ބަންގްލަދޭޝް ކެޕްޓަންގެ އާޖެންޓީނާ ހުވަފެން ބިލާހަކަށް
ބަންގްލަދޭޝް ކެޕްޓަންގެ އާޖެންޓީނާ ހުވަފެން ބިލާހަކަށް

ޑާކާ (މާޗު 9) - ބަންގްލަދޭޝް ގައުމީ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން މިހާރު ކުޅެމުން އަންނަ އެ ގައުމުގެ ޝެއިހް ރަސެލް ކްލަބުން ރިލީޒް ނުދިނުމުގެ ސަބަބުން، އާޖެންޓީނާ ކުލަބަކުން އޭނާ އަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ޖަމާލް ބުޔާން އަށް ފުރުސަތު ލިބިފައި ވަނީ އާޖެންޓީނާގެ ތިން ވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ސޮލް ޑި މަޔޯ އިންނެވެ. ނަމަވެސް ޝެއިހް ރަސެލް ކްލަބުގެ ކޯޗު އޭނާ ދޫކޮށްލަން ބޭނުން ނުވާތީވެ އޭނާ އަށް ވަނީ ރިލީޒް ލިބޭގޮތް ނުވެފަ އެވެ. އާޖެންޓީނާގެ ޓްރާންސްފާ ބާޒާރު އިއްޔެ ވަނީ ބަންދުވެފަ އެވެ.

"އަހަރެންގެ އެޖެންޓްގެ ފަރާތުން އެނގުނީ ޝެއިހް ރަސެލް ކްލަބުން އަހަރެންނަށް ރިލީޒް ނުދޭނެކަން. ކޯޗު ބޭނުމެއް ނުވޭ އަހަރެން ބަދަލުވާކަށް،" އުމުރުން 32 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

ބުޔާން މިހާރު ވަނީ ބުރުނާއީ އާއި ސީޝެލްސް އާ އެކު އެ ގައުމުގައި ބާއްވާ ޓްރައި ނޭޝަންސް ކަޕް މުބާރާތަށް ތައްޔާރު ވަމުން ގެންދާ ބަންގްލަދޭޝްގެ ގައުމީ ޓީމާ އެކު ފަރިތަކުރުންތަކަށް ސައުދީ އަރަބިއްޔާއަށް ގޮހެވެ. ނަމަވެސް ރިލީޒް ނުލިބުމުން ބުޔާން ވަނީ އޭނާގެ ސޯޝަލް މީޑިއާ ގައި އެކަމާ ހިތްހަމަނުޖެހުން ފާޅު ކޮށްފަ އެވެ.

"ބައެއް މީހުން އެހެން މީހުންނަށް އެންމެ ރަނގަޅު ގޮތް މެދުވެރިވާން އެދޭ. އެކަމަކު ހިތާމައަކީ އެހެން މީހުން ހަޔާތުގައި ކުރިއަރާ ތަން ދެކެން ބައެއް މީހުން ބޭނުން ނުވާކަން،" ބުޔާން ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.

މިހާތަނަށް ބަންގްލަދޭޝްގެ ގައުމީ ޓީމަށް 70 އާ ގާތްކުރާ އަދަދަކަށް މެޗު ކުޅެދީފައިވާ ބުޔާން އަކީ ޑެންމާކަށް އުފަން ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް މިހާތަނަށް އޭނާ ޖަހައިދިން ހަމައެކަނި ގޯލަކީ 2021 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕް ގައި ދިވެހިރާއްޖެ ކޮޅަށް ޖެހި ގޯލެކެވެ.

ޑެންމާކު ގިނަ ކުލަބުތަކަކަށް ކުޅުމަށް ފަހު އޭނާ ވަނީ އިންޑިއާ އައި ލީގުގައި ކޮލްކަތާ މުހައްމަދާން އަށް ވެސް ކުޅެ، އެ ޓީމުގައި ކެޕްޓަންކަން ވެސް ކޮށްފަ އެވެ.

ބުޔާން ވަނި 2019 ވަނަ އަހަރު ބެނިން ސްޕޯޓްސްގެ ސްޕެނިޝް ލީގު ސްޓޫޑިއޯ ގައި މަޝްހޫރު ކޮމެންޓޭޓަރު ޖޯ މޮރިސަން އާއި ޖޯން ބަރިޖް އާއެކު ރެއާލް ވަލަޑޮލިޑާއި ވެލެންސިއާ ކުޅުނު މެޗެއްގެ ކޮމެންޓްރީގައި ބައިވެރި ވެފަ އެވެ. މީގެ އިތުރުން އެ އަހަރު ބާސެލޯނާ އާއި އައިބާ ކުޅުނު މެޗެއްގެ ކޮމެންޓްރީ ގައި ވެސް އޭނާ ވަނީ އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އާއެކު ބައިވެރި ވެފަ އެވެ.