އުރީދޫން އާ ޕްރޮޖެކްޓްތަކަށް 379 މިލިއަން ރުފިޔާ ހޭދަކުރި
އުރީދޫން އާ ޕްރޮޖެކްޓްތަކަށް 379 މިލިއަން ރުފިޔާ ހޭދަކުރި

އުރީދޫގެ ހިދުމަތް ފުޅާ ކުރުމަށް މުހިއްމު އާ ޕްރޮޖެކްޓްތަކަށް އިންވެސްޓް ކުރަމުން އަންނަ ކަމަށާއި މިދިޔަ އަހަރު ވެސް 379 މިލިއަން ރުފިޔާ އެކި މަޝްރޫއުތަކަށް ހޭދަ ކުރި ކަމަށް އެކުންފުނީގެ ބޯޑުން ބުނެފި އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރު ސުރޭޝް ކަލްޕަތީ ޗިދަމްބަރަމް ވިދާޅުވީ، ކުންފުނީގެ ފައިނޭޝަލް ކޯސްޓު ނުވަތަ ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވެފައިވަނީ ކުންފުނިން ތަފާތު އިންވެސްޓްމެންޓްތައް ކުރަމުން އަންނާތީ ކަމަށެވެ. އެގޮތުން ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއުއަކީ ވެސް ބޮޑު ހަރަދެއް ކަމަށެވެ. އަދި 5ޖީ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ވެސް ބޮޑު ހޭދައެއް ކުރި އެވެ.

އުރީދޫން މިދިޔަ އަހަރު ދަރަނި އަދާކުރަން 83 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ 2021 ވަނަ އަހަރަށް ވުރެ 26 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސުރޭޝް ވިދާޅުވީ، މިއަހަރު ވެސް އިތުރު ޕްރޮޖެކްޓްތަކަށް ބޮޑު ހޭދައެއް ކުރާނެ ކަމަށެވެ.

"މިއަހަރުގެ ފައިނޭންޝަލް ކޯސްޓް ވެސް ބޮޑުވާނެ. އެކަމަކު އެއަށްފަހު އެ ހަރަދު އަންނާނީ ކުޑަވަމުން،" ހިއްސާދާރަކު ދަރަނި އަދާކުރާ ހޭދަ ބޮޑުވުމާ ގުޅޭ ގޮތުން ސުވާލު ކުރުން އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އުރީދޫއަށް ވަނީ 1.9 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު ފައިދާގެ ގޮތުގައި 560 މިލިއަން ރުފިޔާ ލިބުނު ކަމަށް ވިދާޅުވި އެވެ.