ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން ހައި ކޯޓުން އަންގައިފި
ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން ހައި ކޯޓުން އަންގައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރަން ހައި ކޯޓުން އަންގައިފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

އެ މައްސަލާގެ އިސްތިއުނާފް ފޯމް އިސްލާހު ކުރަން ޔާމީންގެ ވަކީލުންނަށް މިއަދު އަންގާފައިވާކަން ހައި ކޯޓުން ކަށަވަރުކޮށް ދިނެވެ.

އެ މައްސަލަ ބަލައިގަތުން ލަސްވާތީ އިދިކޮޅު ކޯލިޝަނުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޔާމީންގެ މައްޗަށް ކުރި ހުކުމާ އެކު، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. އެކަމަކު އެމަނިކުފާނު ވަކީލުން ވަނީ މިމަސް ތެރޭގައި ހައި ކޯޓުން އެމަނިކުފާނު މިނިވަން ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.