބުދަ ދުވަހާ ގުޅޭ
"އެކަމަކު ދެންމެ ވެސް އަހަރެން މި އައީ ހަތްވަނަ އުޑަށް އަރާލާފަ." ނުބައި އަޑެއް ނެރެލައިފައި، ބޮޑާކަމާ އެކުގައި ޒިޔާދާ ބުންޏެވެ.
"ސުބުހާނަﷲ!" އަހަންނަށް ބުނެވުނެވެ. "އަހަރެން އަޑުއަހަން އިންސާނުން ފޮނިކަނޑާ ވާހަކަ. ޖިންނީން ފޮނިކަނޑާކަމަކަށް އަހަރެން ދުވަހަކު ވެސް ހިޔެއްނުކުރަން. ކަލެއަކަށް ނޭނގޭތަ ޤުރުއާނުގަ ތި ވާހަކަތައް އައިސްފައޮތްކަމެއް؟ އަންގަވައިފަ އެ އޮތީ، ތިޔަބައިމީހުން ކުޅަދާނައިއްޔާ ނިކަން އުޑުތަކަށް އަރައިބަލާށޭ! އެހެން ނޫނަސް، ކަނޑުއެއްޗެއް ކިހިނެއް އުޑަށްއަރާނީ؟"
އޭގެ ފަހުން އެކަކު ވެސް އެއްޗެއް ނުބުނެއެވެ. އަހަރެން ސައިބޮއި ނިމުނު އިރު ވެސް ދެބެއިން ރުޅިއައިސްފައި ތިބީއެވެ. ޖިންނިސައިތާނުންނަށް ކުރެވޭނެހައި ވެސް ކަމަކީ، އިންސާނުން ބިރުގެންނެވުމާއި ވަސްވާސްދިނުމެވެ. މަރިޔަން ފިޔަވައި، އިތުބާރުކުރެވޭ އެކަކު ވެސް އެ ތާކު ނެތެވެ. މަރިޔަން ވަރަށް ރަނގަޅެވެ. އެކަމަކު އޭނަގެ ބަލިކަށިކަމުން ޖިންނީންނާ ކުރިމަތިލާކަށް އޭނަ ނުވެސް ވިސްނައެވެ. އަފުނާން އެއްކޮށް ކަހަލަ ގޮތަކަށް ރަނގަޅުކުރެވުނެވެ. ޒިޔާދާއަށް ކުރި ފަރުވާގެ ނަތީޖާ ރަނގަޅުވަމުންދިޔަ ދުވެލި ވަރަށް މަޑެވެ. ޖިންނީންގެ އުނދަގުލެއް ނުވެ، ބައެއް ފަހަރަށް ހަފުތާ ދެ ހަފުތާ ވެސް ވެއަތުވެއެވެ.
އެއް ފަހަރަކު، ހަތަރު ހަފުތާ ވަންދެން ޒިޔާދާ ރަނގަޅަށް ހުއްޓެވެ. އަހަރެން ހީކުރީ ދެން ރަނގަޅުވީކަމަށެވެ. އެ ދެމަފިރިންގެ ގުޅުން ބަދަހިވެ، މަދުމަދުން ބޭރަށް ވެސް ނުކުންނަން ފެށިއެވެ. ރުގުޔާކުރާ އިރު އެއްވެސް މައްސަލައެއް ނުފެންނާތީ ރުގުޔާ ނިންމައިލަން ވެސް ވާހަކަދެކެވުނެވެ. އިންކާރުކުރީ ބަދީއުއެވެ.
"އެ ސޮރުމެން ވަރަށް މަކަރުގަދަވާނެ،" ބަދީއު ބުންޏެވެ. "ތި ހުރިހާ މަންޒަރެއް އަހަރުމެންނަށް ފެނިފަ ހުރީ. ކިތަންމެ ވޭނެެއްއެޅިޔަސް އެއްވެސް އެއްޗެއް ނުބުނެ މަޑުންއޮވޭ! ބޭނުމަކީ މިކަން ހުއްޓުވާލުން."
"ހުއްޓާލައިފިއްޔާ ވާނެ އެންމެ ގޯސްކަމަކީ ކޮބާ؟" އަހަރެން އެހީމެވެ.
