ކުޑަކުދިންގެ ކެންސަރު ހޮސްޕިޓަލަކަށް އެހީވާން މާޓިނޭޒް އަންގި ނީލަން ކިޔައިފި
ކުޑަކުދިންގެ ކެންސަރު ހޮސްޕިޓަލަކަށް އެހީވާން މާޓިނޭޒް އަންގި ނީލަން ކިޔައިފި

ޕެނަލްޓީ ޖަހައިގެން 4-2 އިން ފްރާންސް ބަލިކޮށް އާޖެންޓީނާ އިން މިދިޔަ ޑިސެމްބަރު މަހު ވޯލްޑް ކަޕް ކާމިޔާބުކުރި މެޗުގައި އާޖެންޓީނާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ބޭނުންކުރި އަންގި، ކުޑަކުދިންގެ ކެންސަރު ހޮސްޕިޓަލަކަށް އެހީވުމަށް، 45،000 ޑޮލަރަށް ނީލަމުގައި އިއްޔެ ވިއްކާލައިފި އެވެ.

އާޖެންޓީނާގައި އޮތް ނީލަމުގައި، އޮންލައިންކޮށް ބައިވެރިވި މާޓިނޭޒް ބުނީ ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުނު އަންގި އޭނާ އަށް ވަރަށް ހާއްސަ ކަމަށާއި އެކަމަކު އެ ގޭގައި ފްރޭމްކޮށްފައި ބޭއްވުމަށް ވުރެ ކުޑަކުދިންނަށް އެހީވެވުމުން ބޭނުންކުރެވުމުން މާބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ނީލަން ކިޔުމުގެ ފުރުސަތު ލިބުމުން އަހަރެން ދެ ވަނަ ވިސްނުމަކަށް ނުދަން،" އޭނާ ބުންޏެވެ.

ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު 3-3 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ މޮޅުވި މެޗުގައި މާޓިނޭޒް ވަނީ އެ އަންގި ލައިގެން މުހިއްމު ސޭވްތަކެއް ކުރި އެވެ. އޭގެ ތެރޭގައި ފަހު ވަގުތު ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ފޮނުވާލި ބޯޅަ އާއި ޝޫޓްއައުޓުގައި، ފްރާންސްގެ ކިންގްސްލީ ކޯމަން އާއި އޯރެލިއަން ޗޫމެނީ ފޮނުވާލި ޕެނަލްޓީތައް ހިމެނެ އެވެ.

އެއާ އެކު ގިނަ ބަޔެއްގެ ބަތަލަކަށް އޭނާވި އެވެ. އެކަމަކު މެޗަށް ފަހު، އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ހިފައިގެން ހުރެ ހުތުރު ވައްތަރެއް ޖެއްސުމުންނާއި ޓްރޮފީ ޕެރޭޑުގައި ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް ފުރައްސާރަކުރުމުން އޭނާއާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުނެވެ.