ނެޓްފްލިކްސް އިން މިދިޔަ އަހަރު ނެރުނު "ވެނިސްޑޭ" ސީރީޒްގައި އެންމެ ބޮޑު މަގްބޫލުކަމެއް ހޯދި އެއް މަންޒަރަކީ، ސޯޝަލް މީޑިއާގައި ވައިރަލްވި، ލީޑު ކެރެކްޓާ ވެނިސްޑޭ އެޑަމްސްގެ ނެށުމެވެ.

ފެންޓަސީ ޑްރާމާ "އެޑަމްސް ފެމިލީ" ގެ ކެރެކްޓާއިންނަށް ބިނާކޮށް އުފައްދާފައިވާ އެ ސީރީޒްގެ ޓައިޓަލް ކެރެކްޓާގެ ރޯލު ކުޅުނު ޖެނާ އޮޓޭގާ އަށް ވަނީ އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ޖެނާ ބުނި ގޮތުގައި، އެ ނެށުމުގެ ކޮރިއޯގްރަފީ ތައްޔާރުކުރީ އޭނާ އަމިއްލަ އަށެވެ.

އެ ނެށުމަށް ބިނާކޮށް، ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ވެނިސްޑޭގެ މޭކަޕް ކޮށްގެން "ވެނިސްޑޭ" ނަށާ ގޮތަށް ނެށުން ވަނީ ބޮޑު ޓްރެންޑަކަށް ވެފަ އެވެ. ލޭޑީ ގާގާގެ "ބްލަޑީ މެރީ" ލަވަޔަށް، އެގޮތަށް ނަށާ ޓްރެންޑުގައި ލޭޑީ ގާގާ އަމިއްލަ އަށް ވެސް ވަނީ ޓްރެންޑުގައި ބައިވެރިވެފަ އެވެ.

"ވެނިސްޑޭ" ސީރީޒުން ހޯދި މަގްބޫލުކަމާ އެކު، މަޝްހޫރު ލައިވް ޓިވީ ޝޯ، ސަޓަޑޭ ނައިޓް ލައިވް (އެސްއެންއެލް) ހޯސްޓުކުރަން ހަމަޖެހިފައިވާ އެޕިސޯޑުގެ ޕްރޮމޯޝަން ވީޑިއޯގައި، މަޝްހޫރު ކޮމެޑީ ޓްރިއޯ "ޕްލީޒް ޑޯންޓް ޑެސްޓްރޯއީ ބޯއީސް (ޕީޑީޑީ ބޯއީސް)" އާ އެކު ސްކްރިޕްޓެއް މަޝްވަރާކުރާ ތަން ފެނެ އެވެ.

"މި (ސްކްރިޕްޓް) މިއޮތީ ވަރަށް ފުރިހަމަ އަށް ލިޔެފައި. އެކަމަކު، އަހަރެން ބޭނުމެއް ނޫން 'ވެނިސްޑޭ' ނެށުން މި ޕްރޮމޯއަށް ލާކަށް. އެއީ ވަރަށް ގިނައިން ފެނޭ ދޯ އެ ނެށުން، އަހަންނަށް ހީވަނީ އާ ކަމެއް ކުރުން ކަންނޭނގެ ރަނގަޅުވާނީ" އެ ވީޑިއޯގައި ޖެނާ ބުނެ އެވެ.

އެކަމާ ޕީޑީޑީ ބޯއީސް އެއްބަސްވާ ފަހުން، އެ މީހުން ފުރަތަމަ ދައްކާލާއިރު ވެނިސްޑޭގެ ކޮސްޓިއުމްގައި ތިބި ތަން ފެނެ އެވެ. އަދި ޖެނާއާ އެކު ނަށަން ބޭނުން ނުވާ ކަމަށް ބުނި ނަމަވެސް، ޖެނާ ނަށަން އެއްބަސް ވުމުން އެ މީހުން އުފާވެ އެވެ.

އެ ވީޑިއޯ ނިމެނީ، ފޫހިކަމާ އެކު ޖެނާ ޕިޑީ ބޯއީސްއާ އެކު 'ވެނިސްޑޭ' ގެ ނެށުން ހުށަހަޅައިދޭ ފަހުންނެވެ.

މިހާރު ކުރިއަށްދާ އެސްއެންއެލްގެ 48 ވަނަ ސީޒަންގައި ރޭ އޮތް ޝޯގައި ޖެނާ ވަނީ، މިއުޒިކަލް ގެސްޓެއްގެ ގޮތުގައި ބައިވެރިވާ ބޭންޑު، "ދަ 1975" އާ އެކު ހޯސްޓުކޮށްފަ އެވެ. މިއީ ޖެނާ އެސްއެންއެލް ހޯސްޓުކުރި ފުރަތަމަ ފަހަރެވެ.