ކޮންމެކޮންމެ ސުވާލަކަށް ޖަވާބުދިނުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ލޮލަށް ނުފެންނަ މަހުލޫގުންތައް ތިބޭނީ އަޑުއަހާށެވެ. އުފެދުމުގެ އަސްލަކީ އަލިފާން ވިޔަސް، އެ ސޮރުމެންގެ ހަރަކާތްތައް އެންމެ ވައްތަރުވާނީ ފޯނުގެ ސިގުނަލު ފަދަ ސިގުނަލަކާއެވެ. ފާރުތައް ފޫއަޅުވައިލައިފައި އެތެރެއަށް ދެމިގަންނާނެއެވެ. އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން ސިކުންތެއް ވެސް ނުނަގާނެއެވެ. ބަދީއު ބުނެފައި އޮންނަނީ، މުހިންމު އެއްވެސް ވާހަކައެއް އަނގަބަހުން ނުދެއްކުމަށެވެ. އަހަރުމެން ބޭނުންކުރަނީ މެސެޖެވެ.
"އަހަންނަށް ހީވަނީ އަހަރެން ބަނޑުބޮޑުހެން،" ޒިޔާދާ ފޮނުވި މެސެޖެއްގައި އޮތެވެ. "އަދި ޓެސްޓެއް ނުކުރަން."
ޒިޔާދާއަށް ސިހުރުހަދަނީ ދަރިޔަކު ލިބުނަ ނުދިނުމަށެވެ. ޖިންނިސައިތާނުން ޑިއުޓީބަހައިގެން އެ ކަމުގައި ދެމިތިއްބެވެ. ވީމާ، ޒިޔާދާ މާބަނޑުވެއްޖެއްޔާ އެއީ ކިހައި ބޮޑު މައްސަލައަކަށްވާނެކަން އަހަރުމެންނަށް އެނގެއެވެ.
އެއްދުވަހަކު އަހަރެންނަށް ގެއަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. ފޯނުގެ އަޑު އޮތީ ކަނޑައިލެވިފައެވެ. އެތައް ފަހަރަކު ޔުމްނާ ގުޅިކަމެއް އަހަންނަކަށް ނޭނގެއެވެ. ގެއަށް ވަން އިރު ޒިޔާދާ އޮތީ ތަޅުންގަނޑުގައި އޮށޯވެގެންނެވެ. އެހެން މީހުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. ނޭނގޭ ކޮންމެވެސް ބަހުރުވަޔަކުން އޭރު ވެސް ޒިޔާދާ ބަނދިވަރުތަކެއް ކިޔެވެ.
"ކީއްވެތަ ފޯނު ނުނަގަނީ؟" އަހަރެން ފެނުމުން ޔުމްނާ ބުންޏެވެ. "މަ ގުޅާގުޅާ! ބަދީއުއަށް ގުޅާބަލަ!"
އަހަރެން އުޅުނީ ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލާށެވެ.
"އޭ! ކަލޭ އައިސްބަލަ!" ޒާތެއްގެ އަޑަކުން ޒިޔާދާ ގޮވައިލިއެވެ. "މި އުޅެނީ މާ ބޮޑުކަމެއް ދިމާވެގެންނޭ!"
އެހެން ބުނުމާ އެކު އަހަރެންގެ ބޮލުގަރިއްސައިލިއެވެ. ހިތަށްއެރިއެވެ. ސިއްރު ފަޅާއެރީއެވެ. އެހެނަސް އެނގުނުކަމަކަށް ނަހަދަމެވެ.
"ކޮން ކަމެއްބާ؟" އަހަރެން އެހީމެވެ.
