10 މާޗް 2023 - 10:27

ޖިއްދާ (މާޗު 10) - ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ އަތުން 1-0 އިން ބަލިވެ އައް ނަސްރު އަށް ލީގުގެ އެއް ވަނަ މަގާމު ގެއްލުމުން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރުޅިގަދަ ވެއްޖެ އެވެ.
ކުރިން ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާ އަށް ކޯޗު ކޮށްދިން ޕޯޗުގީޒް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ކޯޗު ކޮށްދޭ އިއްތިހާދުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ، 2012 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕް ގައި ޗެލްސީ ބަލިކުރި ކޮރިންތިއަންސް ޓީމުގައި ހިމެނުނު ބްރެޒިލްގެ ސްޓްރައިކަރު ރޮމާރީނިއޯ އެވެ.
މިއީ ލީގުގައި އައް ނަސްރު މި ސީޒަނުގައި ކުރިމަތިވި ދެ ވަނަ ބައްޔެވެ. މި ނަތީޖާއާ އެކު އިއްތިހާދު ވަނީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެން ލީގު ތާވަލުގެ އެއް ވަނައަށް ޖެހިލައިފަ އެވެ. އެއް ޕޮއިންޓް މަދުކޮށް ނަސްރު އޮތީ ދެ ވަނައިގަ އެވެ.
އިއްތިހާދުން ވަނީ މިދިޔަ ޖެނުއަރީ މަހު ސައުދީ ސުޕަ ކަޕް ގެ ސެމީ ފައިނަލް ގައި ވެސް ރޮނާލްޑޯއާ އެކު ކުޅެމުން ދިޔަ ނަސްރު ބަލިކޮށްފަ އެވެ.
ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ރޮނާލްޑޯ ގެ ފަރާތުން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން ފާހަގަ ވެފަ އެވެ. މެޗަށް ފަހު ޗޭންޖިން ރޫމަށް ދަމުން ރުޅި އައިސްފައި ހުރި ރޮނާލްޑޯ ވަނީ ކެޕްޓަން ބޭންޑް ވެސް ނަގައި، ބެންޗު ކައިރީ ހުރި ފެންފުޅި ތަކެއްގައި ފައިން ޖަހައިފަ އެވެ. އޭރު އިދިކޮޅު ސަޕޯޓަރުން ދިޔައީ، ރޮނާލްޑޯގެ ވާދަވެރި ލިއޮނަލް މެސީގެ ނަން ގޮވަމުންނެވެ.
މުޅި މެޗުގައި ވެސް ގޯލާ އަމާޒުކޮށް ރޮނާލްޑޯ އަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ނަމަވެސް އަވޭ މެޗު ބަލަން އިއްތިހާދުގެ ސްޓޭޑިއަމަށް ދިޔަ ނަސްރުގެ ސަޕޯޓަރުން ވަނީ އުމުރުން 38 އަހަރުގެ ފޯވާޑަށް ފުރިހަމަ ސަޕޯޓެއް ދީފަ އެވެ. ރުޅި އައިސް ހުރި ނަމަވެސް ދަނޑުން ފޭބުމުގެ ކުރިން ރޮނާލްޑޯ ވަނީ ސަޕޯޓަރުންގެ އަގު ވަޒަންކޮށްފަ އެވެ.
ނަސްރުން ލީގުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ އަބްހާ ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން، އަންގާރަ ދުވަހުގެ ރޭ ސައުދީ ކިންގް ކަޕް ކުއާޓާ ފައިނަލުގައި ހަމަ އެ ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ.