ދަލެއްގައި ޖެހުނު ހަ ވެލާގެ ތެރެއިން ސަލާމަތްވީ ފަހެއް
ދަލެއްގައި ޖެހުނު ހަ ވެލާގެ ތެރެއިން ސަލާމަތްވީ ފަހެއް

އެނބޫދޫ ފަޅު ކައިރިން މަސް ހިފާ ދަލެއްގައި ޖެހިފައި ތިބި ފަސް ވެލާ ސަލާމަތް ކުރި ދިވެހިންތަކެއް ކުރި ހިތްވަރު ބޭރުގެ މީޑިއާތަކުގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފަ އެވެ. މިއީ އެއް ދަލެއްގައި މިހާ ގިނަ އަދަދެއްގެ ވެލާތަކެއް "ނޭވާނުލެވި" ތިއްބާ ފެނުނު ފުރަތަމަ މަންޒަރެވެ.

ބޮޑު ދަލެއްގެ ތެރޭގައި ތާށިވި ވެލާތައް ސަލާމަތް ކުރުމުގެ ނަސީބު ލިބުނީ އެޕްނިއާ މޯލްޑިވްސްގައި މަސައްކަތް ކުރާ ޑައިވަރުންތަކަކަށެވެ. ރަށަކަށް ދަތުރު ދިޔަ މަގުމަތީގައި ފެނުނު މަންޒަރާއެކު އެ މީހުން އަވަސްވެގަތީ ދަލުގައި ޖެހިފައި ތިބި ވެލާތައް ސަލާމަތް ކުރުމަށެވެ.

ކަނޑަށް ދޫކޮށްލާފައި ހުންނަ ދާތަކުގައި ޖެހި ސަލާމަތް ނުވެވި ތިއްބާ ވަރަށް ގިނަ ވެލާ ފެނެ އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ވެލާ ސަލާމަތްކޮށްފައި އެބަހުއްޓެވެ. އެކަމަކު އެއް ދަލެއްގައި މި ފަހަރު ފެނުނީ ހަ ވެލާ ތާށިވެފައި ތިއްބަ އެވެ.

ދޯނީގައި ހުރި ޑައިވަރަކު ވަޅިއެއް ބޭނުންކޮށްގެން ދާގަނޑު ކޮށާލުމަށް ފަހު، ފަހަރަކު ވެލައެއް ކަނޑަށް ދޫކޮށްލުމާ އެކު އެސޮރުމެން ބާރުބާރަށް ފީނައިގަނެ ކަނޑުގެ ފުނަށް ގޮސް ގެއްލެ އެވެ.

އެކަމަކު ދަލުގައި ޖެހިފައި އޮތް ހަ ވެލާގެ ތެރެއިން އެއް ވެލާ އޮތީ މަރުވެފަ އެވެ.

ޑައިވަރެއް ކަމަށްވާ އަހުމަދު ޝައްމޫން ބުނި ގޮތުގައި ދަލުގައި ތާށިވެފައި ތިބީ ބޮޑު ހަތަރު ވެލަޔާއި ކުޑަ ދެ ވެލަ އެވެ. އޭގެ ތެރެއިން މަރުވެފައި ވަނީ ކުޑަ ވެލައެއް ކަމަށް އޭނާ ބުންޏެވެ. މި ވެލާތައް ސަލާމަތް ކުރަމުންދިޔަ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ ބަޔަކު މީހުން ކަނޑަށް އެއްލާލާފައި އޮތް ދަލެއް، ސަލާމަތް ކުރެވުނީ ފަސް ވެލާ، ކުޑަ ވެލައަށް އެހީތެރިވުމުގެ ކުރިން އޮތީ މަރުވެފައި،" ޝައްމޫން ބުންޏެވެ.

ޑައިވަރުން ބުނި ގޮތުގައި މި ވީޑިއޯ ވާނީ އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އެޅޭ ބާރަކަށެވެ. ކަނޑަށް ކުނި އެޅުން ހުއްޓުވަން ކޮންމެ މީހަކު، އެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށް އެ މީހުން ބުންޏެވެ.

"ކުނިބުނިން ކަނޑު އެއްކޮށް ފުރޭ މަންޒަރު މިހާރު ފެންނަނީ، މިއީ އެންމެން ދައްކާ ވާހަކަ."

ތަޣައްޔަރުވަމުންދާ ކަނޑުތަކުގައި އޮޔާދާ ކުނިބުންޏާ ދިމާލަށް ވެލާ ދަނީ ކާ އެއްޗެއް ލިބުމުގެ އުންމީދުގަ އެވެ. އެކަމަކު ގިނަ ފަހަރު ތަޣައްޔަރުވަމުންދާ ކަނޑުތަކުގައި އޮޔާދާ ކުނިބުނީގެ ތެރޭގައި ތާށިވެ މަރަށް ތެޅޭ ވެލާ ސަލާމަތް ކުރާނެ އަތްތައް ވަރަށް މަދެވެ.

ހިމާޔަތްކޮށްފައި ވިޔަސް ވެލާ ހިފައި އޭގެ މަހާއި ބިސް ކެއުން އުފަލަކަށް ހަދައިގެން އުޅޭ މީހުން ވަރަށް ގިނަ އެވެ. އެކަމަކު މިކަމުގައި އުޅެނިކޮށް ފަޅާއަރައި އަދަބު ލިބެނީ މަދު ބަޔަކަށެވެ.