"އަޅެ ނުލަފާކަމެއް އެބަ ހުއްޓެއްނު!" ޒިޔާދާގެ އަޑާ އެއްވެސް ވަރަކަށް ނުގުޅޭ އަޑަކުން ޒިޔާދާ ބުންޏެވެ. "ކަލެއަކަށް ނޭނގޭތަ މި މަންޖެ ބަލިވެއިންކަމެއް؟"
"ބަލަ ކަލޭ ނުޖެހޭ އެ ކަމާ ވިސްނާކަށް،" އަހަރެން ނިކަން ބާރަށް ބުނީމެވެ. "ކަލެޔާ ކޮން ބެހޭ ކަމެއް؟ ޒިޔާދާއަކީ މީހަކާ އިނދެގެން އުޅޭ އަންހެނެކޭ! އެ މީހުންނަށް ލިބޭ ދަރިޔަކަށް އެ މީހުންނޭ ހަރަދުކުރާނީ. ދަރިފުޅު ބަލާ، ތަރުބިއްޔަތުކުރާނީ ވެސް އެ ދެމަފިރިންނޭ! ކަލޭ ކޮން ކަމަކާ ހާސްވެގެން ތި އުޅެނީ؟ މި ސުވާލަށް ވެސް ޖަވާބުދީބަލަ! އަހަރުމެން ދުވަހަކު ވެސް ކަލޭމެންގެ ތެރެއަށް ގޮސް ކަލޭމެންގެ ދެމަފިރިން ޖައްސާތަ؟ ނުޖައްސާނެ. ކަލޭމެންގެ ހުންނަ ގޮތްކުޑަކަމުން އަހަރުމެންނަށް ކަލޭމެން ތި ޖެއްސުންކުރަނީ. ދެން ބުނާނީ ސިހުރެއް ހަވާލުކުރީއޭ! ސިހުރެއް ހަވާލުކުރިޔަސް ހަވާލުވާކަށް ވެސް ނުޖެހޭނެ. އަޅެ ކަލޭމެން ނިކަން އަހަރުމެންނާ ސިހުރެއް ހަވާލުކުރަން އުޅެބަލަ! ނުވާނެ އެ ކަމެއް. އަހަރުމެން އެ ކަހަލަ ގޮތްކުޑަ ކަންތަކެއް ނުކުރާނެ."
"ކުރޭ!" ވަގުތުން އޭނަ ބުންޏެވެ.
"ކުރެއޭ މަ ވެސް ބުނެފާނަން. އަނގަ އެބަ އޮތް ވިއްޔަ!" މަލާމާތުގެ ރާގަކަށް އަހަރެން ބުނީމެވެ. "ކަލޭ ހެކިދައްކަބަލަ! ދަލީލެއް ދައްކަބަލަ! އަހަރުމެން ކީއްވެގެން އެ ކަން ކުރަންވީ؟ ކުރި ކަމެއް ނިކަން ބުނެބަލަ!"
"ބުރިޖު!" އޭނަ ބުނީ އެހެންނެވެ.
"ބުރިޖަކީ އަހަރުމެންގެ އެއް އަވަށުން އަނެއް އަވަށަށް ދާން އަޅާފަ އޮތް އެއްޗެއް،" އަހަރެން ބުނީމެވެ. "ކަލޭ ހީކުރީ އަހަރުމެން ނާޗަރަނގީކުޅެން އަޅާފަ އޮތް އެއްޗެއްކަމަށްތަ ބުރިޖަކީ؟"
"ތިޔަ ބުރިޖެއްއަޅަން އުޅުނު އިރު އަހަރުމެންނަށް ކަލޭމެން ކިހާ ދުއްޕާނެއް ކުރިން؟" އޭނަ ބުނީ އެ ވަރަށެވެ.
އަހަންނަށް އެ ވާހަކަ ގަބޫލުކުރެވުނެވެ. އެއީ ކަނޑުގެ އަހުލުވެރިންނެވެ. ވީ ކިހިނެއްކަން ނޭނގުނަސް، އެ މަސައްކަތުގެ ތެރޭގައި ބަޔަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބިފައި އޮވެދާނެއެވެ.
"ދެން ތި ބުނަނީ އަހަރުމެންނަށް ދުއްޕާންކުރަން ކަލޭމެން ނާންނަމޭ،" އޭނަ ބުންޏެވެ. "އަހަރުމެން އުޅެންޏާ އުޅޭހެން ހީވާ ހުރިހާ ތަނެއް ހިއްކައިގެން، ގަސް އިންދައިގެން، ގެދޮރުއަޅައިގެން ކަލޭމެން ތި އުޅެނީ،" އެ ހިސާބަށް ބުނެފައި ވަރަށް ބިރުވެރި އަޑަކުން ބުނެލިއެވެ. "ތި ހީކުރަނީ ވަރަށް ދެރަވާނެކަމަށް؟ އޭގެ އެއްވެސް ތާކުން ނުފައިބާނަން."
"މާތްކަލާކޯ އަހަންނަށް ވަރިހަމަ ކަލޭމެން އެ ތާ ބަނޑަހަޖަހައިގެން ތިއްބަސް،" އަހަރެން ބުނީމެވެ. "ދުވަހަކު ވެސް ފައިބާނެކަމެއް ނެތް. މަރުވަންދެން އެ ތާ އުޅޭ!"
