އިޓަލީން ޔޫރޯ އަށް ބިޑުކުރަނީ، ބޭނުމަކީ ސްޓޭޑިއަމްތައް އާކުރުން
އިޓަލީން ޔޫރޯ އަށް ބިޑުކުރަނީ، ބޭނުމަކީ ސްޓޭޑިއަމްތައް އާކުރުން

ޔޫރޯ ފުޓްބޯޅަ މުބާރާތް 2032 ވަނަ އަހަރު ބާއްވަން އިޓަލީން ބިޑުކުރަން ތައްޔާރުވަމުން އަންނަ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ގެބްރިއަލް ގްރަވީނާ ވިދާޅުވެއްޖެ އެވެ.

އިޓަލީން މި ގޮތަށް ނިންމި މައިގަނޑު ސަބަބަކީ، ބާވެފައިވާ އެ ގައުމުގެ ފުޓްބޯޅަ ސްޓޭޑިއަމްތައް އާކުރުމެވެ. އިޓަލީގެ ގިނަ ސްޓޭޑިއަމްތަކަކީ 1990 ވަނަ އަހަރު އެ ގައުމުގައި ބޭއްވި ވޯލްޑް ކަޕަށް އިމާރާތްކުރި ނުވަތަ މަރާމާތުކުރި ސްޓޭޑިއަމްތަކެވެ. އެތަންތަން ބާވުމާއި ޒަމާނީ ވަސީލަތްތައް ނެތުމުން ސަޕޯޓަރުންގެ ޝައުގު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އަދި އޭގެ ސަބަބުން ކްލަބްތަކަށް އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ.

އިޓަލީގައި މިހާރު ހުރި އެންމެ ޒަމާނީ ސްޓޭޑިއަމަކީ ޔުވެންޓަސްގެ އެލިއަންޒް އެރީނާ އެވެ. އޭސީ މިލާނާއި އިންޓަ މިލާނުން އަންނަނީ މުސްކުޅި ސެން ސީރޯ ސްޓޭޑިއަމުގެ ބަދަލުގައި އާ ސްޓޭޑިއަމެއް އަޅަން ރާވަމުންނެވެ.

ގްރަވީނާ ވިދާޅުވީ ފުޓްބޯޅަ ވަސީލަތްތައް ތަރައްގީކުރުމުގެ ބޭނުމުގައި ވަރަށް ގިނަ ކަންކަން ކުރަން ރާވަމުން އަންނަ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ޔޫރޯ ބާއްވަން ބިޑުކުރުން ކަމަށެވެ.

ބެލެވޭ ގޮތުގައި ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފްވެރި މުބާރާތުގެ 2032 ވަނަ އަހަރުގެ އެޑިޝަނުން 32 ޓީމަށް ފުރުސަތު ދޭނެ އެވެ. އެހެންވެއްޖެ ނަމަ މުބާރާތް ބާއްވާ ގައުމަކަށް ގިނަ އަދަދެއްގެ ސްޓޭޑިއަމް ތަރައްގީކުރަން ޖެހޭނެ އެވެ. އޭގެ ތެރެއިން ގިނަ ކްލަބްތަކެއްގެ ސްޓޭޑިއަމްތައް ޒަމާނީކުރުމަކީ އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުގެ އަމާޒެކެވެ.

އިޓަލީން މިހާތަނަށް ހޯސްޓްކުރި ހަމައެކަނި ފުލް ޔޫރޯ އަކީ 1968 ގެ މުބާރާތެވެ. އެކަމަކު 2021 ވަނަ އަހަރު މުޅި ޔޫރަޕަށް ހުޅުވާލައިގެން ބޭއްވި ޔޫރޯގެ އޯޕަނިން މެޗާއި އިތުރު ބައެއް މެޗުތައް އިޓަލީގެ ރޯމްގައި ބޭއްވި އެވެ. އިޓަލީގައި އެންމެ ފަހުން ބޭއްވި ބޮޑު މުބާރާތަކީ 1990 ގެ ވޯލްޑް ކަޕެވެ.

ދެންމެ އަވަހަށް އޮންނަ، އަންނަ އަހަރުގެ ޔޫރޯ ބާއްވާނީ ޖަރުމަނުގަ އެވެ. އޭގެ ފަހުން 2028 ގައި ބާއްވާ ޔޫރޯ އަށް ބިޑުކޮށްފައިވަނީ އިންގްލެންޑާއި ތުރުކީންނެވެ. މީގެ ތެރެއިން އިންގްލެންޑުގެ ބިޑުގައި އުތުރު އަޔަލެންޑާއި ސްކޮޓްލެންޑާއި ވޭލްސް އަދި ރިޕަބްލިކް އޮފް އަޔަލެންޑް ހިމެނެ އެވެ.

އެ މުބާރާތާއި 2032 ގެ މުބާރާތް ބާއްވާ ގައުމެއް ކަނޑައަޅާނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އިޓަލީގެ އިތުރުން، 2032 ގެ މުބާރާތް ބާއްވަން ޝައުގުވެރިވަނީ ތުރުކީ އެވެ.