އަހަރެން ހިތަށްއެރިއެވެ. ބުރިޖު މަތިން ކަންކަން ދިމާވާ ވާހަކަ ރައްޓެހިން ބުނެފައި އެބަ ހުއްޓެވެ. އެ ވާހަކަ އަހާލަންވެއްޖެއެވެ.
އޭ! ކަލޭ ދަންތަ ބުރިޖުން ދަތުރުކުރާ މީހުންނަށް ދުއްޕާންކުރަން؟ ބުނެބަލަ!" އަހަރެން އެހީމެވެ.
"އުހުނ! އަހަންނެއް ނުދަން،" ވަރަށް ނޫންކަމަށް ހެދިފައި އޭނަ ބުންޏެވެ. "އެކަމަކު ދާ ބަޔަކު ވެސް އުޅޭނެތާ ދޯ؟ އޭ! ކަލޭ ބުރިޖުން ދާ އިރު ކޯޗެއްތަ އެ ކިޔަވަނީ؟"
އަހަންނަކީ ގުރުއާން ހިތުދަސްކުރާ މީހެކެވެ. ދިގު ދަތުރެއްކުރަންޏާ ވެސް އަހަރެން އިންނާނީ މަޑުމަޑުން ކިޔަވާށެވެ. އޭނަ އެހެން ބުނުމުން އަހަންނަށް އެނގުނު އެއްޗަކީ އޭނަ ސައިކަލު ފަހަތުގައި އިންނަކަމެވެ. ބޭނުމަކީ، ޒިޔާދާގެ ފިރިމީހާއަށް ވަސްވާންދިންހެން އަހަންނަށް ވެސް ވަސްވާންދިނުންކަމަށް ވެދާނެއެވެ. އަހަރެން ގުރުއާން ކިޔަވާތީ އޭނައަށް އެ ކަން ނުވީއެވެ.
"އެއީ ކީއްކުރަން ކިޔަވާ އެއްޗެއް؟" އޭނަ ސުވާލުކުރިއެވެ. "ކަލެއަށް ކޮން ކަމެއް ދިމާވެގެން ތި އުޅެނީ؟ ނިކަން އަހަރެން ކައިރީގަ ވެސް ބުނެލައިގެން އުޅެބަލަ!"
"ކަލޭ ތި ހީކުރަނީ ޤުރުއާންކިޔަވަނީ މުސީބާތެއް ޖެހުނީމަކަމަށްތަ؟" އަހަރެން ބުނީމެވެ. "އަހަރެން ކައިރީގަ ވެސް ބުނެލައިގެން އުޅޭށޭ؟ ކަލޭ ތި އުޅެނީ ކަލޭގެ އަމިއްލަ ހާލައިގެން ނޫޅެވިގެން. ކަލެއެކޭ ކޮށްޓެއްގަ ޖެހިފައިން މީދަލެކޭ ކޮބާ ތަފާތެއް؟ އިންސާނެއް ގަޔަށް ވަދެ ތާށިވެފަ ތި އިންނަނީ. އަހަރުމެން ކިޔަވަކިޔާފަ މި އަޅާ ހުރިހާ ފެނެއް ކަލޭގެ ބޮލަށާ ގުދާރަށް މި އެޅެނީ. މަރުވަންދެން ކަލޭ އޮންނާނީ ތިތާ!"
"އޭ! ތިހެން ނުބުނޭ!" އޭނަ އެދުނެވެ. "މަލަކުލްމައުތު ދެކެ އަހަރެން ވަރަށް ބިރުގަނޭ!"
ސިހުރުގެ މުސީބާތުން ދެބެން ސަލާމަތްކުރަން މަސައްކަތްކުރި އަހަރުތަކުގެ ތެރޭގައި، އެތައް ފަހަރަކު ޖިންނިސައިތާނުން އެހެން ބުނެފައި އެބަހުއްޓެވެ. އެއީ އަހަރުމެން ރުޅިއަރުވަންކަމަށް ވެސް ވެދާނެއެވެ.
"ބަލަ އެއީ ﷲ ވަރަށް ބޮޑު މަސައްކަތްޕުޅެއް ހަވާލުކުރައްވައިފަ ހުންނަ މަލާއިކަތެކޭ،" އެ ފަހަރު އަހަރެން ބުނީމެވެ. "މަރުހިއްޕެވުމަކީ އެ މަލާއިކަތާގެ ވަޒީފާއޭ! މިސާލަކަށް މާދަމާ ވަކި ވަގުތެއްގަ ކަލޭގެ ފުރާނަ ހިއްޕަވަން ހަވާލުކުރެއްވީ. ކަލޭ ކޮންމެ ތާކު ފިލާ އޮތަސް ވަގުތު ޖެހޭ އިރަށް ޓަސް."
"އޭ! މަލަކުލްމައުތުގެ ވާހަކަ ނުދައް.." އޭނައަށް ބުނެވުނީ އެ ހިސާބަށެވެ.
"މަލާއިކަތެއް ދެކެހޭ ކަލޭ އަދި ވެސް ބިރުގަންނަންވީ؟ ކިހާ ވަރުގަދަ ކަމެއް މީ؟" އަހަރެން ބުނީމެވެ. "އެ މަލާއިކަތާ ހެއްދެވި ﷲ ދެކެ ކަލޭ ބިރުގެންބަލަ! އެއީ މާ ބާރުގަދަ ފަރާތެއްނު! މަލަކުލްމައުތުގެ ވެސް މަރުހިއްޕަވާނެ. ކަލެއަށް އެނގޭތަ އެ ކަން؟ އަހަންނަށް އެނގޭ އަހަރެންގެ މި ވާހަކަ އަޑުއަހަން އެތައް ބަޔަކު ތިބޭނެކަން. އަދި ވެސް ލަހެއްނުވޭ! ﷲ އަށް ބިރުވެތިވެ، ހައްގުގެ މަގަށް ރުޖޫއަވޭ! އޭރުން ހުރިހައި ފާފައެއް އެ ފުހެވުނީ."
އޭނައަކީ އެންމެ ފަހު ޖިންނިއެވެ. ދެން ތިބި އެންމެން ގޮތްދޫކުރި އިރު ވެސް އޭނަ ހުރީ ގޮތުގައެވެ. އެތައް ދުވަހެއްގެ ނަސޭހަތުން ވެސް އޭނައަކަށް ފައިދާއެއް ނުކުރިއެވެ. އޭނަގެ ބަހަކީ މިއެވެ. އިސްލާންވެއްޖެއްޔާ އޭނަގެ ގަބީލާގެ މީހުން އޭނައަށް މަލާމާތްކުރާނެއެވެ. އޭނަގެ އުންމީދަކީ ޝަރަފުވެރި މަރަކުން މަރުވުމެވެ. އެހެނަސް، އޭނަ މަރުވީ ގޮތްދޫނުކުރުންމަތީގައެވެ. ޝަރަފެއް ލިބޭ ވަރުގެ ރައްދެއް އޭނައަކަށް ނުދެވުނެވެ. ހިތްވަރެއް ވެސް އޭނައަކަށް ނުދެއްކުނެވެ.
އަހަރުމެންގެ ދަތުރު ކާމިޔާބުވާން ހައެއްކަ އަހަރު ނެގިއެވެ. އޭގެ ފަހުން މަރިޔަންގެ ގުޅުން ވެސް ކެނޑުނީއެވެ. މިއަދު ޒިޔާދާއަކީ ދެ ކުދިންގެ މަންމައެކެވެ. އަފުނާން މީހަކާ ކައިވެނިކޮށްގެން އޭނައަށް ވެސް ދެ ކުދިން ލިބުނެވެ. މި ވާހަކައިން އަހަންނަށް އެނގުނީ ޖިންނިސައިތާނުންގެ މަކަރުވެރިކަމާއި، އަނިޔާވެރިކަން އެކަންޏެއް ނޫނެވެ. އިންސާނުންގެ މަކަރުވެރިކަމާއި، އަނިޔާވެރިކަމެވެ. ގާތްތިމާގެ މީހުންގެ ދަހިވެތިކަމާއި، ރަހުމުކުޑަކަމެވެ. ޖިންނިން ސިހުރު އުފުލުމުގައި ދެމިތިބެނީ ފުރާނަ ސަލާމަތްކުރުމަށް ޓަކައެވެ. އިންސާނުން ސިހުރު ހެދުމުގައި ދެމިތިބެނީ ދުނިޔޭގެ އެދުމަށް ޓަކައެވެ. އެކަމަކު އިންސާނަކަށް ވުރެ ޖިންނިއެއް ދެކެ އަހަރުމެން ގަންނަ ބިރު ބޮޑެވެ. އަޖައިބަކީ އެއީއެވެ.
ނިމުނީ